ENGLISH
09 ސެޕްޓެމްބަރު 2025
ފަލްސަފާ އަކީ އަދި ޤަބޫލުކުރައްވާ ހަމައަކީ ވެސް ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުން: ރައީސް
11 އޯގަސްޓު 2025
|
ފަލްސަފާ އަކީ އަދި އެމަނިކުފާނު ޤަބޫލުކުރައްވާ ހަމައަކީ ވެސް ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ކެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު ބޭފުޅެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ފަލްސަފާ އަކީ އަދި ޤަބޫލުކުރައްވާ ހަމައަކީ ވެސް ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަންވީ ގޮތް އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނަކީ އެކަމުގެ ފުރިހަމަ ތަޖުރިބާ ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ފަލްސަފާ އަކީ އަދި ޤަބޫލުކުރާ ހަމައަކީ ވެސް ލާމަރުކަޒީކޮށް ރައްޔިތުންނަށް ޚިދުމަތް ދިނުން. ލާމަރުކަޒީކޮށް ޚިދުމަތް ދިނުން އެއީ އަޅުގަނޑު ހިތުގެ އަޑީން ފުރިހަމައަށް ޤަބޫލުކުރާ ކަމެއް އަދި އެކަމުގައި ވަރަށް ފުޅާ ދާއިރާއެއްގައި އަޅުގަނޑު އުޅެފައި ހުރި ކަމެއް އެއީ މާލޭގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މި ފަހުން ގެނެވުނު ބަދަލާއި ގުޅޭގޮތުން ހަޤީޤަތް އޮޅުވާާލަން ބަޔަކު ވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް އެ ބަދަލުތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުން ބާރުވެރިކުރުވާ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުވުން ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން މިހާރު އަމަލު ކުރަމުން ގެންދަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. ޚާއްސަކޮށް ކައުންސިލް ކުންފުނިތަކުން ރަށްރަށުގައި ހިންގާ އަމިއްލަ ވިޔަފާރިތަކަށް ވަނުން ރަނގަޅު ނޫން ކަމުގައި ވިދާޅުވި އެވެ. އަދި ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ފައިސާއިން ރަށަށާއި އަތޮޅަށް އެއްވެސް ފައިދާއެއް ނުކުރާ ކަންކަމުގައި އެކި ނަންނަމުގައި ބޭރުގެ ޤައުމުތަކަށް ކުރާ ދަތުރުތަކަކީ ހަމަޖެހޭ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.
އެހެން ކަމުން އެމަނިކުފާނު އެދިވަޑައިގެންނެވީ އިޚްލާސްތެރިކަމާއި ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއްވުމަށެވެ. އަދި ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ޒިންމާދާރުކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭ ލާމަރުކަޒީ ނިޒާމުގެ މުހިންމު ކަމާއި އޭގެ ފައިދާއާ އެކަން ކުރެވޭނެ ގޮތާއި އެކަމުގައި ސަރުކާރުތަކުން ވިޔަސް އަދި އެކަމަށް އެކި ދިމަދިމާއިން ހުރަސްތައް ކުރިމަތިކުރާ ގޮތާއި ކުރާ ހުރަސްތައް ގިރާކުރަން ކުރާނެ ކަންކަމާއި މިހެން ގޮސް ލާމަރުކަޒީ ނިޒާމުގެ ހުރިހާ ދިމާއެއްގައި އުޅެވިފައި ހުރި މީހެއް އަޅުގަނޑަކީ،"
ރައީސް މިއަދުވެސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަން ކުރުވުމަކީ ރައްޔިތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި އެމަނިކުފާނުގެ މި ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންނާއި ކައުންސިލްތަކާއި ބައްދަލު ކުރުމަށް އަތޮޅުތަކަށް ކުރާ ދަތުރުތަކުގެ ހަޤީޤީ ބޭނުމަކީ ވެސް އެއީ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ރަށްރަށަށް މި އަންނަނީ ރައްޔިތުންނާއެކީގައި މަސައްކަތް ކުރުމުގެ ބޭނުމުގައި. އަޅުގަނޑު އެއްގޮތަކަށް ވެސް ކުރާ ހިތްވާ ކަމެއް ނޫން ކައުންސިލް މަޖުބޫރުކޮށްގެން މާލެ ގެންގޮސްގެން ރައީސް އޮފީހުގެ ތެރޭގައި ބައިތިއްބާކަށް،" ރައީސް ވިދާޅުވި އެވެ.