ENGLISH

05 ސެޕްޓެމްބަރު 2025

Advertisement

ރާއްޖެ އާއި ސަޢޫދީގެ ގުޅުން މިއަދު ވެސް އޮތީ ވަރުގަދަކޮށް: މިނިސްޓަރު ޚަލީލް

13 އޯގަސްޓު 2025

|

ޝާމަ ޝުޢައިބު

ސަޢޫދީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ފުރާވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ސަޢޫދީ އަރަބިއްޔާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިރާދަކުރެއްވިއްޔާ މިއަދު ވެސް އޮތީ ވަރުގަދަކޮށް ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. 

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުވެވަޑައިގެންފައިވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި ސަޢޫދީ އަރަބިއްޔާ އަދި މެދުއިރުމަތީގެ އިސްލާމީ ގައުމުތަކާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. 

"ސަޢޫދީ އަރަބިއްޔާގެ ގުޅުން އެއްކަމަކަށް ވަރަށް ވަރުގަދަ. ސަޢޫދީގެ އެހީތެރިކަން ވަރަށް ވަރުގަދަ. އަދި ދުވަހެއް ދުވަހަކަށް ދަނީ ވަރުގަދަ ވަމުން، " - މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މަޝްރޫތަކުގައި ވަރަށް ޚާއްސަ ޝާމިލްކަމެއް ސަޢޫދީ އަރަބިއްޔާގެ ފަރާތުން އޮންނަ ކަމަށެވެ. އެގޮތުން ސަޢޫދީ ސަރުކާރާއި ސަޢޫދީ ފަންޑު މެދުވެރިކޮށް ވަރަށް ޚާއްސަ ސަމާލުކަމެއް ރާއްޖޭގެ ތަރައްގީއަށް ދީގެން މަސައްކަތް ކުރައްވާކަން މިނިސްޓަރު ޚަލީލް ހާމަކުރެއްވިއެވެ.

އެގޮތުން އެއާޕޯޓްގެ ޓާމިނަލަށް ސަޢޫދީ ފަންޑުން ހޭދަކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާ ހިސާބަށް އައިރު ސަޢޫދީގެ އެކިއެކި މަންދޫބުންނާއެކު ބޭއްވި ބައްދަލުވުންތަކާ އެ ގައުމަށް ކުރެވުނު ދަތުރުތަކަށް ބަލާއިރު އެ ގައުމުގެ އިސްވެރިން ހަ ފަހަރު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖެއިން މިހާތަނަށް ހަތް ފަހަރު ސަޢޫދީއަށް ގޮސް އެގައުމުގެ އިސް ބޭފުޅުންނާ ބައްދަލުކުރުންތައް ބާއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި ސަޢޫދީ އަރަބިއްޔާ އާ ދެމެދު އޮތް ގުޅުމަކީ އަހުވަންތަ އިސްލާމީ ނަމޫނާގެ ތެރެއިން ކުރިއަށްދާ ގުޅުމެއް ކަމަށެވެ. މިނިސްޓަރު ޚަލީލްގެ ވާހަކައިގައި ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ކުރީކޮޅު ސަޢޫދީ ސަރުކާރުން އެހީދިން ކަން ވެސް ފާހަގަކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު