ENGLISH
09 ސެޕްޓެމްބަރު 2025
އޭދަފުށީގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީގެ ހިދުމަތް ފައްޓަވައިދީފި
12 އޯގަސްޓު 2025
|
ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީ ހިދުމަތް ރައީސް ފައްޓަވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް
އޭދަފުށީގައި ހުންނަަ ބ.އަތޮޅު ހޮސްޕިޓަލުގައި މެމޮގްރަފީ ހެދުމުގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ.
މެމޮގްރަފީއަކީ އުރަމަަތީގެ ކެންސަރާއި އުރަމައްޗަށް ޖެހޭ އެހެނިހެން ބަލިތައް ދެނެގަތުމަށް ހަކަތަ ދަށް އެކްސްރޭ ބޭނުންކޮށްގެން ހަަށިގަނޑުގެ އެތެރޭގެ ތަސްވީރު ހެދުމަށް ބޭނުންކުރާ ހާއްސަ ޓެކްނީކެވެ. މި ހިދުމަތް އޭދަފުށީ ހޮސްޕިޓަލުގައި ފެށިގެން ދިއުމަކީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
މީގެ ކުރިން ބ.އަތޮޅުގައި މެމޮގްރަފީ ހިދުމަތް ނުލިބޭތީ އެ އަތޮޅުގެ ރައްޔިތުން އެފަދަ ސްކޭނުތައް ހެދުމަށް އަންނަންޖެހެނީ މާލެއަށެވެ. އެހެންކަމުން މި ހިދުމަތް އެ އަތޮޅުން ލިބިގެންދިއުމަކީ އެ އަތޮޅުގެ ރައްޔިތުންނަަށް ލިބޭނެ ވަރަށް ބޮޑު ފަސޭއަކަށްވާނެއެވެ.
ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އޭދަފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން މެމޮގްރަފީ ހިދުމަތް ރައީސް ފައްޓަވަައިދެއްވީ މިއަދު އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަައެވެ. އެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު، ހިދުމަތް ދިނުމަށް ގާއިމުކުރެވުނު ވަސީލަތްތައް ރައީސްވަނީ ބައްލަވާލައްވާފައެވެ.
އަތޮޅު ތެރޭ ހޮސްޕިޓާތަކުން ލިބޭ ސިއްހީ ހިދުމަތްތައް އިތުރުކޮށް ފުޅާކުރުމަކީ ރައީސް ވަރަށް ބޮޑަށް އިސްކަންދެއްވާ އަމާޒެކެވެ. އެ އަމާޒަށް ވާސިލުވުމުގެ ގޮތުން ސަރުކާރުން އަންނަނީ އަތޮޅު ތެރޭގެ ހޮސްޕިޓާތައް އަޕްގުރޭޑުކުރުމާއި، އައު ހިދުމަތްތަކާއި ވަސީލަތްތައް ގާއިމުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މި ސަރުކާރުން އަންނަނީ ލެބޯޓަރީ ހިދުމަތްތައް ފުޅާކުރުމާއެކު، ޑައިލަސިސް ފަދަ ހިދުމަތްތައް އަތޮޅު ތެރޭގައި ލިބޭ ހޮސްޕިޓާތައް އިތުރުކުރަމުންނެވެ.