ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ޖުލައި މަހު ލިބުނު ބޭރު ފައިސާގެ އާމްދަނީ %40 މައްޗަށް

11 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

މީރާގެ ހިދުމަތް ދޭ ކައުންޓަރެއް

މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ)އަށް ފާއިތުވި ޖުލައި މަހު ބޭރު ފައިސާއިން ލިބުނު އާމްދަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު ބޭރު ފައިސާއިން ލިބުނު އާމްދަނީއާ އަޅާބަލާއިރު ގާތްގަނޑަކަށް 40 އިންސައްތަ އިތުރުވެފައިވާކަން މީރާއިން އާއްމުކޮށްފައިވާ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 

މީރާއިން އާއްމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ޖުލައި މަހު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި މީރާއަށް ލިބުނީ 75.7 މިލިއަން ޑޮލަރެވެ. ނަމަވެސް މި އަހަރުގެ ޖުލައި މަހު ބޭރު ފައިސާއިން ލިބުނު އާމްދަނީވަނީ 105.8 މިލިއަން ޑޮލަރަށް އަރާފައެވެ. 

ޖުލައި މަހު ޑޮލަރުގެ އާމްދަނީ އިތުރުވީ މައިގަނޑު ގޮތެއްގައި ޑޮލަރުން ޓެކުސް ދައްކާފައިވާ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން ޖުލައި މަހު ޓެކުހުގެ ގޮތުގައި 91.9 މިލިއަން ޑޮލަރު ލިބުނެވެ. ފާއިތުވި އަހަރުގެ ޖުލައި މަހު ޓެކުހުގެ ގޮތުގައި ލިބުނީ 61.4 މިލިއަން ޑޮލަރެވެ. 

ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާއަށް ބަލާއިރު، ނިމުނު އަހަރަށްވުރެ މި އަހަރުގެ ޖުލައި މަހު ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ކުޑަކޮށް ދަށްވިއެވެ. ނިމުނު އަހަރުގެ ޖުލައި މަހު 14.2 މިލިއަން ޑޮލަރު ޓެކުސް ނޫން ގޮތްގޮތުގައި މި އަހަރުގެ ޖުލައި މަހު ލިބުނީ 13.9 މިލިއަން ޑޮލަރެވެ. 

މި ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރުގެ ޖުލައި މަހު ޑޮލަރުން ލިބުނު އާމްދަނީއަށްވުރެ މި އަހަރުގެ ޖުލައި މަހު ޑޮލަރުން ލިބުނު އާމްދަނީ %39.7 އިތުރުވިއެވެ. އަދި ޓެކުހުގެ ގޮތުގައި ލިބުނު ޑޮލަރު ނިމުނު އަހަރަށްވުރެ 49.5 އިންސައްތ އިތުރެވެ. ނަމަވެސް ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 2.4 އިންސައްތަ ދަށްވިއެވެ. 

ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާ އިތުރުވިއިރު އެންމެ ބޮޑަށް އިތުރުވީ އާމްދަނީގެ ޓެކުހާއި ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތާއި މުދަލުން ނަގާ ޓެކުހުން ލިބުނު ޑޮލަރެވެ. އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރުގެ ޖުލައި މަހު 16.5 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 31.8 މިލިއަން ޑޮލަރަށް އަރާފައެވެ. އެއީ 92 އިންސައްތައިގެ އިތުރުވުމެކެވެ. 

ޓީޖީއެސްޓީއަށް ބަލާއިރު ނިމުނު އަހަރުގެ ޖުލައި މަހު ލިބުނީ 35.8 މިލިއަން ޑޮލަރެވެ. މި އަހަރުގެ ޖުލައި މަހު އެ އަދަދުވަނީ 40.5 މިލިއަން ޑޮލަަރަށް އިތުރުވެފައެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރުގެ ޖުލައި މަހު 3.9 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރުގެ ޖުލައި މަހު އެ އަދަދުވަނީ 10.3 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. 

އެހެންކަމުން ޓީޖީއެސްޓީގެ ގޮތުގައި ލިބުނު ޑޮލަރު 13.1 އިންސައްތައ އިތުރުވިއިރު، ގްރީންޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީވަނީ 164.1 އިންސައްތަ އިތުރުވެފައެވެ. 

ޓެކުހުގެ ގޮތުގައި ޖުލައި މަހު ދައުލަތަށް ލިބުނު ޑޮލަރު ވަރަށް ބޮޑު ތަން އިތުރުވެފައިވާއިރު، މި އަހަރުގެ އޮފް ސީޒަނުގައި ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް ނިމުނު އަހަރާ އަޅާބަލާއިރު ވަރަަށް ބޮޑަށް އިތުރުވެފައިވެއެވެ. އަދި ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުގެ އިސްނެގުމަށް މީރާއިން ޓެކުސް ދެއްކުމުގެ އުސޫލުތަކަށް ގެނައި ބަދަލުތަކާއެކު ޓެކުހުގެ ގޮތުގަައި ދައުލަތަށް ލިބޭ ޑޮލަރު އަންނަނީ އިތުރުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު