ENGLISH

07 ޖޫން 2026

Advertisement

މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް ޑރ. މުޢިއްޒުއާ އެކު މިތިބީ ގަދަކޮށް: ޢަބްދުއްރަޙީމް

06 ޖޫން 2026

|

ޢަލީ ޝަހީމް

ހިތަދޫ އުތުރު ދާއިރާގެ ކެމްޕޭން ހަރަކާތެއްގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވަޑައިގަންނަވަނީ.

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ގޮނޑި ކާމިޔާބުނުކުރެވުނަސް، ލިބުނު ނަތީޖާއާއެކު ހިތްވަރު ލިބިގެން 2028 އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެކު އަމާޒު ހިފައިގެން ގަދަކޮށް ހުންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ މިއަދުގެ ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާއަށް ފަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ކުރި ހޯއްދެވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު އެވެ. ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދުއާއި ސޯދިގާ ދެމެދު ފަރަގަކަށްވީ 62 ވޯޓެވެ. 

'އެކްސް' ގައި ކުރެވި ޕޯސްޓުގައި ޢަބްދުއްރަޙީމް ވަނީ، ސަޢީދަށް ވޯޓުދެއްވި އެ ދާއިރާގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވައިފައެވެ. 

"އަޙްމަދު ސަޢީދު ކުރެއްވި މަސައްކަތާ ހިތްވަރަށް ސާބަސްދެން. ކެމްޕެއިންޓީމުގެ މަސައްކަތަށް ތަޢުރީފު ޙައްގު. އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް." ޢަބްދުއްރަޙީމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. 

ބައި-އިލެކްޝަނުގައި ހިތަދޫގައި ބެހެއްޓި ފޮށިތަކުން ސަޢީދު ވަނީ 34 ވޯޓުގެ ތަފާތުން ކުރި ހޯއްދަވައިފައެވެ. އިންތިޚާބު ގެއްލުނީ މާލޭގެ އެއް ވޯޓުފޮށިން ފަރަގު ބޮޑުވުމުންނެވެ. އިންތިޚާބުގައި ސޯދިގަށް 51.15 އިންސައްތަ ލިބިވަޑައިގަތެވެ. އެއީ 1375 ވޯޓެވެ. ޕީއެންސީގެ ކެންޑިޑޭޓް ސަޢީދުއަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. އެއީ 48.85 އިންސައްތައެވެ.

"އިންޝާ اللہ، މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުޢިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް." ޕޯސްޓު ނިންމަވާލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވެފައިވެއެވެ. 

އައްޑޫ ބައި-އިލެކްޝަނުގައި ޕީއެންސީން ކުރި މަސައްކަތުގައި ޢަބްދުއްރަޙީމް ވަނީ ޕާޓީގެ ލީޑަރޝިޕާއެކު ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. 

މިއަދުގެ އިންތިޚާބުގެ ނަތީޖާއަށް ފަހު ބައި-އިލެކްޝަނުގެ ކެމްޕޭން މެނޭޖަރު އަދި ވަޒީރު ޢަބްދުﷲ ރާފިޢު މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއިން ކުރިމަގުގެ ރާސްތާ ފެނިއްޖެ ކަމަށާއި، އާ ފެށުމަކާއެކު ޕާޓީގެ މަސައްކަތްތައް އިތުރަށް ފުޅާކުރައްވާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު