ENGLISH
07 ޖޫން 2026
ފްރެންޗް އޯޕަން: ގްރޭންޑް ސްލޭމް ކާމިޔާބުކޮށް އަންދްރީވާ ޓެނިހުގެ ތަރިއަކަށް
06 ޖޫން 2026
|
ޓެނިސް ކުޅުންތެރިޔާ މީރާ އަންދްރީވާ: ފްރެންޗު އޯޕަން ކާމިޔާބު ކުރުމާއިއެކު އޭނާ ވެގެންގޮސްފައިވަނީ ފާއިތުވި 30 އަހަރުގެ ތެރޭގައި އެ މަގާމު ކާމިޔާބު ކުރި އެންމެ ހަގު ކުޅުންތެރިޔާއަށް--
އެންމެ މަޤްބޫލު
އަންހެން ޓެނިހުގެ ދުނިޔޭގައި އުފެދުނު އެންމެ އުންމީދީ އެއްކުޅުންތެރިޔާ ކަމަށްވާ މީރާ އަންދްރީވާ، ފްރެންޗް އޯޕަންގެ ފައިނަލުގައި މާޔާ ފަލިންސްކާ ބަލިކޮށް، ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި އެ މުބާރާތް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފިއެވެ.
އަންދްރީވާ ފަލިންސްކާގެ މައްޗަށް ކުރި ހޯދީ 3-6، 2-6 ގެ ނަތީޖާއަކުންނެވެ. މިއާއެކު އޭނާ ވަނީ ދުނިޔޭގެ އެންމެ މަތީފަންތީގެ ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
ރަޝިއާއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ މި ކުޅުންތެރިޔާއަކީ މީގެ ކުރިންވެސް ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ކުޅުންތެރިއެކެވެ. އޭނާގެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކުރުމާއެކު، އޭނާ މިހާރު ހިމެނިފައިވަނީ އީގާ ސްވިއާޓެކް، އަރީނާ ސަބަލެންކާ އަދި ކޯކޯ ގޯފް ފަދަ ދުނިޔޭގެ މަޝްހޫރު ޗެމްޕިއަނުންގެ ލިސްޓުގައެވެ.
މިއީ 1992 ވަނަ އަހަރު މޮނިކާ ސެލެސް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޕެރިހުގައި ތަށި އުފުލާލި ފަހުން، ރޮލަންޑް ގަރޯސްގައި އަންހެން ސިންގަލްސް ތަށި ހޯދި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑެވެ. މިއީ އޭނާގެ ހުނަރުވެރިކަން ހާމަވެގެންދިޔަ ތާރީޚީ ކާމިޔާބީއެކެވެ.
ފައިނަލްގައި އަންދުރީވާ އާއި ވާދަކުރި، ފަލިންސްކާ، މުބާރާތުގެ ކޮލިފައިން ބުރުން ފެށިގެން ފައިނަލާ ހަމައަށް، އޭނާ ހިތްވަރުގަދަ މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އޮހުނު ނަމަވެސް، އުމުރުން 24 އަހަރުގެ ފަލިންސްކާއަށް، އޭނާ މީގެ ކުރިން ކުޅުނު ނުވަ މެޗުގައި ދެއްކި މޮޅު އުކުޅުތައް ފައިނަލުގައި ތަކުރާރު ކުރެވޭ ގޮތެއް ނުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަންދްރީވާ ދިޔައީ ވަގުތުގެ ބޭނުން ހިފާ އޭނާގެ ކުޅުން ވަރުގަދަކޮށް، ޕްރެޝަރު ކޮންޓްރޯލް ކުރަމުންނެވެ. މި މެޗުން ފެނިގެންދިޔައީ އަންހެން ޓެނިހުގެ ކުރިމަގު ބައްޓަންކުރާނެ އާ ބާރެއް އުފަންވި މަންޒަރުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އަނެއްކޮޅުން ފަލިންސްކާގެ ކުޅުން ފައިނަލުގައި އެދެވޭ މިންވަރަށް ނުދެއްކުނު ނަމަވެސް، އޭނާއަށް ވެސް މިހާރު ވަނީ އުންމީދީ ދޮރުތަކެއް ހުޅުވިފައެވެ. އެގޮތުން މި މުބާރާތަށްފަހު އޭނާ ދުނިޔޭގެ ރޭންކިންގެ 21 ވަނައަށް ކުރިއަށް ޖެހިލާނެއެވެ.
މިއީ ގްރޭންޑް ސްލޭމް ފައިނަލެއްގައި މި ދެކުޅުންތެރިންވެސް ވާދަކުރި ފުރަތަމަ ފަހަރު
މެޗުގެ ފުރަތަމަ ސެޓުގައި ދެ ކުޅުންތެރިންގެ ފަރާތުންވެސް ފައިނަލެއްގެ ޕްރެޝަރު ފެނިގެންދިޔައެވެ. ކޮލިފައިން ބުރުން ފެށިގެން އައިސް ގްރޭންޑް ސްލޭމް ފައިނަލަކަށް ދިޔަ ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދި ފަލިންސްކާ، މެޗުގެ ކުރީކޮޅު ރަނގަޅު ހިތްވަރެއް ދެއްކިއެވެ. ނަމަވެސް ދެ ކުޅުންތެރިންނަށްވެސް އެއްވަރެއްގައި ކުޅުން ހިފަހައްޓައެއް ނުލެވުނެވެ.
ނަތީޖާ 3-3 ގައި އޮއްވައި އަންދްރީވާ އޭނާގެ ހަމަލާތައް ވަރުގަދަކޮށް، ފަލިންސްކާ ޑިފެންސަށް ފައިބަން މަޖުބޫރު ކުރުވިއެވެ. އަންދްރީވާގެ އިތުބާރު ބޮޑުވަމުން ގޮސް، ފުރަތަމަ ސެޓު އޭނާ ކާމިޔާބުކުރީ ވަރަށް ހަމަޖެހިލައިގެންނެވެ.
މިނަތީޖާ އާއިއެކު އިތުބާރުލިބި ދެވަނަ ސެޓުގައި އަންދްރީވާގެ ކުޅުން އިތުރަށް ވަރުގަދަވިއެވެ. އޭނާ ވަނީ ސެޓުގެ ކުރީކޮޅު 0-4 ގެ ލީޑެއް ނަގާފައެވެ. އަދި ފަލިންސްކާ ފަހަތުންއަރައި ނަތީޖާ 2-5 އަށް ބަދަލުކޮށްލި ނަމަވެސް، އަންދްރީވާގެ ހިތްވަރަށް ބަދަލެއް ނައެވެ. އެންމެ ފަހުން މޮޅު ބެކްހޭންޑް ހަމަލާއަކުން އޭނާ މެޗު ކާމިޔާބުކުރިއެވެ.
މި ކާމިޔާބީއާއެކު އިނާމެއްގެ ގޮތުގައި އަންދްރީވާއަށް 3.22 މިލިއަން ޑޮލަރު ލިބުނުއިރު، ރަނަރަޕް ފަލިންސްކާއަށް 1.61 މިލިއަން ޑޮލަރު ލިބުނެވެ. މިއީ ފަލިންސްކާގެ މުޅި ކެރިއަރުގައި މިހާތަނަށް ހޯދި އާމްދަނީގެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.