ENGLISH
13 އޯގަސްޓު 2025
މާޒިޔާ ބަލިކޮށް، އަލް އަރާބި އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖަށް
12 އޯގަސްޓު 2025
|
މާޒިޔާއާ އަލް އަރާބި ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭއެފްސީ
އޭއެފްސީ ޗެލެންޖް ލީގު (އޭސީޖީއެލް) ގެ ޕްރެލިމިނަރީ ސްޓޭޖުގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ކުވެއިތުގެ އަލް އަރާބި ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން އަލް އަރާބި މޮޅުވީ 4-0 އިންނެވެ.
މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެންމެ ފަހުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި އަލް އަރާބިން ވަނީ މާޒިޔާ ކޮޅަށް ލަނޑުޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަނަޔޯ އިވުއާލާ އެވެ.
އޭގެފަހުން، ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް އަލް އަރާބިގެ ލީޑު ފުޅާކޮށްދިނީ ފޮންޓެއިން ބިން އެންގޯއި އެވެ. މި ގޯލާއެކު އެ ޓީމުން ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު، އަލް އަރާބިން ވަނީ ތިންވަނަ ލަނޑުޖަހައިފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ ކްރިސްޓޮފާ ޕޮވެއި އެވެ.
އޭގެފަހުން، މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް، އަލް އަރާބިން ޖެހި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ބަދަލަކަށް ކުޅެން އެރި ހުސެއިން މޮހްސެން އެވެ.
އޭއެފްސީ ޗެލެންޖް ލީގުގެ ގުރޫޕް ސްޓޭޖުގައި މާޒިޔާއިން ވަނީ މިދިޔަ އަހަރު ވެސް އަލް އަރަބިއާ ދެކޮޅަށް ކުޅެފަ އެވެ. އެ ފަހަރު ކުވެއިތުގައި ސެންޓްރަލައިޒްކޮށް ކުޅުނު ގްރޫޕް ސްޓޭޖު މެޗުން އަރަބި އަތުން މާޒިޔާ ބަލިވީ 2-0 އިންނެވެ.
މިއީ އޭއެފްސީގެ މުބާރާތެއްގެ ގްރޫޕް ސްޓޭޖުގެ ކޮލިފައިންގައި މާޒިޔާ އަށް ނާކާމިޔާބުވީ ފުރަތަމަ ފަހަރެވެ. މީގެކުރީން، އެ ޓީމުން އޭއެފްސީ މުބާރާތެއްގެ ކޮލިފައިންގައި ކުޅުނު ދެފަހަރުވެސް ވަނީ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފައެވެ.