ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ކޮރަޕްޝަން ހިންގަން ނިޔަތް ގަނެގެން ތިބި މީހުންނަށް މި ދައުރު ރައްކާތެރިކަމެއް ނޯންނާނެ: ނާޒިމު

11 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މަޖިލީހުގެ ނައިބުރައީސް އަހްމަދު ނާޒިމު، ފޮޓޯ: މަޖިލިސް

މި ދައުރުގެ ތެރޭގައި ކޮރަޕްޝަން ހިންގަން ނިޔަތް ގެނެގެން ތިބި އެއްވެސް ބަޔަކަށް ރައްކާތެރިކަން ނޯންނާނެކަން ރައްޔިތުންގެ މަޖިލީހުގައި ކުރެވޭ މަސައްކަތްތަކާއި ތައްޔާރުކުރާ ރިޕޯޓުތަކުން ސާފުވާނެ ކަމުގައި މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވެއްޖެއެވެ. 

އެމްޕީއެލްއަށް ތެޔޮ ގަތުމުގައި 2018 ވަނަ އަހަރާއި 2020 ވަނަ އަހަރާ ދެމެދު ހިންގާފައިވާ ހިޔާނަތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓު ރިޕޯޓު ދިރާސާކުރުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓަށް ބަހުސްކުރައްވަމުން ނާޒިމު ވިދާޅުވީ ކޮރަޕްޝަަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ނިޔަތާއި އަޒުމު މި ސަރުކާރުގައި އޮންނަކަން ކުރެވެމުންދާ މަސައްކަތްތަކުން ސާބިތުވާ ކަމަށެވެ. 

ނާޒިމު މިއަދު ވާހަކަދައްކަވަމުން ވިދާޅުވީ އެމްޕީއެލްއާއި އެފްއެސްއެމްގެ ތެރެއިން ހިންގި ހިޔާނާތުގައި ބައިވެރިވި އެމްޕީއެލް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އެމީހުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެފްއެސްއެމްގައި ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުވާ ދިވެހި މުވައްޒަފު މަގާމު ދަށްކުރި ނަމަވެސް ދައުވާ އުފުލީ ތެޔޮ ބައުޒަރު ދުއްވި ޑްރައިވަރުގެ މައްޗަށް ކަމަށެވެ. ކުންފުނިތަކުގައި އެމްޑީންނާއި ވަރުވަރުން މެނޭޖަރުން ތިއްބަވާއިރު އެ ބޭފުޅުންގެ މައްޗަށް ދައުވާނުކޮށް ބަައުޒަރު ދުއްވި މުވައްޒަފަށް ދައުވާކުރުމުން ޖަވާބުދާރީނުކުރެވޭކަމަަށް ނާޒިމު ވިދާޅުވިއެވެ. 

އެއާއެކު ނާޒިމު ވިދާޅުވީ އެފްއެސްއެމްގެ ހާލަތު ދެނެގަންނަންޖެހޭތީ މަޖިލީހުގެ ރިޕޯޓުގައި އެފްއެސްއެމްގެ ރަނގަޅު އޮޑިޓެއް ހެދުމަށް އޮޑިޓާަ ޖެނެރަލް އޮފީހަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރެވެމުން އެ ކުންފުނީގެ ހާލަތު އޮތް ގޮތް ސާފުވާނެ ކަމަށް ވިދާޅުވެ ނާޒިމު ފާހަގަކުރެއްވީ ތަކުރާރުކޮށް އެފްއެސްއެމްގެ ތެރެއިން ކޮރަޕްޝަން ހިނގާކަމުގެ ތުހުމަތުތައް ފެންމަތިވާ ކަމަށެވެ. 

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ފިޔަވަޅުނާޅާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ނާޒިމު ފާހަގަކުރެއްވީ ކޮރަޕްޝަން ތަހައްމަލުނުކުރައްވާނެކަން އިއުލާނުކުރެއްވުމާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް ޔުނިފޯމު އެޅި އިދާރާތަކުގެ އޮޑިޓު ހެދުމުގެ ހުއްދަ އޮޑިޓަރ ޖެނެރަލް އޮފީހަށް ދެއްވި ކަމަށެވެ. އަދި އެ ހުއްދައިގެ ދަށުން ޕޮލްކޯގެ އޮޑިޓެއް ހަދައި، އެ އޮޑިޓުގެ ރިޕޯޓު މަޖިލީހަށް ލިބި އެ ރިޕޯޓު ދިރާސާކޮށް މިހާރު ނިމިފައިވާ ކަމަށެވެ. 

އަދި އިތުރަށް ނާޒިމު ވިދާޅުވީ މި ސަރުކާރު އައުމަށްފަހު ކުރި މަސައްކަތްތަކުގެ ތެރެއިން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 14.5 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ދެނެގަނެވިފައިވާ ކަމަށެވެ. ނާޒިމު ވިދާޅުވި ގޮތުގައި  އެމީހުންގެ މައްޗަށް ތުހުމަތުވާ މައްސަލަތައް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެއްކާއި ގަރީނާ އެއްކުރެވިފައިވެއެވެ. 

"އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް، އަޅުގަނޑުމެންނަށް މިވަނީ ހެއްކާއި ގަރީނާއާ އެއްކޮށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދިފައި،" ނާޒިމު ވިދާޅުވިއެވެ. 

"އެހެންވީމާ މި ސަރުކާރުން ފިޔަަވަޅު އެބައަޅާ، ކަންކަން ރަނގަޅުވެސްވޭ، ކުންފުނިތަކުުގެ އެމްޑީންވެސް ވަކިކޮށްފި. އަދި އެތަންތަނުން އިވެމުންދިޔަ ނޭދެވޭ އަޑުތައް ކެނޑިގެންވެސް ހިނގައްޖެ. ނަމަވެސް ކޮރަޕްޝަންގެ ކަންކަމުގައި އަޅަންހުރި ފިޔަވަޅުތައް އަދިވެސް އެބަހުރި. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮރަޕްޝަނުގެ ކަންކަމުގައި މި ސަރުކާރުން ފިޔަވަޅު އަޅުއްވާފައި ނެތޭ ދެންނެވޭކަށް ނެތް،" 

ނާޒިމު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް ކޮރަޕްޝަނެއް ފާހަގަކުރެވެމުން ފިޔަވަޅުއަޅާފައިވެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މަޖިލީހުން ކުރާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުން ކޮރަޕްޝަން ތަހައްމަލުނުކުރާނެކަމާއި، ކުރިއަށް އޮތް ތަނުގައި ކޮރަޕްޝަން ހިންގުމަށް ނިޔަތްގަނެގެން ތިބި މީހުންނަށްވެސް ރައްކާތެރިކަމެއް ނޯންނާނެކަން ސަބިތުވެގެންދާނެ ކަމުގައި ނާޒިމު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު