ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ޗައިނާގެ ތަރައްޤީގެ މޮޑެލް، ކުދި ޤައުމުތަކަށް ނަމޫނާއެއް: ސަފީރު ކޮންގް

12 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޗައިނާގެ 14 ވަނަ، ފަސް އަހަރުގެ ޕްލޭންގެ ކާމިޔާބީއަކީ ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ނަމޫނާއެއް ކަމަށް ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު ވިދާޅުވީ، ޗައިނާއިން ވަނީ ހަމައެކަނި އިގްތިސާދީ ކުރިއެރުން ހޯދައިފައި ނޫން ކަމަށާއި، ރައްޔިތުންގެ ދިރިއުޅުމާއި، ސައިންސާއި ޓެކްނޮލޮޖީ އާއި، ގްރީން ޑިވެލޮޕްމެންޓް ފަދަ ދާއިރާތަކުން ވެސް ތާރީހީ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ކުރިއަރަމުން އަންނަ ޗައިނާއަކީ ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

ސަފީރު ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޗައިނާގެ ޖީޑީޕީ 130 ޓްރިލިއަން ޔުއާނަށްވުރެ މައްޗަށް އަރާފައިވާއިރު، އެތެރޭގެ ޑިމާންޑު، އިޤްތިޞާދީ ކުރިއެރުމުގެ 86 ޕަސެންޓަށްވުރެ މައްޗަށް ގޮސްފައިވެއެވެ.

އަދި މިއަހަރު 140 ޓްރިލިއަން ޔުއާނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް އަދަދުތަކަށް ވުރެ ބޮޑަށް ޗައިނާ ވަނީ އުފެއްދުންތެރިކަން، ފަޤީރުކަން ނައްތާލުން އަދި ގްރީން ޑިވެލޮޕްމެންޓްގެ ރޮނގުން ކުރިއަރާފައި ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

އެގޮތުން 98.99 މިލިއަން މީހުން ފަގީރުކަމުން ސަލާމަތްކޮށް، އެކި ސިޓީތަކުގެ ހިދުމަތް ފުރިހަމައަށް ކުރިއެރުވުމަށް މަސައްކަތްކޮށް، އާންމު ހިދުމަތްތައް ލިބޭނެ ގޮތް ހޯދަދިނުން ހިމެނެއެވެ.

ސަފީރު ވިދާޅުވީ، ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ޗައިނާގެ ތަރައްޤީގެ މޮޑެލްއަކީ ހަމައެކަނި ކޭސް ސްޓަޑީއެއް ނޫން ކަމަށާއި މިއީ އެއްބާރުލުން ހޯދުމުގެ ފުރުޞަތެއް ކަމަށެވެ. އަދިި އަވަސް އަރުވާލާފައި އުޅުމަށް ވުރެ ދުރު ރާސްތާއަށް ވިސްނުން ބަހައްޓައިގެން ތަރައްގީގެ މަގުޗާޓު އެޅުމަށް ސަފީރު އިލްތިމާސް ކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ އަދި ތަރައްޤީގެ އެއްބާރުލުން އިތުރުކުރުމަށް ދެ ޤައުމުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު