ENGLISH
08 ސެޕްޓެމްބަރު 2025
ރާއްޖޭގެ އިސް ވަފުދެއް ވަރަށް އަވަހަށް ޗައިނާއަށް ދަތުރުކުރާނެ: މިނިސްޓަރ ޚަލީލް
13 އޯގަސްޓު 2025
|
ދިވެހި ރާއްޖޭގެ އިސް ވަފުދެއް ވަރަށް އަވަހަށް ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ދޭދޭ ޤައުމުތަކާއެކު ގުޅުން ވަރުގަދަކުރުމަށް އެކިއެކި ޤައުމުތަކާއެކު ބައްދަލުވުންތަކާއި ދަތުރުތައް ކުރަމުންދާ ކަމަށެވެ.
"ޚާއްސަ ގޮތެއްގައި ސްޓެޖިކް ޕާޓްނަރުންގެ ގޮތުގައި ބަލާ ގައުމުތައް ވަރަށް އެކުވެރި ގާތް ހަމަހަމަ ގުޅުންތަކެއް ބޭއްވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެން. އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގްބަލެއްގައި ރާއްޖޭގެ ވަފްދެއް ޗައިނާއަށް ދަތުރެއް ކުރާނެ." - ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް
އަދި ރާއްޖެއިން އެކި ޤައުމުތަކާ ގުޅުން ބޭއްވުމުގައި ހަމަހަމަ އަދި ގާތް ގުޅުންތަކެއް ދެމެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއްދޭކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ވަކި ޤައުމެއް ދުރުކޮށް، އަނެއް ޤައުމެއް ގާތްކުރުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތެއް ނޫންކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއްދެނީ ދިވެހިންނާއި ދިވެހި ޤައުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި ޤައުމާއި ރައްޔިތުންނަށް ފައިދާކުރާނެ ކޮންމެ ކަމަކަށް، ކޮންމެ ޤައުމަކާއެކު ގުޅުން ވަރުގަދަކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުންދަނީ ރާއްޖެއިން ޚާރިޖީ ގުޅުންތައް ބަދަހިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ރާއްޖޭގެ މަޞްލަޙަތު އިސްކޮށް، ޤައުމަށް ފައިދާހުރި ގޮތަށް ޚާރިޖީ ސިޔާސަތު ބައްޓަންކުރަމުންދާކަން ފާހަގަކުރެވެއެވެ.