ENGLISH
09 ސެޕްޓެމްބަރު 2025
ކެންދޫގެ ބިން ހިއްކުމާއި، ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި
11 އޯގަސްޓު 2025
|
ކެންދޫ ބަނދަރާއި ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ބ.ކެންދޫ ބިން ހިއްކުމާއި، އެ ރަށުގެ ބަނދަރު އަޕްގްރޭޑުކުރުމާއެކު ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ހިންގަން އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.
އެމްޓީސީސީއާއެކު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރަސްޓްރަކްޗާއިން ގާއިމުކުރި އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ކެންދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ބ.އަތޮޅުގައި މީހުން ދިރިއުޅޭ ތޭރަ ރަށަށް ރައީސް ޑރ.މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކެންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ހިދުމަތް އިފުތިތާހުކޮށްދެއްވާފަައިވެއެވެ.
ބިން ހިއްކުމާއި، އެ ރަށުގެ ބަނދަރު އަޕްގްރޭޑުކުރުމާއެކު ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ޑރ.އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސައުދީއެވެ.
އެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބިން ހިއްކުމާއި ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަަތްކުރުމަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ކެންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެއް ކަމަށެވެ. އަދި އެ މަޝްރޫއުތައް ނިމުމުން އެ މަޝްރޫއުތަކުގެ ލާބައާއި މަންފާ ރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަަށްވެސް ވިދާޅުވިއެެވެ.
ބިން ހިއްކައި ނިމުމުން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެ ބިން ބޭނުންކޮށްގެން ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގޭނެ ކަމަށެވެ. ކެންދޫ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ވައުދު މިއަދުވެސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
ކެންދޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 450 ދުވަހުން ނިންމާ ގޮތަށް 119.3 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 9،854 ކޮޑިމީޓަރުގެ ވެލި ބަނދަރު އަދި ނެރު ފުންކޮށްގެން ނަގާނެއެވެ. އަދި 112،016 އަކަމީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެއެވެ. 278 މީޓަރުގެ އެއްގަމު ތޮށި ޖަހާނެއެވެ. 10 މޫރިން ބޮއި ހަރުކުރާނެއެވެ.
އޭގެ އިތުރަށް ޖެޓީއެއް އެޅުމާއި 971 މީޓަރުގެ ރިވެޓްމެންޓު ޖެހުމާއި، 62 މީޓަރުގެ ފައިކަށި ޖެހުމާއި، 29 މީޓަރުގެ ނެރު ފައިކަށި ޖެހުމއި 9 ބަނދަރު ބައްތި ޖެހުމާއި 2 ނެރު ބައްތި ޖެހުމާއި އެއްގަމު ތޮށީގެ ވަށައިގެން 5 މީޓަރުގެ ޕޭމެންޓު އެޅުން ހިމެނެއެވެ.