ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕްގައި ސޮއިކޮށްފި

10 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރޝިޕް ގައި ސޮއިކުރުން --

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ -- ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި މާސްޓާ ކާޑް އަދި ބޭންކް އޮފް މޯލްޑިވްސް އިން "މޯލްޑިވްސް ޑިޖިޓަލް ޕާޓްނަރްޝިޕް" އެމްއޯޔޫ އެއް ގައި ސޮއިކޮށްފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ބުނި ގޮތުގައި މިއީ ދިވެހިރާއްޖެއަށް ޒަމާނީ އީޖާދުތައް ތައާރަފުކޮށް ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުން ހަލުވިކުރުމަށާއި އޭގެ ޒަރިއްޔާއިން ރައްޔިތުންނަށް ލުއިފަސޭހަކޮށް ހިދުމަތްތައް ދިނުމަށާއި ވަކިން ހާއްސަކޮށް އަދުގެ ސަރުކާރުގެ އެއް އަމާޒުކަމަށްވާ ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމުގެ ދަށުން ކޭޝްލެސްކޮށް، މުޖުތަމައުގެ އެންމެނަށް ލުއި ފަސޭހަގޮތަކަށް ވިޔަފާރީގެ އަދި އެނޫންވެސް ފައިސާގެ މުއާމަލާތްތައް ހިންގޭނެ މަގުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލި އެމްއޯޔޫ އެކެވެ.

ބޭންކް އޮފް މޯލްޑިވްސްގައި މިކަމަށްޓަކައި ބޭއްވި ހަފުލާއެއްގައި މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ)ގެ އިސްވެރިޔާ، ޑރ. މުޙައްމަދު ކިނާނަތު އެވެ. އަދި މާސްޓަރ ކާޑްގެ ފަރާތުން ސޮއި ކުރެއްވީ މާސްޓަރ ކާޑް އޭޝީޔާ ޕެސިފިކްގެ ސީނިއަރ ވައިސް ޕްރެސިޑެންޓް ސަޕަން ޝާހް އެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން މި އެމް.އޯ.ޔޫ ގައި ސޮއި ކުރެއްވީ އެ ބޭންކުގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.

ފަސް އަހަރު ދުވަހަށް ވެވުނު މި އެމް.އޯ.ޔޫގެ ދަށުން މައިގަޑު 7 ދާއިރާއިން މަސައްކަތްތަކެއް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ ތެރޭގައި ހިމެނޭ އެއް ކަމަކީ އެން.ސީ.އައި.ޓީ އިން ތަރައްޤީކޮށް ބަލަހައްޓަމުންދާ ދިވެހިރާއްޖޭގެ ޤައުމީ ޑިޖިޓަލް އައި.ޑީ ގެ ނިޒާމް ކަމަށްވާ އީފާސް އާއި ސްމާޓް އައި.ޑީގެ ތެރެއިން އިލެކްޓްރޯނިކްކޮށް ނުވަތަ ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ހިންގޭނެ ހަރުދަނާ ސިސްޓަމްތަކެއް ޤާއިމްކުރުން ހިމެނެ އެވެ.

މީގެ އިތުރުން ރޭވިފައިވާ ކަންތައްތަކުގެ ތެރޭގައި ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް، ޑިޖިޓަލް ޕޭމަންޓް ސިސްޓަމްތައް އިތުރަށް ހަރުދަނާކޮށް މުއާމަލާތްތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް އޭގެ ސަބަބުން ސްކޭމްތަކާއި އެނޫންވެސް މަކަރާއި ހީލަތުން ހިންގާ މުއާމަލާތްތައް މަދުކުރުން ހިމެނެ އެވެ.

މީގެ އިތުރުންވެސް މާސްޓަރ ކާޑްގެ ފަންނީ ތަޖުރިބާ ހިއްސާކޮށް އޭގެ އެހީގައި ދިވެހިރާއްޖެއަށް ކުރިއެރުން ހާސިލްކުރެވޭނެ ގޮތްތައް ހޯދައި މި ތިން މުއައްސަސާއިން ގުޅިގެން މަސައްކަތް ކުރެވޭނެމަގު މި އެމް.އޯ.ޔޫ މެދުވެރިކޮށް ހުޅުވިގެންދާނެ އެވެ.  

ކިޔުންތެރިންގެ ހިޔާލު