ENGLISH
09 ސެޕްޓެމްބަރު 2025
ކުޑަރިކިލުގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ޞިއްޙީ މަރުކަޒުގެ ބިންގާ އަޅައިފި
11 އޯގަސްޓު 2025
|
ކުޑަރިކިލުގެ އޭޓީއެމް ހިދުމަތް އިފުތިތާހުކުރެއްވުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި، މިއަދު ބ. ކުޑަރިކިލަށް ވަޑައިގެން އެރަށުގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާހުކޮށްދެއްވައި، ކުޑަރިކިލު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއަރޕަސަން އަޙްމަދު ޢަލީ ހަބީބްގެ އިތުރުން މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފް ބައިވެރިވަޑައިގެންނެވިއެވެ.
ކުޑަރިކިލުގައި ޤާއިމުކުރި އޭޓީއެމް މެދުވެރިކޮށް އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި، ފައިސާ ޖަމާކުރުމާއި، ފައިސާ ފޮނުވުމުގެ އިތުރުން ކްރެޑިޓް ކާޑަށް އަދި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ވެސް ލިބޭނެއެވެ.
ރަސްމިއްޔާތުގައި ވަނީ ބީއެމްއެލްގެ ފަރާތުން ކުޑަރިކިލު ކައުންސިލަށް ހަނދާނީ ފިލައެއް އަރުވައިފައެވެ. ފިލާ އަރުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ކުޑަރިކިލު ޞިއްޙި މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ކުޑަރިކިލުގެ ޞިއްޙި މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން ބިންގާ އަޅުއްވައިދެއްވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އެވެ. އަރިހުގައި ވަޑައިގެންނެވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މޭޖާ (ރިޓަޔާޑް) މުޙައްމަދު ނަޖާހުއެވެ.
ކުޑަރިކިލުގައި އަޕްގްރޭޑްކުރާ ޞިއްޙީ މަރުކަޒުގައި ޒަމާނީ ފެންވަރުގެ ލެބޯޓްރީއަކާއި، ޖާގަ ތަނަވަސް ވޯޑަކާއި، ޕްރައިވެޓް ވޯޑެއްގެ އިތުރުން މެޑިކަލް ސްޓޯރ ޤާއިމުކުުރުމުގެ އިތުރުން އެމްބިއުލާންސް ގަރާޖު ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުޑަރިކިލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޑައިގެން، ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާފައިވެއެވެ. އަދި، ކުޑަރިކިލުގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ކުޑަރިކިލުގެ ރައްޔިތުންނަށް އެރުއްވިއެވެ.