ENGLISH
09 ސެޕްޓެމްބަރު 2025
ރަށްރަށުގެ ގުދުރަަތީ ރީތިކަން ނެތިގެންނުދާ ގޮތަށް މަގުހެދުމަކީ މުހިއްމުކަމެއް: ރައީސް
11 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ފަތުރުވެރިކަން ތަރައްގީވަމުން އަންނަ ރަށްރަށުގައި އަދި އާބާދީ ކުދި ރަށްރަށުގެ ގުދުރަތީ ރީތިކަން ގެއްލިގެންނުދާނެ ގޮތަށް އެ ރަށްރަށުގެ މަގުތައް ތަރައްގީކުރުމަކީ މުހިއްމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބ.އަތޮޅުގެ ރަށްރަށަށް ކުރައްވަަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ.ކަމަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ހަރު ފަށަލައެއް ތަރައްގީކޮށް، ތާރު އަޅައިގެން ނުވަތަ ގާ އަތުރައިގެން ހުރިހާ ރަށެއްގެ މަގުތައް ތަރައްގީކުރުމަކީ މުހިއްމުކަމެއް ނޫން ކަމަަށާއި، އަދި ތާއީދުވެސް ކުރައްވާ ކަމެއް ނޫން ކަމަށެވެ.
ހާއްސަކޮށް ގެސްޓުހައުސް ފަތުރުވެރިކަން ތަރައްގީވަމުންދާ ރަށްރަށުގެ ތަބީއީ ރީތިކަން ވީހާވެސް ބޮޑަކަށް ރައްކާތެރިކޮށް ނެތިގެންނުދާނެ ގޮތަށް މަގު ހެދުމަކީ މުހިއްމު ކަމެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އެއާއެކު ރައީސް ވިދާޅުވީ ރަށްރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާނީ އެ ރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.
"ޓޫރިޒަމް ގެސްޓުހައުސްތައް ޑިވެލޮޕްވަމުން އަންނަ، ޓޫރިޒަމް ފުޅާވަމުން އަންނަ ރަށްރަށުގައި، ރަށުގެ ނެޗުރަލް ބިއުޓީ ނޫނީ ގުދުރަތީ ރީތިކަން ވީހާވެސް ބޮޑަކަށް ބެލެހެއްޓޭ ގޮތަކަށް ނޫނިއްޔާ ނެތިގެންނުދާނެ ގޮތަށް މަގުހެދުމަކީ މުހިއްމު ކަމެއް. ރައްޔިތުން ބޭނުންވާ ގޮތަކަށް އަޅުގަނޑުމެން ކުރިއަށްގެންދާނީ،" ރައީސް ވިދާޅުވިއެވެ.
އެއާއެކު ރައީސްވަނީ ތާރު އެޅުމާއި ގާ އެތުރުމުގެ ބަދަލުގައި ރަށްރަށުގެ މަގުތައް ހެދިދާނެ ގޮތެއްވެސް ހުށަހަޅުއްވާފައެވެ. އެމަނިކުފާނުގެ ހުށަހެޅުއްވުމަކީ މަގުތައް ރީތިކޮށް ދެމެހެއްޓުމާއެކު ފެން ހިންދޭނެ ރަނގަޅު ނިޒާމެއް ގާއިމުކޮށް މަގުތައް އެންމެ ތަބީއީ ގޮތުގައި ދެމެހެއްޓުމެވެ.
ރައީސްވަނީ ކަމަދޫ ރައްޔިތުން އެދޭނަމަ އެގޮތަށް އެ ރަށުގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާނީ ރަށުގެ އިގުތިސާދީ ކުރިއެރުމަށް މަގުފަހިވާނެ ގޮތަށް ކަމަށެވެ.
ކަމަދޫއަކީ ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށަކަށްވުމާއެކު އެ ރަށުގެ ރައްޔިތުން އެންމެ އެދޭ އެއްކަމަކީ ރަށުގެ ސިއްހީ ކަންކަން ތަރައްގީކުރުން ކަމުގައި ވިދާޅުވެ، ރައީސް ފާހަގަކުރެއްވީ އެ ރަށުގެ ސިއްހީ މަރުކަޒު ބޮޑުކުރުމާއެކު، ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމެވެ. އަދި އެއަށްފަހު ސިއްހީ މަރުކަޒުން ހިދުމަތް ދޭ ވަގުތު 16 ގަޑިއިރަށް އިތުރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަހަރުގެ ފަހުކޮޅު އެ ރަށުގެ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
އަދި ކަމަދޫ ފުޓުބޯޅަ ދަނޑުގެ ޓާފުގެ މަސައްކަތް ނިމިގެންދާނެކަމުގެ ޔަގީންކަންދެއްވަމުން ރައީސް ވިދާޅުވީ ޓާފް ނޭޅި ދަނޑުތައް ނުުނިމި ހުރި ރަށްރަށުގެ މަސައްކަތް ނިންމުމަށްޓަކައި ބޭނުންވާ ތަކެތި އެސްޓީއޯ މެދުވެރިވެގެން ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ކަމަދޫގައި މިހާރު ހިނގަމުންދާ އަދި ހަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން ބަނދަރު ހެދުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ތަނުގައި ފެށޭނެކަމަށާއި، ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑުހިލަ ގެނެސް އެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ.
ކަމަދޫއަކީ ޗާޓުން އެއްކިބާކުރެވިފައި އޮތް ރަށެއްކަން ފާހަގަކުރައްވަމުން ރައީސް އެ ރަށުގެ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ރަށުގެ ރައްޔިތުންނާ ކައިރިން ތަރައްގީގެ މަސައްކަތްކޮށް، އެ ރަށުގެ ރައްޔިތުން ބޭނުންވެފައި ހުރި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ.