ENGLISH
08 ސެޕްޓެމްބަރު 2025
ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ހަރުދަނާކޮށް މަޝްރޫއުތައް އަވަސްކުރަން މުހިއްމު ބަދަލުތަކެއް
12 އޯގަސްޓު 2025
|
ތަރައްގީގެ މުހިއްމު މަޝްރޫއުތައް ހިންގުން އަވަސްކުރުމާއެކު، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ހަރުދަނާކުރުމަށް ގަވާއިދުތަކާއި އުސޫލުތަކަށް ސަރުކާރުން މުހިއްމު ބަދަލުތަކެއް ސަރުކާރުން ގެނެސްފިއެވެ.
އެގޮތުން ތިމާވެށްޓަށް އަސަރު ފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދަށް ގެނައި ހަވަނަ އިސްލާހުގެ ދަށުން "އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓު ރިޕޯޓު" ތައްޔާރުކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސް މުހިއްމު މަޝްރޫއުތަކާ ގުޅޭ ރިޕޯޓުތައް އަވަހަށް ހެދޭނެ ގޮތަށް ގަވާއިދު އެކުލަވައިލާފައިވެއެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން އަވަސްކުރަންޖެހޭ މަޝްރޫއުތަކުގެ ގޮތުގައި ކަނޑައަޅާ މަޝްރޫއުތަކުގެ އީއައިއޭ ރިޕޯޓުތައް އަވަހަށް ތައްޔާރުކުރެވޭ ގޮތަށް ގަވާއިދު ބަދަލުކޮށްފައިވެއެވެ. އެ އިސްލާހުގެ ބޭނުމެއްކަމަށް ސަރުކާރުން ބުނެފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި ކުރިއަށްގެންދާންޖެހޭ މަޝްރޫއުތައް ވީހާވެސް އަވަހަށް ލަސްކަމެއް ނެތި ކުރިއަށް ގެންދެވޭނެހެން ކަންކަން އިންތިޒާމުކުރުމެވެ.
ގަވާއިދުގައި ބަޔާންކުރި ގޮތުން، އީއައިއޭ ހެދުން އަވަސްކުރި ނަމަވެސް، އެ މަޝްރޫއުތަކުގެ ރިޕޯޓު ތައްޔާރުކުރަންޖެހޭނީ އީއައިއޭ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދުގެ ތަރަހައިގެ ތެރޭގައި އެ ރިޕޯޓު ހެދުމުގެ މަގުސަދު ހާސިލުކުރެވޭ ގޮތަށް ތިމާވެއްޓަށް ހީނަރުކަމެއް ނާންނާނެކަން ޔަގީންކުރެވޭނެ ގޮތަށެވެ.
އީއައިއޭ ހެދުން އަވަސްކުރި ނަމަވެސް ރިޕޯޓު ތައްޔާރުކޮށް އެންވަޔަރަމެންޓް ރެގިއުލޭޝަން އޮތޯރިޓީގެ ވެބްސައިޓުގައި އެ ނިންމުން ޝާއިއުކުރަންޖެހޭނެއެވެ.
ތިމާވެށި ރައްކާތެރކޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ސަރުކާރުން ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ މުހިއްމު ބަދަލަކީ، އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީގެ ނަން އެންވަޔަރަމެންޓް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކުރުމާއެކު، އެ އޮތޯރިޓީގެ ހިންގުމަށް ގެނައި ބަދަލެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީއަކީ ރެގިއުލޭޓަރީ މަސައްކަތްތަކެއް ކުރަން އުފައްދާފައިވާ އިދާރާއަކަށްވާތީ އެ އިދާރާގެ ނަމަށް ގެނެވުނު ބަދަލަކީ އެ އިދާރާގެ އަސްލު މަގުސަދު ސާފުވާނެ ގޮތަށް ގެނެވުނު ބަދަލެއް ކަމުގައި ސަރުކާރުން ފާހަގަކުރިއެވެ.
އެ އިދާރާގެ ނަން ބަދަލުކުރުމުގެ އިތުރަށް އެ އިދާރާގެ ހިންގުމަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގަވަނިން ބޯޑެއްގެ ދަށުން ހިންގުމުގެ ބަދަލުގައި ސީދާ އެންވަޔަރަމެންޓު މިނިސްޓްރީގެ ބެލުމުގެ ދަށުން އެ އިދާރާ ހިންގާ ގޮތަށް ބަދަލުކޮށްފައިވެއެވެ.
އަދި އެ އިދާރާގެ ހިންގުމުގެ އިސް ވެރިޔަކަށް ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމު އުފައްދައި، ސިވިލް ސާވިސް ކޮމިޝަނުން އަމަލުކުރާ އުސޫލުތަކުގެ ތެރެއިން އެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ހަމަޖައްސާފައިވެއެވެ.
މި ބަދަލާއެކު ތިމާއްޓާ ގުޅުންހުރި އެކި ކަންކަން ރެގިއުލޭޓުކުރުމުގައި އެ ދާއިރާގެ ކަންކަން ބެލެހެއްޓުމުގެ މެންޑޭޓު އޮތް ވުޒާރާގެ ދަށުން ހުރިހާ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.