ENGLISH

30 އޮކްޓޯބަރު 2025

Advertisement

ފެނަކަ "ލޫޓުވައިލުން"؛ ކުންފުނީގެ ދަރަނި ފަސް އަހަރުން %389 މަތިކޮށްލި

26 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ފެނަކަ ކޯޕަރޭޝަންގެ ދަރަނި އިންތިހާއަށް އިތުރުވިއިރު އެ ކުންފުނީގެ ތެރެއިން ގިނަ ނާޖައިޒު ކަންކަން ހިންގާފައިވޭ

ފެނަކަ ކޯޕަރޭޝަނަކީ އުފެދުނީއްސުރެ ސިޔާސީ ކަންކަމަށް ބޭނުންކުރަމުން އައި ހަތިޔާރެކެވެ. ވަޒީފާ އުފައްދާށެވެ. ގާތް މީހުންނާއި އެކުވެރިންނަަށް މަޝްރޫއުތައް ދިނުމަށެވެ. ސިޔާސީ ގޮތުން ރަށްރަށުގައި ނުފޫޒު ގަދަ އާއިލާތަކުގެ ތާއީދު ހޯދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށެވެ. ދައުލަތުން ފޯރުކޮށްދޭ އަސާސީ ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށްވީ ނަމަވެސް އެ ކުންފުނީގެ އިދާރީ އިންތިޒާމުތަކާއި ހިންގުމުގެ އުސޫލުތައް ސަރުކާރުތަކުން ނަގަހައްޓަމުންއައި މިދެންނެވި ސިޔާސީ މަންފާ ހޯދުމަށް މަގުފަހިވާނެ ގޮތަށެވެ. 

ފެނަކައަކީ މިދެންނެވި ގޮތަށް އޮތް ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ ހާލަތު ގޯހުން ގޯހަށް ދިޔައީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ނާޖާއިޒު ނަހަމަ އެތައް މުއާމަލާތެއް އެ ކުންފުނީގެ ތެރެއިން ހިންގައި، ކުންފުނީގެ މުޅި ހިންގުމުގެ ނިޒާމު ހަލާކުކޮށް ސުންނާފަތިކޮށްލުމުންނެވެ. 

ފެނަކަ ބޭނުންކުރި ގޮތާއި، އެ ކުންފުނި މެދުވެރިކޮށް ހިންގި މުއާމަލާތްތަކުގެ ތެރެއިން ހިންގާފައިވާ ނުރަނގަޅު ކަންކަން އެންމެ ބޮޑަށް ސާފުވަނީ ކުންފުނީގެ މާލީ ހިސާބުތަކުންނެވެ. ކުންފުނީގެ ދަރަނި ބޮޑުވި ގޮތުންނެވެ. ކުންފުނީގެ ދަރަނީގެ ބޮޑު ބަޔަކީ އެ ކުންފުންޏަށް މުދަލާއި ހިދުމަތް ފޯރުކޮށްދިން އަމިއްލަ ކުންފުނިތަކާއި ފަރުދުންނަށް ދޭންޖެހި ނުދީ ހުރި ފައިސާއެވެ. 

2018 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިން މުދަލާއި ހިދުމަތުގެ އަގަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ 625.17 މިލިއަން ރުފިޔާއެވެ. ނެގި ލޯނުތަކުގެ ބާކީ ނުދައްކައި ހުރި އަދަދަކީ 171.44 މިލިއަން ރުފިޔާއެވެ. އެހެންކަމުން ފެނަކައިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތަކުގެ ޖުމްލަ އަގަކީ 796.61 މިލިއަން ރުފިޔާއެވެ. 

އޮޑިޓާ ޖެނެރަލްެގެ އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓު ރިޕޯޓެއްގައި ފެނަކައިގެ މާލީ ހާލަތަށް އައި ބަދަލުތަކަށް ވަރަށް ތަފުސީލު ގޮތެއްގައި އަލިއަޅުވައިލާފައިވެއެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި ފެނަކައިން މުދަލާ ހިދުމަތުގެ އަގަށް ދައްކަންޖެހޭ ފައިސާ އަހަރުން އަހަރަށް އައީ އިތުރުވަމުންނެވެ. އެގޮތުން 2018 ވަނަ އަހަރު 625 މިލިއަން ރުފިޔާ ދައްކަންޖެހިފައި އޮތް ނަމަވެސް 2021 ގައި 1.4 ބިލިއަނަށް، 2022 ގައި 2.8 ބިލިއަނަށް އަދި 2023 ގެ ނިޔަލަށް 2.9 ބިލިއަނަށް އެ އަދަދު އެރިއެވެ. 

އޭގެ އިތުރަށް ލޯނުގެ ގޮތުގައި ފެނަކައިން ދައްކަންޖެހޭ ފައިސާގެ ގޮތުގައި 2018 ވަނަ އަހަރު 171.44 މިލިއަން ރުފިޔާ ރެކޯޑުކުރެވިފައި އޮތް ނަމަވެސް އެ އަދަދު 2021 އަދި 2022 ގައި އެ އަދަދު 121.6 މިލިއަން ރުފިޔާގައި އޮތުމަށްފަހު، 2023 ވަނަ އަހަރުގެ ނިޔަލަަށް އެ އަދަދު 3.89 ބިލިއަނަށް އަރައިފިއެވެ. 

މައިގަނޑު ގޮތެއްގައި ފެނަކައިގެ ދަރަނި އިތުރުވީ ކުންފުނީގެ މުވައްޒަަފުން އިތުރުވުމާއި، ކުންފުނިން ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ހިދުމަތްތަކާއި ތަކެތި ގަތުމަށްފަހު ދައްކަންޖެހޭ ފައިސާ ނުދައްކައި އިތުރުވަމުން ދިއުމުގެ ސަބަބުންނެވެ. އަދި އެ ކުންފުނިން އެ މުއްދަތުގައި ނެގި ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތައް އިތުރުވުމަކީވެސް ދަރަނި އިތުރުވި ސަބަބެކެވެ. 

އެ ކުންފުނިން ހޯދި މުދަލާއި ހިދުމަތުގެ އަގުގެ ގޮތުގައި، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ 241.9 މިލިއަން ރުފިޔާ ނުދައްކައި އެބަހުއްޓެވެ. ރާއްޖޭގެ އަމިއްލަ ފަރާތްތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 955.5 މިލިއަން ރުފިޔާއަށް އަރައެވެ. އެފްއެސްއެމްއިން ތެޔޮ ގަތުމަށްފަހު އެ ކުންފުންޏަށް ދޭންޖެހޭ ފައިސާގެ ތެރެއިން 1.78 ބިލިއަން ރުފިޔާ ދައްކަންޖެހި ނުދައްކައި އޮތެވެ. އަދި ސަރުކާރުގެ ކުންފުނިތަކަށް ދައްކަންޖެހޭ 13.7 މިލިއަން ރުފިޔާ ނުދައްކައި އޮތެވެ. 

އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 2018 ވަނަ އަހަރުގެ ނިޔަލަށް ހިދުމަތާއި މުދަލުގެ އަގުގެ ގޮތުގައި ނުދައްކައި ހުރި ފައިސާއަށްވުރެ 2023 ވަނަ އަހަރު ނިމުނުއިރު ނުދައްކަައި ހުރި ފައިސާގެ އަދަދު 379.35 އިންސައްތަ އިތުރުވިއެވެ. 

ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހި ނުދައްކައި ހުރި ފައިސާގެ ތެރެއިން 773 ފަރާތަކަށް ދައްކަންޖެހޭ 2.9 ބިލިއަން ރުފިޔާއަކީ، އެއް އަހަށްވުރެ ގިނަ ދުވަސްވަންދެން ފައިސާ ނުދައްކާ ހުރި ބިލުތަކަށް ދައްކަަންޖެހޭ ފައިސާއެވެ. 

ގިނަ ބަޔަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައި ގިނަ ދުވަސްވީއިރު އޮޑިޓު ރިޕޯޓުން ފާހަގަވި ގޮތުގައި ބައެއް ކުންފުނިތަކަށް ވަރަށް ފަސޭހައިން ފައިސާ ދޫކުރަމުންދިޔައެވެ. އެގޮތުން 79 ފަރާތަކަަށް އިންވޮއިސް ހުށަހަޅަތާ އެއް މަސްދުވަހުގެ ތެރޭގައި ފައިސާ ދޫކުރެއެވެ. އަދި އެ ފަރާތްތަކަށް ފެނަކައިން ދައްކަންޖެހޭ ފައިސާގެ 98 އިންސައްތަ ފައިސާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ދީފައިވެއެވެ. 

އޮޑިޓު ރިޕޯޓުން ސާފުވާ ހަގީގަތަކީ ފެނަކަ ކުންފުނިން އެތައް ބައެއް ލައްވައި މަސައްކަތް ކުރުވައި ފައިސާ ނުދީ، ސަރުކާރުން ކުންފުނި ހިންގުމަށް ހަތަރު ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ހޯދައިގެން ހިންގާފައިވަނީ ޖަރީމާ ކަމެވެ. ވަކި ބަަޔަކަށް މަންފާވާ ގޮތަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް އެ ކުންފުނިން ދޫކޮށް ބަހައިލި ކަމެވެ. ކުންފުނި އޮތީ އެ ކުންފުނިން ދޭ އަސާސީ ހިދުމަތްތައް ކަމުގައިވާ، ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްވެސް ދޭން ދަތިވާ ހާލަތުގައި ކަމެވެ. 

ދައުލަތުން ރައްޔިތުންނަށް ކަށަވަަރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއް މިހައި ޣައިރު ޒިންމާދާރު ގޮތެއްގައި ހިންގައި، އެ ކުންފުނި ދަރުވާލައި، ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރިވެ ނާޖައިޒު ގޮތުގައި ބޭނުންކުރުން "ލޫޓުވާލައިލުން" ނޫން ގޮތަކަށް ސިފަނުކުރެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު