ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ހައްޖު ކޯޓާގެ ކަންކަން ކުރިއަށްދަނީ ވަރަށް އިންސާފުވެރިކޮށް: މިނިސްޓަރ ޝަހީމް

12 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ދިވެހިން ހައްޖަށް ދިއުމަށް ހަމަޖައްސާ ކޯޓާގެ ކަންކަން ކުރިއަށް ގެންދަނީ ވަރަށް އިންސާފުވެރިކޮށް، އުސޫލުތަކުގެ ތެރެއިން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަކީ ރައްޔިތުންނަށް ހެޔޮ އަގުގައި ހައްޖާއި ޢުމުރާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އުފެއްދި މުއައްސަސާއެއް ކަމަށެވެ. އަދި މި ކޯޕަރޭޝަން އުފެދިގެން އައީ، އަމިއްލަ ޖަމާޢަތްތަކުން ފައިސާ ނަގައިގެން ހައްޖަށް މީހުން ގެންދިއުމުގައި ދިމާވި އިހުމާލުތަކަށް ފަރުވާއެއް ހޯދުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މި މުއައްސަސާ ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށާއި ހައްޖު ކޯޕަރޭޝަން އުފެދުނީއްސުރެ ފައިސާ ދައްކާފައިވާ ފަރާތްތަކަށް ތަރުތީބުން ކޯޓާ ދޫކުރެވޭ އިންސާފުވެރި ނިޒާމެއް ވަނީ ޤާއިމުކުރެވިފައި ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި އަހަރުގެ ޖެނުއަރީ 5 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ހައްޖު ކޯޓާގެ ކަންކަން ތަރުތީބުކުރުމަށް އައު އުސޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޙައްޖު ކޯޕަރޭޝަން ތަރައްގީކޮށް ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިސްލާމިކް ފަންޑް މެނޭޖްމަންޓް އުސޫލުތަކުގައި ހިފަހައްޓައި ސުކޫކް އަދި އެހެނިހެން ޕްރައިވެޓް އިންވެސްޓްމަންޓް ޕްރޮޑަކްޓުތަކުގައި ފައިދާ ލިބޭގޮތަށް ޙައްޖު ފަންޑު މެނޭޖްކުރަމުންދާ ކަމަށެވެ.

އަދި، ސަޢުދީ އަރަބިއްޔާގައި ހައްޖުވެރިން ބޭނުންކުރާނެ ބަސްތައް ގަނެ، ސަޢުދީގައި ދިވެހިންނަށް ޚާއްސަ ހޮޓަލެއް ހަދައި، ޙައްޖު ފަންޑު ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަކީ ސަރުކާރުގެ ތަސައްވުރެއް ކަމަށް ވެސް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު