ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

އަންދާޒާކުރި މިންވަރަށްވުރެ ޖުލައި މަހުގެ އާމްދަނީ %12.8 އިތުރުވެއްޖެ

11 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މީރާއިން ހާމަކުރި ގޮތުގައި އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް ޖުލައި މަހު އާމްދަނީ ލިބުނު

ފާއިތުވި ޖުލައި މަހު ދައުލަތަށް ލިބުނު އާމްދަނީ އެ މަހުގައި އާމްދަނީގެ ލިބޭނެކަމަށް ކުރިން އަންދާޒާކުރި  މިންވަރަށްވުރެ 12.8 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފިއެވެ. 

އެ އޮތޯރިޓީން އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ޖުލައި މަހު 3.39 ބިލިއަން ރުފިޔާ އާމްދަަނީގެ ގޮތުގައި ލިބުނެވެ. އެއީ ނިމުނު އަހަރުގެ ޖުލައި މަހު މީރާއަށް ލިބުނު އާމްދަނީއަށްވުރެ 15.4 އިންސައްތަ އިތުރު އަދަދެކެވެ. އަދި މމި އަހަރުގެ ޖުލައި މަހު ލިބޭނެކަމަށް ކުރިން އަންދާޒާކުރި އާމްދަނީއަށްވުރެ 12.8 އިންސައްތަ އިތުރު މިންވަރެކެވެ. 

ނިމުނު އަހަރުގެ ޖުލައި މަހަށްވުރެ މި އަހަރުގެ ޖުލައި މަހު އާމްދަނީ އިތުރުވި އެއް ސަބަބަކީ ކުންފުނިތަކުގެ އާމްދަނީން ނަގާ ޓެކުހާއި، ގްރީން ޓެކުހާއި، ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. 

އެގޮތުން ޖޫން މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވިއެވެ. އެކަމުގެ ސަބަބުން ޖުލައި މަހު ޓީޖީއެސްޓީއާއި ގްރީން ޓެކުހާއި އެއާޕޯޓު ޓެކުސްތަކާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވިއެވެ. ފަތުރުވެރިން އައި މިންވަރު އިތުރުވުމާއެކު، ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ގްރީން ޓެކުހާއި އެއާޕޯޓު ޓެކުހާއި ފީ ބޮޑުކުރުމުން އެ ދާއިރާތަކުން ލިބުނު އާމްދަނީ ޖުމްލަކޮށް އިތުރުވިއެވެ. 

އަންދާޒާކުރި މިންވަރަށްވުރެ ޖުލައި މަހުގެ އާމްދަނީ އިތުރުވި އެއްސަބަބަކީ ފަރުދުން ފިޔަވައި ވިޔަފާރިތަކާއި ކުންފުނިތަކުން އާމްދަނީގެ ޓެކުހުގެ ގޮތުގައި ދެއްކި މިންވަރު ލިބޭނެކަމަށް ކުރިން އަންދާޒާކުރި އާމްދަނީއަށްވުރެ ވަރަށް ބޮޑަށް އިތުރުވުމެވެ. ނަތީޖާއެއްގެ ގޮތުން އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ކުރިން ލިބޭނެކަމަށް ލަފާކުރި މިންވަރަށްވުރެ ވަރަށް ބޮޑަށް އިތުރުވިއެވެ. 

އޭގެ އިތުރަށް ޖުލައި މަހުގެ އާމްދަނީގެ 14.9 އިންސައްތައަކީ ކުރިން ދައްކަންޖެހޭ މުއްދަތުގައި ނުދައްކައި ހުރި ފައިސާގެ ތެރެއިން މީރާއިން ހޯދާފައިވާ ފައިސާއެވެ. އަދި ޖުލައި މަހުގެ އާމްދަނީގެ 7.4 އިންސައްތައަކީ ދައްކަންޖެހި ނުދައްކައި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މީރާއަށް ހޯދުނު ފައިސާއެވެ. އެހެންކަމުން މީރާއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކާމިޔާބުކަމާއެކު މަސައްކަތްތަކެއް ކުރެވުމަކީވެސް ޖުލައި މަހުގެ އާމްދަނީ އަންދާޒާކުރި މިންވަރަށްވުރެ އިތުރުވި ސަބަބެއްކަމަށް އެ އިދާރާއިން ބުނެއެވެ. 

ޖުލައި މަހު ލިބުނު އާމްދަނީގެ 48.9 އިންސައްތައަކީ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއެވެ. 31.7 އިންސައްތައަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު 38.3 އިންސައްތައަކީ ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި 30 އިންސައްތައަކީ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާއެވެ. 

ކިޔުންތެރިންގެ ހިޔާލު