ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އޮޑިޓުގެ ލަފައަށް އަމަލުކުރަން އެމްޕީއެލްއަށް އަންގައި، އެފްއެސްއެމްެގެ އޮޑިޓެއް ހެދުމަށް އަންގަން ފާސްކޮށްފި

11 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޕީއެލްއަށް ތެޔޮ ގަތުމުގައި ހިންގާފައިވާ ހިޔާނަތާ ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި އޮޑިޓު ރިޕޯޓުގައި އެމްޕީއެލްއިން އަމަލުކުރަން ލަފާދީފައިވާ ގޮތަށް އަމަލުކުރުމަށް އެ ކުންފުންޏަށް އެންގުމާއެކު، ފިއުލް ސަަޕްލައި މޯލްޑިވްސްގެ އޮޑިޓެއް ހެދުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް އެންެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. 

  2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާ ދެމެދު އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަަތުމުގެ މުއާމަލާތް ހިންގި ގޮތާމެދު އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި އޮޑިޓު ރިޕޯޓުގައި ފާހަގަަކުރި ގޮތުން އެ މުއްދަތުގައި ޑީސަލް ގަތުމުގެ މުއާމަލާތްތަކުގެ ތެރެއިން ހިންގާފައިވާ ހިޔާނަތްތަކުގެ ތެރެއިން 28،316،141 (އަށާވީސް މިލިއަން ތިންލައްކަ ސޯޅަހާސް އެއްސަތޭކަ ސާދަ) މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވެއެވެ. 

މި ހިޔާނާތް ހިނގަައި ގިނަ އަދަދެއްގެ ޑީސަލް ގެއްލުމަށް މެދުވެރިވީ ސަބަަބުތައް އޮޑިޓު ރިޕޯޓުގައި ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. އަދި އެ މައްސަލަތަައް ހައްލުކުރުމަށް އަޅަން ފެންނަ ފިޔަވަޅުތަކާއި އެތެރޭގެ ހިންގުމަށް ގެންނަންޖެހޭ ގިނަ ބަދަލުތަކެއްވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކުރިއެވެ. 

މި އޮޑިޓު ރިޕޯޓު ދިރާސާކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު މިއަދު މަޖިލީހަށް އިއްވައި، މަޖިލީހުގައި ނެގި ވޯޓުން ފާސްކޮށްފައިވެއެވެ. 

އެ ރިޕޯޓުގައި ނިންމާފައިވާ ކަަންކަމުގެ ތެރޭގައި އޮޑިޓު ރިޕޯޓުގައި ގާނޫނާއި ގަވާއިދާ ހިލާފުކަމަށް ފާހަގަކޮށްފައިވާ މައްސަލަތައް ކުރިމަގުގައި ތަކުރާރުނުވާނެ ގޮތަށް، އެކަންކަން ބައްޓަންކުރުމަށް އޮޑިޓު އޮފީހުން ދީފައިވާ ލަފައާ އެއްގޮތަށް އަމަލުކުރަން އެމްޕީއެލްއަށް އެންގުން ހިމެނެއެވެ. 

އޭގެ އިތުރަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ ތެޔޮ އުފުލާ އުޅަނދުފަހަރުތައް މޮނިޓާކުރުމަށް ބޯޓުފަހަރުގައި ކެމެރާ ހަރުކުރުމާއެކު، ތެޔޮ ދޫކުރުމަށް ބޭނުންކުރާ މީޓަރުތައް ޒަމާނީ މީޓަރުތަކަށް ބަދަލުކޮށް ޑިޖިޓަލްކޮށް ވަގުތުން ރިޕޯޓު ނެގޭ ގޮތް ހެދުމަަށާއި، ބާޖުތަކުގެ ތާނގިތަކުގައި ރައްކާކޮށްފައި ހުންނަ ތެލުގެ މިންވަރު ވަގުތުން ދެނެގަނެވޭ އަދި ބަލަހައްޓަމުން ގެންދެވޭނެ ގޮތަށް އޮޓޮމެޓިކް ގޭޖިން ސިސްޓަމްތައް ހަރުކޮށް 45 ދުވަހުގެ ތެރޭގައި ނިންމުމަށް މަޖިލީހުން އަންގަން ރިޕޯޓުގައި ހިމަަނާފައިވެއެވެ. 

އޭގެ އިތުރަށް އެ ކުންފުނީގެ ބޭނުމަށް އެމްޕީއެލްއިން ގަތް ތެލުގެ ތެރެއިން ގިނަ އަދަދެއްގެ ތެޔޮ ގެއްލި، އެކަމުގެ ސަަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު، ހިޔާނާތުގެ ބައިވެރިންގެ އަތުން ހޯދުމުގެ މަސައްކަތް އަވަސްކުރުމަށް ޕީޖީ އޮފީހަށާއި ކޯޓުތަކަށް އަންގައި އެ މަސައްކަތް ކުރިއަށްދާ ގޮތުގެ ރިޕޯޓު ތިން މަސް ތެރޭ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން އަންގަންވެސް ފާސްކޮށްފައިވެއެވެ. 

އަދި އެފްއެސްއެމްއިން ތެޔޮ ގަތުމާއި، ވިއްކުމުގެ މުއާމަލާތްތައް ހިންގާފައިވާ ގޮތް ބަލައި، އުސޫލާ ހިލާފަށް ކަމެއް ހިނގާފައިވާތޯ ބެލުމާއެކު، އެ ކުންފުނީގެ ރިސްކް މެނޭޖުމެންޓު ޕްރޮސެސްއާއި އެތެރޭގެ އޮޑިޓު ހެދުމާއި އެތެރޭގައި ގާއިމުކޮށްފައިވާ ކޮންޓްރޯލް ޕްރޮސެސްތައް ފަދަ އިންތިޒާމުތައް ގާއިމުކޮށްފައި ހުރިކަން ކަށަވަރުކުރުމަށާއި، އެކަންކަމުގައި ރަނގަޅުކުރަންޖެހޭ ކަންކަމަކީ ކޮބައިކަން ދެނެގަތުމަށާއި، ކުންފުނިން މާލީ މުއާމަލާތްތައް ހިންގީ ރަނގަޅަށްކަން ނުވަތަ ނޫންކަން ދެނެގަތުމަށް ޝާމިލު އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލް އޮފީހަށް އެންގުމަށް ރިޕޯޓުގައި ހިމަނާފައިވެއެވެ. 

އޭގެ އިތުރަށް އެފްއެސްއެމްެގެ އުޅަނދުތައް މާލޭ ސަރަހައްދުން ބޭރުވުމަށްފަހު އެ އުޅަނދުފަހަރު މޮނިޓާކުރެއްވޭ ގޮތަށް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމުތައް ތިން މަސްދުވަހުގެ ެތރޭގައި ގާއިމުކުރުމަށް އެމްޕީއެލްއަށް އެންގުމަށްވެސް މިއަދު ފާސްކުރި ރިޕޯޓުގައި ނިންމާފައިވެއެވެ. 

މާލިއްޔަތު ކޮމިޓީގެ މި ނިންމުންތައް ހިމެނޭ ގޮތަށް އެ ރިޕޯޓު ފާސްކޮށް، ރިޕޯޓުގައި ހިމެނޭ ކަންކަން ކުރުމަށް އެމްޕީއެލް އަދި އެފްއެސްއެމްއަށް އެންގުމަށް މަޖިލީހުގެ 69 މެންބަރަކު ވޯޓު ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު