ENGLISH
17 ސެޕްޓެމްބަރު 2025
އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ ޤައުމީ ފުޓްސަލް ޓީމުގެ ސްކޮޑު ފައިނަލްކޮށްފި
16 ސެޕްޓެމްބަރު 2025
|
ޤައުމީ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. --ފޮޓޯ: ޕީއެސްއެމް
ދެހާސް ސައްބީސް ވަނަ އަހަރު އިންޑޮނޭޝިއާގައި ބާއްވާ އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕަށް ކުޅޭ ކޮލިފައިންގައި ވާދަކުރާ ޤައުމީ ޓީމުގެ ސްކޮޑު އިޢުލާންކޮށްފިއެވެ.
މި މަހުގެ 20-24 ދެމެދު ކުރިއަށްދާ ކޮލިފައިންގ ބުރުގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުރިއަށްދާނީ މިޔަންމާ ގައެވެ. މި ގްރޫޕުގައި ރާއްޖެ އާއި މިޔަންމާގެ އިތުރުން ދެން ހިމެނެނީ އަފްޣާނިސްތާނެވެ.
މިއަދު އިޢުލާނުކުރި ރާއްޖޭގެ ފުޓްސަލް ޓީމުގައި ހިމެނެނީ 14 ކުޅުންތެރިންނެވެ. އެއީ، އަހުމަދު އަޔާޒް (އަޔާ)، އިޝާން އިބްރާހިމް (ސައްޓު)، އަލީ ހާފިޒް (އައްޔަ)، އިސްމާއިލް ވަޖީހު، ހުސައިން ސުހައިލް، ސާމިން މުޙައްމަދު ނަސީރު، އަލީ ޝިޔާހު، މުޙައްމަދު ފާސިރު (ފާއްޓޭ)، އަލީ ޝަމާލް (ޝަންމު)، ހުޒައިފަތު ރަޝީދު (ހުޒޭ)، މުޙައްމަދު އިމްރާން (އިންމި)، ޢަބްދުﷲ ނާސިހު، އަހުމަދު ރާހިލް އާއި ޢަބްދުﷲ ޒިމާމް އެވެ.
އިންޑޮނޭޝިއާގައި ބާއްވާ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ޤައުމީ ޓީމަށް އިރުޝާދު ދޭނީ، ކުރީން ފުޓްސަލް ކުޅެފައިވާ އަދި ފަހުން ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ އަހުމަދު ނިޔާޒް (ނިޔާ) އެވެ. މި ޓީމުގެ މެނޭޖަރެއްގެ ގޮތުގައި މުޙައްމަދު އުމައިރު ހަމަޖައްސާފައިވާއިރު، އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނީ މުޙައްމަދު ފުހައިދު އެވެ.
އަންނަ އަހަރުގެ ޖަނަވަރީ 27 އިން ފެބުރުއަރީ 7 ގެ ނިޔަލަށް ތާވަލްކޮށްފައިވާ މުބާރާތުގެ ހޯސްޓުގެ ގޮތުގައި އިންޑޮނޭޝިއާ އަށް އޮޓޮމެޓިކް ޖާގައެއް ލިބިފައިވާއިރު، ބާކީ 15 ޖާގަ ކަނޑައެޅިގެންދާނީ ކޮލިފިކޭޝަން ބުރުގައި ވާދަކުރާ 31 ޓީމު ބަހާލެވިފައިވާ 8 ގްރޫޕުގެ މެޗުތަކަށްފަހު އެވެ.
އެގޮތުން، މުބާރާތުގެ ކޮލިފިކޭޝަން ބުރުގައި ހިމެނޭ 8 ގްރޫޕުގެ އެއްވަނަ މަގާމު ހޯދާ ޓީމުތަކުގެ އިތުރުން، ހުރިހާ ގްރޫޕަކުން ދެވަނައަށްދާ 8 ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތް ޓީމަކަށްވެސް އޮޓޮމެޓިކް ޖާގަ ލިބޭނެ އެވެ.
ރާއްޖޭން އެންމެ ފަހުން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅުނީ 2023 ވަނަ އަހަރު އެވެ. އެފަހަރު ރާއްޖެ ހިމެނުނީ އޭޝިއާ ބައްރުގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވާ އީރާންގެ އިތުރުން ލެބަނަން އަދި ކިރްގިސްތާނާ އެއް ގްރޫޕެއްގައެވެ. އީރާން އަތުން 18-2 އިން ބަލިވިއިރު، ލެބަނަން އަތުން ބަލިވީ 6-1 އިންނެވެ. އަދި، ފަހު މެޗުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.
އަންނަ އަހަރު އިންޑޮނޭޝިއާގައި ބޭއްވުމަށް ތާވަލްކުރެވިފައިވާ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 20 ވަނަ ދުވަހު ބައްދަލުކުރާނީ އަފްޣާނިސްތާނާ އެވެ. އޭގެ ދެ ދުވަސްފަހުން ރާއްޖޭގެ ފަހު މެޗުގައި ނިކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.