ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ދަތިތަކުން އަރައިގަނެ، ކުރިއަށްދެވޭނެ މަގު މިހާރު ވާނީ ފަހިކޮށްފަ: ރައީސް

11 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ކުޑަރިކިލުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ސަރުކާރަށް ދިމާވި ގޮންޖެހުންތަކުން އަރައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ މަގު މިހާރު ވާނީ ފަހިކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު މެންދުރު ކުޑަރިކިލަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

"އަޅުގަނޑުމެންނަށް ދިމާވި އެކިއެކި ދަތިތަކުން އަރައިގަނެވި އެކިއެކި ރަށްރަށުގައި، މިރަށް ހިމެނޭހެން ކުރަންޖެހިފައި ހުރި ކަންކަމުގަ ކުރިއަށްދެވޭނެ މަގު އަޅުގަނޑުމެން މިހާރު ވާނީ ފަހިކޮށްފަ" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ރައްޔިތުން ކުރެއްވި އިތުބާރުގެ ނަތީޖާ ދައްކުވައިދެއްވާނެ ކަމަށެވެ. މިހާރު ކަންކަން ތަރުތީބުކުރެވިފައިވާ ހިސާބުން، މިދިޔަ ދުވަސްތަކުގައި ގިނަ ރަށްތަކެއްގައި މަސައްކަތްތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކުޑަރިކިލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުން ކަމަށާއި، އެ މަޝްރޫޢު އަލުން ފަށައި، ނިންމަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެމަސައްކަތް ކުރިއަށްގެންދިއުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. މަސައްކަތް ފެށުމުގެ މަރުޙަލާ ޙާސިލްކުރެވި މިމަހުގެ ތެރޭގައި މަސައްކަތް ފަށައި، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަވާލެއްވުމަކީ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

"ހުއްޓިފައިވާ މި މުހިއްމު މަޝްރޫޢު ކުރިއަށް ގެންދިއުމަށް އޭރުގަ އެކި ސަބަބުތަކާހެދި އެކަން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ކުރިއަށް ގެންދިއުމަށްޓަކައި ތައްޔާރީތައް ވެ ނިމިފަ މިހާރު މިވަނީ. އެ މަސައްކަތް ފެށުމުގެ މަރުޙަލާ މިހާރު މިވަނީ ހާސިލްކުރެވިފަ" ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ފެނާއި ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ކުޑަރިކިލުގެ މަގުހެދުމުގެ މަސައްކަތް މިހާރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ޙަވާލުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކުޑަރިކިލުގެ ތަޢުލީމީ ނިޒާމު ވަރުގަދަކުރުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ކުރިއަށް ނުގޮސްހުރި ސްކޫލުގެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ސްކޫލުގެ މަސައްކަތާއެކު އެރަށުގައި މަލްޓީ ޕާޕަސް ހޯލެއް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކުޑަރިކިލުގައި މިސްކިތެއް އެޅުމުގެ މަސައްކަތުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފައިވާއިރު، ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ބިން ހަމަޖެހުމުން އެމަސައްކަތް ވެސް ފެށިގެންދާނެ ކަމަށެވެ. 

ކުޅިވަރުގެ ދާއިރާއިން ކުޑަރިކިލުގައި ތިން މަޝްރޫޢެއްގެ މައުލޫމާތު ރައީސުލްޖުމްހުރިއްޔާ އެރަށު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. އެގޮތުން އެރަށުގައި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމަށް މި މަހުގެ ތެރޭގައި ޙަވާލުކުރައްވާނެ ކަމަށާއި، އަދި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއްގެ އިތުރުން ސަރުކާރުން އެރަށުގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޑަރިކިލަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލު ކުރައްވައިފި މުހިއްމު މަޝްވަރާތަކެއް ވަނީ ކުރައްވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު