ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ކަމަދޫއަށް ތާރީހީ ދުވަހެއް؛ ރައީސް މައުމޫނުގެ ފަހުން ރައީސަކު އަލަށް ޒިޔާރަތްކުރެއްވުން

11 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ކަމަދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވުން، ފޮޓޯ: ރައީސް އޮފީސް

ބ.އަތޮޅު ކަމަދޫއަކީ ވަރަށް ހިތްގައިމު ރަށެކެވެ. ގުދުރަތީ ގޮތުން ރީތި ނަލަ ކަމަދޫއަކީ ރާއްޖެއިން ބޭރުން ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހި ދަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ރަށެކެވެ. 13 ގެސްޓުހައުސްއާއެކު 3،000 އެއްހައި އެނދު އޮޕަރޭޓުކުރަމުންދާ ކަމަދޫ ރައްޔިތުންނަކީ ތަރައްގީއަށް ފެން ބޮވައިގަނެފައި ތިބި ބައެކެވެ. އުންމީދުތަކުން ހިތްތައް ފުރައިގެން ތިބި ބައެކެވެ. ނަމަވެސް ފާއިތުވި ދިގު މާޒީގައި، ބަދަލުވަމުންދިޔަ ސަރުކާރުތަކުގެ ކަޅި ކަމަދޫއަށް އަމާޒުނުވެއެވެ. ކަމަދޫ ރައްޔިތުންގެ ޝަކުވާއަކީ އެ ރަށަށް އެއްވެސް އަހައްމިއްޔަތުކަމެއް ސަރުކާރުތަކުން ނުދިނުމެވެ. 

ނަމަވެސް މިއަދަކީ ކަމަދޫ ރައްޔިތުންގެ މި ޝިކާޔަތަށް، ތަސައްލީއެއް ލިބުނު ދުވަހެކެވެ. ބ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ވަޑައިގެން ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް އިޚުތިޔާރުކުރެއްވީ ކަމަދޫއެވެ. 

އެމަނިކުފާނު ކަމަދޫއަށް ވަޑައިގެން އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްއިން ގާއިމުކޮށްފައި ހުރި އޭޓީއެމް އިފުތިތާހުކޮށްދެއްވިއެވެ. އެއަށްފަހު ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. އެ ރަސްމިއްޔާތުގައި ރަށުގެ ރައްޔިތުންނަށް އުންމީދުތަކެއް ގެނުވާ ދެ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔައެވެ. 

ޖާގައިގެ ދަތިކަން ކުރިމަތިވެ، ދުވަސްވެ ބާވެފައި ހުރި ސްކޫލު އިމާރާތުގެ މައްސަލައަށް ހައްލު ލިބޭނެ އައު އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކުރެވިގެންދިޔައެވެ. އަދި އެ ރަށަށް ސީ ޕްލޭން ދަތުރުތައް ފެށުމަށް ހޯކްސް ހޮޓެލްސްއާއި ގައުމީ އެއާލައިންގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. 

މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ނިމުމުން އެ ރަށު ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވެސް ކަމަދޫ ކުރިން އޮތް ހާލަތު ފާހަގަކުރެއްވިއެވެ. އެގޮތުން ބ.އަތޮޅުގެ ތަރައްގީގައި ކަމަދޫ އޮންނަނީ ލިސްޓުގެ ފަހަތަަށް ލެވިފައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ ތަފާތުކުރުން ނައްތައިލައި، ހަމަހަމަކަމާއެކު ތަރައްގީ ގެނައުމުގެ ސިޔާސަތެއް ތަންފީޒުކުރައްވާނެ ކަމަށެވެ. 

"މީގެ ކުރިން މި އަތޮޅުގެ ތަރައްގީ އައުމުގައި ކަމަދޫ އޮންނަނީ ލިސްޓުގެ ތަންކޮޅެއް ފަހަތުގައި. އިރާދަކުރެއްވިއްޔާ އެ ތަފާތުކުރުން ނައްތައިލައި ހަމަކަމާއެކު ތަރައްގީ ގެނައުމުގެ ސިޔާސަތެއް އަޅުގަނޑުމެން ތަންފީޒުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ. 

ކަމަދޫ ކައުންސިލުގެ ރައީސް ހަސަން ޒަރީރުގެ ވާހަކަފުޅުގައި އޭނާ ފާހަގަކުރެއްވީ ކަމަދޫ ތަރައްގީ ރޭހުން އެއްކިބާވެފައި އޮތް މިންވަރެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ފަހުން ރަސްމީ ހައިސިއްޔަތުން އެ ރަށަށް ވަޑައިގެންނެވި ވެރިޔަކީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމެވެ. އެމަނިކުފާނަށްފަހު އެރަށަށް ވަޑައިގެންނެވި ފުރަތަމަ ރައީސަކީ ރައީސް ޑރ.މުއިއްޒެވެ. 

ކުދި ރަށްރަށަށް އެ ރަށްރަށުގައި ހުރި އިގުތިސާދީ ފުރުސަތުތައް ބޭނުންނުކުރެވި، ތަރައްގީގެ ރޭހުގައި ފަހަތަށް ސޮއްސައިގެން ގޮސްފައި އޮތީ، އެ ރަށްރަށުގެ ރައްޔިތުންގެ ކުށަކުންނޫނެވެ. އެ ރަށްރަށަށް ވެރިންގެ ސަމާލުކަން ނުލިބުމުންނެވެ. ރައްޔިތުންގެ ބޭނުންތައް ބައްލަވައިލައްވަން، ރައްޔިތުންގެ ހާލާއި އުފުލާ ތަކުލީފުތައް ފެނިވަޑައިގަންނަވާ ހިސާބަށް ވެރިން ވަޑައިނުގަންނަަވަނީއެވެ. 

ރައީސް ޑރ.މުޢިއްޒު ރަށްރަށް ކުރައްވާ ދަތުރުފުޅުތަކުގެ ބޭނުންފުޅަކީ މިއެވެ. މިފަދައިން އެކަހެރިކުރެވި ބާކީވެފައި އޮތް އާބާދީތަކަށް ގައުމީ ތަރައްގީގެ މަސައްކަތްތަކުން ޖާގަ ހޯދައިދެއްވުމެވެ. ރަށްރަށުގެ ތަރައްގީ އެ ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް ބައްޓަންކޮށްދެއްވުމެވެ. 

ކިޔުންތެރިންގެ ހިޔާލު