ENGLISH
09 ސެޕްޓެމްބަރު 2025
ތަރައްޤީގައި، ކައުންސިލްތައް އެއް ވިސްނުމެއްގައި ކުރިއަށްދާން ރައީސް އިލްތިމާސްކުރައްވައިފި
12 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ސިޔާސީ ގޮތުން ވިސްނުން ތަފާތުވިޔަސް ތަރައްޤީގެ ކަންކަމުގައި ހުރިހާ ކައުންސިލަކުން ވެސް އެއް ވިސްނުމެއްގައި ކުރިއަށް ދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލްތައް މަސައްކަތްކުރަންޖެހޭނީ ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރެވޭ ގޮތަށް ކަމަށެވެ.
"ކައުންސިލްތަކުގެ ކިބައިންވެސް އަޅުގަނޑު އެދެނީ ޤައުމީ ވިސްނުމެއްގަ ކުރިއަށްދާން. ހުރިހާ ކައުންސިލްތަކަކީ ސިޔާސީ ވިސްނުމެއްގަ، އެއްވިސްނުމެއްގަ ތިބިބައެއް ނޫން. އެހެންނަމަވެސް ތަރައްޤީގެ ވިސްނުން އެއްގޮތްވާންޖެހޭނެ. ތަރައްޤީގެ ވިސްނުމުގަ އެ ކައުންސިލްތައް ހޮވިފަ ވަނީ ރައްޔިތުންނަށް ޚިދުމަތްކުރަންކަން ހަނދާން ބަހައްޓަން ޖެހޭނެ. ސަރުކާރަށް އެއްބާރުލުން ދިނުމަކީ ކައުންސިލަށް ލާޒިމުކަމެއް. ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ބައެއް ކައުންސިލްތަކަކީ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން ކައުންސިލްތަކަށް ފައިސާ ދޫކުރަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދޭން ކަމަށާއި، އެ ފައިސާ ރައްޔިތުންގެ ބޭނުންތަކަށް ޚަރަދުކުރަން ކައުންސިލްތަކަށް ލާޒިމު ކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވައި، އެމަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އެކުޖުމްލަ 2.2 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރި ކަމަށާއި، އެހެންނަމަވެސް އަހަރު ނިމުނުއިރު އޭގެތެރެއިން 1.4 ބިލިއަން ރުފިޔާ ހުރީ ހޭދަނުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް ބަލާއިރުވެސް ކައުންސިލްތަކަށް ދޫކޮށްފައިވާ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވިފައި ނުވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަހަރުތަކަށް ބަހާލައިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ސާފުކޮށް ފެންނަން އޮތަސް ހަގީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މިއަހަރާއި އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ގިނަ ޚިދުމަތްތަކެއް ރާއްޖޭގައި ޤާއިމުކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކުރުމާއި، ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމުކުރުމާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމާއި، ކުޑަކުދިންގެ ޕާކުތަކާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ރަށްރަށުގައި ބަނދަރުތައް ތަރައްޤީކުރުމާއެކު ޞިއްޙީ ޚިދުމަތްތަކާއި ސްކޫލް އިންފްރާސްޓްރަކްޗަރގެ މަސައްކަތްތައް ރަށްތަކުގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
މިއަހަރާއި އަންނަ އަހަރު ހިމެނޭހެން އެ ހުރިހާ ޚިދުމަތްތަކެއް ކޮންމެ ރަށެއްގައި ޤާއިމުކުރެވިގެން ދިއުމަކީ ޙަޤީގީ ބާރުވެރިކަން ލިބުން ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮތުން ގޮންޖެހުން ބޮޑު ހާލަތަކުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް، ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްޤީގެ މަޝްރޫޢުތަކުގެ މަންޒަރުތައް ފެނިގެންދާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.