ENGLISH
08 ސެޕްޓެމްބަރު 2025
ހަނަފަސްކޮށް ދޫކޮށްލާފައި ހުރި ހިއްކި ބިންތައް ތަރައްގީގެ އެސެޓުތަކަށް ބަދަލުކުރަނީ
12 އޯގަސްޓު 2025
|
އޭދަފުށީ ހިއްކި ބިން،
މިދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖޭގައި 50 އަށް ވުރެ ގިނަ ބިން ހިއްކާފައިވެ އެވެ. އެހެންނަމަވެސް އޭގެެތެރެއިން ގިނަ ތަންތަނަކީ މިއަދާ ހަމަޔަށް ވެސް އެއްވެސް ބޭނުމެއް ނުކުރެވޭ، ހުހަށް ހަނަފަސް ފަސްގަނޑުތަކެއްގެ ގޮތުގައި ހުންނަ ތަންތަނެވެ. މީގެ އެންމެ ގިނަ މިސާލު ފެންނާނެ އެއް ހިސާބަކީ އައްޑޫ ސިޓީ އެވެ. ފޭދޫއަށް އެކަނި ބަލާލި ނަމަވެސް ދައުލަތުން އެތައް މިލިއަނެއް ހަރަދުކޮށްގެން ހިއްކި ބިންްތައް މިއަދުވެސް ފަޅަށް ދޫކޮށްލާފަ އޮތް މަންޒަރު ފެންނާނެ އެވެ.
ބިލިއަނާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްގެން 2010 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމަޔަށް ސަރުކާރުތަކުން ބިން ހިއްކުމުގެ 35 މަޝްރޫއުއެއް ހިންގާފައިވެ އެވެ. އެ މުއްދަތުގައި އެކި ރަށްރަށުން 800 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާފައިވާއިރު ގިނަ މަޝްރޫއުތައް ހިންގަނީ ދައުލަތަށް ހަރަދުކުޑަކުރުމުގެ ގޮތުން ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ނުލަ އެވެ. މިހާ ދުވަސްވެގެން ދިޔައިރު މި މައްސަލަ ހައްލުނުވެ އޮތީ ރައްޔިތުންގެ ކުރިމަތީގައި "ޕޮއިންޓު" ޖެހުމަށް ބިން ހިއްކުމުގެ މަޝްރޫއުތައް ސަރުކާރުތަކުން ބޭނުންކުރާތީ އެވެ.
އެހެންވެ، ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް ހިންގާފައިވާ ގިނަ ރަށްރަށަށް ބަލާލާއިރު އެތަންތަނުގެ ބޭނުން އެކަށީގެންވާ ވަރާ ގާތަށް ވެސް ކުރެވިފައެއް ނެތެވެ. ހިއްކާފައި އޮތް ބިމެއް ތަރައްގީ ނުކޮށް އޮއްވައި ބިން ހިއްކުމުގެ އިތުރު މަޝްރޫއުތައް ހިންގާފައިވާ ރަށްރަށް މަދެއް ނުވާނެ އެވެ.
އެހެންނަމަވެސް ރާއްޖެއަށް ދިމާވެފައިވާ ދުވަސްވީ މި މައްސަލަ ހައްލުކުރުމަށް މި ސަރުކާރުގެ ޕްލޭނެއް އެބައޮތެވެ. މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އޭދަފުއްޓަށް ވަޑައިގެން ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި މައްސަލައާ މެދު ކަންބޮޑުވުންފާޅުކުރައްވައި ވާހަކަދައްކަވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ، ބޭނުންނުކުރެވި ހުރި ހިއްކި ބިންބިމުގައި އަސާސީ ބިނާރު ޤާއިމުކުރުމުގެ ބިޔަ މަޝްރޫޢެއް ހިންގެވުން، ނިއު ޕޮލިސީ އިނީޝިއަޓިވެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައި، ވަކި ތަރުތީބަކުން އެ މައްސަލަ ޙައްލުކުރައްވާނޭ ކަމަށެވެ.
ބިން ހިއްކާއިރު އެއީ ހަމަ ހަގީގަތުގައި ވެސް ރަނގަޅު ބޭނުމަކަށް ހިއްކާ ތަނެއްކަން ކަށަވަރުކުރެވެން ޖެހެ އެވެ. މިފަދަ މަޝްރޫއުތައް ހިންގާއިރު ބިން ހިއްކުމާ އެއްކޮށް، އެހެނިހެން އަސާސީ ޚިދުމަތްތައް ގާއިމުކުރަން ފައިސާ ހޯދުން މުހިއްމެވެ. ވެއްޓަށް ބޮޑެތި ގެއްލުންތައް ދީގެން އިންތިހާބުތަކާ ދިމާކޮށް ބިން ހިއްކުމުގެ ބަދަލުގައި ދުރާލާ ޕްލޭންކުރެވިގެން ނޫނީ މިފަދަ މަޝްރޫއުތައް ނުހިންގޭ ގޮތަކަށް ކަންކަން ބައްޓަންކުރުން މުހިއްމެވެ.
ރައީސް ރޭ އިއުލާނުކުރެއްވި މަޝްރޫއާއެކު ރައްޔިތުންގެ ފައިސާއިން އެތައް ބިލިއަން ރުފިޔާ ހޭދަކޮށްގެން ހިއްކާފައިވާ ބިންތައް ހަނަފަސް ފަޅު ބިންތަކުގެ ގޮތުގައި ހުރި ހުރުން ނިމުމަކަށް އައިސް މި ބިންތަކަކީ ރައްޔިތުންގެ ބޭނުންތަކާއި ރަށްރަށުގެ ތަރައްގީއަށް ބޭނުންކުރެވޭ ބިންތަކަށް ވާނެއެވެ. އެއާއެކު، ގެދޮރުވެރިކަމާއި، ސިނާއީ މަސައްކަތްތަކާއި، ވިޔަފާރިއަށް މި ބިންތައް ބޭނުންކުރެވި ގައުމީ ތަރައްގީއާއި އިގުތިސާދީ ކުރިއެރުމަށް ހިއްސާކުރާ އެސެޓުތަކެއްކަމަށް ވާނެއެވެ.