ENGLISH
08 ސެޕްޓެމްބަރު 2025
ރައީސް ގޮއިދޫއަށް، ދެއްވީ ވެވަޑައިގެންނެވި 12 ވައުދުފުޅުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމުގެ ޔަގީންކަން!
12 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް
ބ. ގޮއިދޫގެ ތަރައްގީއަށް އެރަށު ރައްޔިތުންނަށް ވެފައިވާ ހުރިހާ ވައުދެއްގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު އެ އަތޮޅު ގޮއިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ފަހުގެ މައުލޫމާތުތައްވަނީ ހިއްސާކުރައްވާފައެވެ.
"އަޅުގަނޑު ޖުމްލަ 12 ވައުދެއް މި ރަށަށް ވެފަ ވާނެ. އެ ހުރިހާ ވައުދުތަކެއް ވެސް ފުރިހަމައަށް ފުއްދަދޭނެކަމުގެ ޔަގީންކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން،" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އޭގެތެރެއިން ބައެއް މަސައްކަތްތަކުގެ އަމަލީ މަސައްކަތް މިިހާރުވެސް ފެށިފައިވާ ކަމަށެވެ. އެގޮތުން ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އޭޓީއެމް ހުޅުވުމުގެ ވައުދަށް އިޝާރާތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެ ޚިދުމަތް މިއަދު ގުއިދޫގައި ފެށިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ސީޕްލޭންގެ ޚިދުމަތް ފެށުމަށް ވީ ވައުދުގެ މަސައްކަތް ވެސް ކުރިއަށް ދާކަން ރައީސް ހާމަކުރެއްވިއެވެ.
އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރު ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ ގޮއިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން ދާ ކަމަށެވެ. އެގޮތުން އެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ޓެންޑަރިންގް ޕްރޮސެސްގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.
ބަނދަރު އަޕްގްރޭޑް ކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަން އިއުލާނު ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުއާއެކު ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އެއީ ވެސް އެމަނިކުފާނުގެ ވައުދުފުޅެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.
"ދެން ސްކޫލުގެ ވައުދު. ސްކޫލަށް ޖާގަ އިތުރު ކޮށްދިނުން. ވަސީލަތް އިތުރުކޮށްދިނުން. އެއީ އަޅުގަނޑު ވެފަ އޮތް ވައުދެއް،" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ މި މަސައްކަތް ދެބަޔަކަށް ބެހިފައިވާއިރު އެއީ ފެށިފައިވާ މަޝްރޫއެއް ނިންމުމުގެ މަސައްކަތާއި ސްކޫލަށް ބޭނުންވާ މަލްޓި ޕަރޕަސް ހޯލެއް ހެދުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ސްކޫލަށް ބޭނުންވާ ވަސީލަތްތައް އިތުރު ކުރުމަށް ފެނަކަޔާ ހަވާލުކޮށްފައިވާއިރު ދާދި އަވަހަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ވެސް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރަށް ފާސްކުރާ މަޖެޓުގައި ގޮއިދޫ މަލްޓި ޕަރޕަސް ހޯލު ހިމަނައި އަންނަ އަހަރުގެ ކުރީކޮޅު އެ ހޯލުގެ މަސައްކަތް ވެސް ފަށާނެ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގޮއިދޫ ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމަށް ވެވަޑައިގެންފައިވާ ވައުފުޅަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެކަމާ ގުޅުންހުރި ހުރިހާ މައްސަލައެއް ހައްލު ކޮށްދިނުމުގެ ވަށާޖެހޭ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ.
ގޮއިދޫގައި ވަރަށް ފުރިހަމަ ސިއްހީ މަރުކަޒެއް ގާއިމްވެގެންދާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއަހަރު މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ޓެންޑަރިންގް މަރުހަލާގައި ހިމަނައިގެން އެކަން ވެސް ކުރިއަށްދާ ކަމަށެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް މިއަހަރު ފަށާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި ފުޓުބޯޅަ ދަނޑެއް އެޅުމަށްޓަކައި އެކަން މިހާރު އެކަން އިއުލާނު ކޮށްފައިވާ ކަމަށެވެ. އަދި މަޝްރޫއު ބަޔަކާ ހަވާލުކޮށް ކުރިއަށް އޮތް ދެތިން މަސްތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަން ރައީސް ހާމަކުރެއްވިއެވެ.
އޭގެ އިތުރުން ޔޫތު ސެންޓަރުގެ މަސައްކަތުގެ ތަފްސީލު ހިއްސާ ކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތް ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތަފްސީލު ހިއްސާކުރައްވާ ރައީސް ވިދާޅުވީ ރިސޯޓު ތަރައްގީ ކުރުމަށް ބަޔަކަށް ބިޑު އެވޯޑު ކޮށްފައިވާ ކަމަށެވެ. އަދި މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ރިސޯޓު ތަރައްގީ ކުރުމަށް ސޮއި ކުރުމަށް ހަމަޖެހިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި އެއާއެކު އިކޯ ޓޫރިޒަމްގެ މަސައްކަތް ވެސް ކުރިއަށް ދާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.