ENGLISH
09 ސެޕްޓެމްބަރު 2025
ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށް ރައީސް ކަމަދުއަށް ވަޑައިގެންފި
11 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ކަމަދޫއަށް ވަޑައިގެންފިއެވެ.
ރައީސް ކަމަދުއަށް ވަޑައިގަތުމުން ކަމަދޫ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ރައީސަށް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަޙައްދަށް އެއްވެފަވެއެވެ. ރައީސްގެ މިދަތުރުފުޅުގައި ކަމަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރަ ކޮމިޓީއާއި، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ. ދަތުރުފުޅު ނިންމަވާލައްވާނީ އޮގަސްޓް 14 ވަނަ ދުވަހެވެ.
ބ. އަތޮޅުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ 13 ރަށަކީ، ދަރަވަންދޫ، މާޅޮސް، ކިހާދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖުލައި މަހު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގެންފައެވެ. އެރަށްތަކަށް ވަޑައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައިވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.
ދަތުރުފުޅުގައި ބ. އަތޮޅުގެ ރަށްތަކުގައި ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.