ENGLISH

08 ސެޕްޓެމްބަރު 2025

Advertisement

ޒުވާން ހަތީބުން ތަމްރީނުކުރުން؛ 503 ހަތީބުން ތަމްރީނުކޮށްފި

12 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ޒުވާން ހަތީބުން ޕްރޮގުރާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ދަށުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ އެކި މަސައްކަތްތަކުގައި ޒުވާނުން ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ އެކި މަސައްކަތްތަކުގެ ތެރެއިން ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ ތިން ބުރެއް ހިންގާފައިވެއެވެ. 

އެގޮތުން ހަތީބުން ތަމްރީނުކުރުމުގެ ފުރަތަމަ ބުރުގައި 65 ޒުވާނުންނަށް ހަތީބުކަމުގެ ތަމްރީނު ފޯރުކޮށްދިނެވެ. ދެވަނަ ބުރުގައި 169 ޒުވާނަކު ހަތީބުކަމުގެ ތަމްރީނު ފުރިހަމަކުރިއެވެ. އަދި ތިންވަނަ ބުރުގައި ހަތީބުކަމުގެ ތަމްރީނު ފުރިހަމަކުރި 269 ޒުވާނުންނާއެކު ޖުމްލަ 503 ޒުވާނަކު ހަތީބުކަމުގެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. 

ފާއިތުވި އަހަރު ފެށި ޒުވާން ހަތީބުން ތަމްރީނުކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފައިވާއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި މަދުވެގެން 1،000 ހަަތީބުން ތަމްރީނުކުރުން ކަމަށެވެ. 

ޒުވާން ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގުރާމުގެ އިތުރަށް ސަރުކާރުން ގެންދަނީ ހާފިޒުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި އެއްހާހަށްވުރެ ގިނަ ހާފިޒުން އުފެއްދުމެވެ. 

އެ އަމާޒަށް ވާސިލުވުމުގެ ގޮތުން ސަރުކާރުންވަނީ ހާފިޒުންނަށް ދޭ އިނާޔަތް ދެގުނަ އިތުރުކޮށްދިނުމާއެކު، ގުރުއާން ހިފްޒުކޮށްދޭ ކިލާސްތައް އިތުރުކޮށްފައެވެ. އަދި އަމިއްލަ ފަރާތްތަކުން ހިންގާ ހިފްޒު ކިލާސްތަކަށް ސަރުކާރުން ވެދޭ އެހީތެރިކަން އިތުރުކޮށްފައިވެއެވެ. 

ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްލާމީ ހިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު