ENGLISH
29 އޮކްޓޯބަރު 2025
އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ: ރައީސް
06 އޮކްޓޯބަރު 2025
|
އދ. ދިއްދޫ ރައްޔިތުންގެ ބައްދަލްވުން --
އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށި ބަދަލުކުރުމުގެ މަސައްކަތް، އަންނަ ނޮވެންބަރު މަހު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދިއްދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ.
ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މިވަގުތު ދިރިއުޅެމުންދާ ރައްޔިތުންނާއެކު މިއަދު، ދިއްދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދެވި މި މަޝްވަރާބައްދަލުކުރެއްވުމުގައި، ދިއްދޫ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރަށު ކައުންސިލާއި ރައްޔިތުން ވަނީ ބަނދަރުގެ ނެރުފައިކަށި މިހާރު ހުރިތަނުގެ ގޮތުން ހުޅަނގު މޫސުމުގައި ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކާއި އުނދަގޫތައް ހިއްސާ ކުރައްވާފަ އެވެ. މީގެ އިތުރުން ރަށުގެ ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢާއި ބެހޭގޮތުން ރައްޔިތުން ވަނީ މަޢުލޫމާތު ހިއްސާ ކުރައްވާފަ އެވެ.
ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ގިނަ ދުވަސްވެފައިވާ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ނޮވެންބަރު މަހު މަސައްކަތް ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.