ENGLISH
09 ސެޕްޓެމްބަރު 2025
ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ރައީސް އިފުތިތާހުކޮށްދެއްވައިފި
11 އޯގަސްޓު 2025
|
ކެންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ބ.ކެންދޫގައި ތަރައްގީކޮށްފައިވާ އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ.
ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކެންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގައި ގާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމު އިފުތިތާހުކޮށްދެއްވަައި ޚިދުމަތް ފައްޓަަވައިދެއްވީ ރައީސެވެ.
ކެންދޫގެ ނަރުދަމާއާއި ފެނުގެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ މެއި މަހުގައި ފެށި މަޝްރޫއެއް ކަމުގައިވީ ނަމަވެސް 2023 ވަނަ އަހަރުވެސް އެ މަޝްރޫއު ނިންމައިނުލެވެއެވެ. ފާއިތުވި އަހަރެއްހައި ދުވަހުގެ ތެރޭގައި ގިނަ މސައްކަތްތަކެއް ކުރެވި މިއަހަރު މަޝްރޫއު ނިމުމަކަށް ގެނެވިފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ކެންދޫގައި 4.88 ކިލޯމީޓަރުގެ ނަރުދަމަ ވިއުގައެއް ގާއިމުކޮށްފައިވެއެވެ. އަދި 250 ގޭބީސީއަކަށް ކަނެކްޝަން ގުޅާފައިވެއެވެ. އަދި ނަޖިސް ބޭރުކުރުމަށް ދެ ޕަމްޕު ސްޓޭޝަން ބަހައްޓައި، ސީއައުޓްފޯލް އަޅާފައިވެއެވެ.
އަދި ނަރުދަމާގެ ނިޒާމު ހިންގުމަށް ބޭނުންވާ މެޝިނުވެސް އެ ރަށަށް ގެނެސް އިންސްޓޯލްކޮށްފައިވެއެވެ.
އަދި 5.36 ކިލޯމީޓރުގެ ފެނުގެ ވިއުގައެއް އަޅާފައިވާއިރު އެ ރަށުގައި ބަހައްޓާފައިވާ ފެން ސާފުކުރާ ދެ ޕްލާންޓުން ދުވާލެއްގެ މައްޗަށް 6 އަކަމީޓަރުގެ ފެން އުފެއްދޭނެއެވެ. އަދި އެ ޕްލާންޓުތަކުން އުފައްދާ ފެން 440 އަކަމީޓަރުގެ ދެ ތާނގި އަދި ވާރޭފެން ރައްކާކުރުމަށް 450 އަކަ މީޓަރުގެ ތާނގިއެއް ބަހައްޓާފައިވެއެވެ.
މި މަޝްރޫއުގެ މަސައްކަތްކުރީ މާލޭ ވޯޓާ އެންޑް ސްވިރޭޖު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)އާ އެވެ. އެ މުޅި މަޝްރޫއަކީ 56.24 މިލިއަން ރުފިޔާ ހަރަދުވި މަޝްރޫއެކެވެ.