ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފި

11 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ. ދަތުރުފުޅު ނިންމަވާލައްވާނީ އޮގަސްޓް 14 ވަނަ ދުވަހެވެ. 

ބ. އަތޮޅުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ 13 ރަށަކީ، ދަރަވަންދޫ، މާޅޮސް، ކިހާދޫ، ދޮންފަނު، ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖުލައި މަހު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް ވަޑައިގެންފައެވެ. އެރަށްތަކަށް ވަޑައިގެން ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެ އިތުރުން، މި ދަތުރުފުޅުގައިވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ.

ދަތުރުފުޅުގައި ބ. އަތޮޅުގެ ރަށްތަކުގައި ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރީގައި ރަށްރަށަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

‎މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު