ENGLISH
09 ސެޕްޓެމްބަރު 2025
އޭދަފުށިން ރައީސަށް ތަފާތު މަރުހަބާއެއް؛ ކުރުފަލީގެ ސަގާފީ ހަރަކާތާއި ދިގު ކިއުއިން ދައްކައިދިނީ ތާއީދު
11 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް އެމަނިކުފާނަަށް ދަންނަވަނީ ހޫނު މަރުހަބާއެކެވެ. ހެނދުނާއި މެންދުރުގެ ހޫނުގަދަ ވަގުތުތަކުގައި އެމަނިކުފާނު ވަޑައިގަންނަވާއިރު ވެސް ރަށްރަށް ރައްޔިތުން އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބެނީ ޝައުގުވެރިކަމާއެކުއެވެ.
ނަމަވެސް ބ. އޭދަފުށިން މިއަދު ހަވީރު ފެނުނީ ތަފާތު މަންޒަރެކެވެ. މިހާތަނަށް އެއްވެސް ރަށަކުން ރައީސަށް ނުދަންނަވާ މިންވަރުގެ ހޫނު މަރުހަބާއެއް މިހާތަނަށް އެހެން ރަށަކުން ދެންނެވި ކަމުގައި ބުނަން ދައްޗެވެ. އެ ރަށުން މިއަދު ދެންނެވި މަރުހަބާއަކީ އެ ރަށުގައި ރައީސަށް އޮތް ތާއީދާއި، އެމަނިކުފާނާމެދު އޮތް އިތުބާރު ވަރަށް ފުރިހަމައަށް ދައްކުވައިދޭ މަރުހަބާއެކެވެ.
ރައީސް ދަތުރުކުރައްވާ ލޯންޗުކޮޅު އޭދަފުށީ ބަނދަރަށް ގާތްކުރިއިރު ލޯންޗުގެ މަތިގެކޮޅުގެ ބޭރުގައި ރައީސާއި އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރައްވާ ވަޒީރުންނާއި ސަރުކާރުގެ ވެރިންގެ ވަފުދުގެ ބައެއް ބޭފުޅުން ތިއްބެވީ އެ ލޯންޗުކޮޅު ކުރިމަތީ އޮތް ދޯންޏެއްގައި ކުރުފަލި ޖަހަމުންދިޔަ މަންޒަރު ބައްލަވާށެވެ.
ހިތްގައިމު ރީތި ސަަގާފީ ލަވައަށް، އެންމެ އިހުއްސުރެ ދިވެހިން މެހެމާންދާރީ އަދާކުރުމަށް ރަށްރަށަށް އަންނަ ގަދަރުވެރި މެހެމާނުންނަށް މަރުހަބާ ދެންނެވުމަށް ކުރު ފަލީގައި ނަށާ ގޮތަށް، ނަށަމުންދިޔައެވެ. ދޯނީގެ ފަހަތުން ލޯންޗު ބަނދަރާ ހަމައަށް ދަތުރުކުރިއިރު ބަނދަރު މަތިން ފެށިގެން ރަށު ތެރެއަށް ދަމާލާފައި އޮތީ ދިގު ކިއުއެކެވެ.
އެ ރަށުގައި ހުރި އެމްއެމްޓީވީގެ މުރާސިލު ކިޔައިދިން ގޮތުގައި ރައީސަށް މަރުހަބާ ދެންނެވުމަށް ހާހަކަށްވުރެ ގިނަ މީހުން އެއްވިއެވެ. ރަށުގެ ބަނދަރުން ފެށިގެންގޮސް ރަށުގެ އެތެރެއަށް ދަމާލާފައިވާ ސަފުގައި ރަށުގެ އިސްރަށްވެހިންނާއި ޒުވާނުންނާއި ކުޑަކުދިންވެސް ތިއްބެވެ.
ރައީސަަށް އޭދަފުށިން ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު 2023 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެމްޕޭނަށް ވަޑައިގަަތުމުން އަދި ނިމުނު އަހަރު އޮތް މަޖިލިސް އިންތިހާބުގެ ކުރިން އެ ރަށަށް ވަޑައިގަތުމުންވެސް އޭދަފުށިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
އޭދަފުށްޓަކީ ރައީސް އެކަށައަޅުއްވާފައިވާ ތަރައްގީގެ ޕްލޭނުގައި އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރެއްވުމަށް ނިންމަވާފައިވާ ރަށެކެވެ. އެހެންކަމުން އާބަން ސެންޓަރެއްގައި ހުންނަންޖެހޭ ވަސީލަތްތައް ގާއިމުކޮށް، އެފަދަ މަރުކަޒަކުން ލިބެންޖެހޭ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ރައީސްގެ ވައުދުފުޅެކެވެ.