ENGLISH
09 ސެޕްޓެމްބަރު 2025
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން 570 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފި
11 އޯގަސްޓު 2025
|
ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ކޮންސްޓްރަަކްޝަން މިނިސްޓްރީ
ބ.ތުޅާދޫގައ ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 570 މިލިއަން ރުފިޔާއަށް އެެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރީ ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ތަރައްގީކުރުމަށް 2023 ވަނަ އަހަރު ގާއިމުކުރި އެއްބަސްވުން ބާތިލުކުރުމަށްފަހުއެވެ. މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެކުލަވައިލައްވާފައިވާ ސިޔާސަތުގެ ދަށުން ހިންގާ މަޝްރޫއެކެވެ.
ރައީސްގެ ސިޔާސަތަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓަކާއި ސިނާއީ ސަރަހައްދަކުންވިޔަސް އެންމެ ގިނަވެގެން ބައިގަޑިއިރު ތެރޭ ދަތުރުކުރެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމުކޮށް ރާއްޖޭގެ ދާހިލީ އުދުހުންތަކަށް ބޭނުންކުރާ އެއާޕޯޓުތަކުގެ ވިއުގަ އިތުރަށް ފުޅާކުރުމެވެ.
މި ތަސައްވުރުގެ ދަށުން ތުޅާދޫގައި ގާއިމުކުރާ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 570,260,350.80 (ފަސްސަތޭކަ ހަަތްދިހަ މިލިއަން ދެލައްކަ ފަސްދޮޅަސްހާސް ތިންސަތޭކަ ފަންސާސް) ރުފިޔާއަށެވެ. އަދި 660 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަަތް ނިންމަންޖެހޭ ގޮތަށެވެ.
އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓު މިނިސްޓަރ ހަސަަން ރަޝީދެވެ.
ބ. ތުޅާދޫގައި ޤާއިމުކުރެވިގެންދާނެ އެއަރޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއެކު ކޯޑް 3C އަށް ޤާއިމުކުރެވޭ އެއަރޕޯޓެކެވެ. އަދި މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން އެއަރޕޯޓު ޤާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހިގެން ދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.