ENGLISH
29 އޮކްޓޯބަރު 2025
އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް ހުއްޓިފައި ހުރި ނަރުދަމާގެ މަޝްރޫޢުގެ އެއްބަސްވުންތައް ބާތިލްކުރަނީ
06 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ އދ. ފެންފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
މިދިޔަ ސަރުކާރުގައި އަމިއްލަ ކުންފުނިތަކާ ޙަވާލުކޮށްފައިވާ ނަރުދަމާގެ މަޝްރޫޢުތައް ހުރީ ހުއްޓިފައި ކަމަށާއި، ސަރުކާރުން ބާރުއަޅައިގެން ވެސް އެމަސައްކަތްތައް ކުރިއަށް ނުދާތީ، އެގޮތަށް ހުރި އެއްބަސްވުންތައް ބާޠިލްކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު އދ. ފެންފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ފެންފުށީގެ ނަރުދަމާގެ މަސައްކަތް ވެސް އޮތީ އަމިއްލަ ކުންފުންޏަކާ ޙަވާލުކޮށްފައި ކަމަށާއި، އެގޮތަށް އެހެން ރަށްރަށުގައި ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވާ ކަމަށެވެ.
އެމަނިކުފާނު ސަރުކާރާ ޙަވާލުވެވަޑައިގެންނެވިއިރު، ޙަވާލުކޮށްފައި ހުރި ނަރުދަމާގެ މަޝްރޫޢުތަކުގައި ކޮށްފައިވާ މަސައްކަތްތަކަށް ދޭންޖެހޭ ފައިސާ ދޫކުރައްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް ސަރުކާރުން ބާރުއަޅައިގެން ވެސް ނަރުދަމާގެ މަޝްރޫޢުތައް ނުހިނގާކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.
"އަޅުގަނޑުމެން މިހާރު ނިންމާފަ މިއޮތީ ޓާމިނޭޝަނަަކަށް ދާގޮތަށް. ޓާމިނޭޓް ކޮށްގެން ވިޔަސް މިކަން ކުރަން. ވަކި ބަޔަކާ ޙަވާލުކޮށްގެން ވެސް ކުރާގޮތަށް. އެހެންވީމަ މިއީ ވަރަށް ލަސްވާ ކަމެއް. މިކަން ކުރެވިގެންދާއިރުގަ އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރާނަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ފެނުގެ މައްސަލަ ވެސް އޮތީ އެގޮތަށް ކަމަށާއި، އެމަސައްކަތްތައް މިހާރު އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށް ޙައްލުކުރައްވާފައިވާނެ ކަމަށެވެ.
ފެންފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފެންފުށީ ރައްޔިތުންގެ ހުށަހެޅުމާ އެއްގޮތަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި "ކީވޯލް" މަސައްކަތް ހިމަނުއްވާފައިވާނެ ކަމަށެވެ. އަދި އެރަށުގެ މިސްކިތުގެ މަސައްކަތް ކުރިއަށްގެންދާނީ ހިނަވާގެއެއް ހިމެނޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފެންފުށީގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ވީ އެއްބަސްވުމާއެކު، ދެ ފަންގިފިލާ ހިމެނޭ ޞިއްޙީ މަރުކަޒެއް އިމާރާތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ފެންފުށީ ސްކޫލް އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތްނަމަވެސް، އަލުން އެމަސައްކަތް ފައްޓަވައި ކުރިއަށް އޮތް ދިރާސީ އަހަރަށް އެ އިމާރާތް ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އާ އަހަރުގެ ބަޖެޓުގައި ފެންފުށީގައި މަލްޓި ޕާޕަސް ހޯލެއް ތަރައްޤީކުރަން ހިމަނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފެންފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރީންނާއި ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ.