ENGLISH
10 ސެޕްޓެމްބަރު 2025
ޔޫކޭއިން އެމްއޭސީއެލް އަށް އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތި ހަދިޔާކޮށްފި
10 އޯގަސްޓު 2025
|
ޔޫކޭއިން އެމްއޭސީއެލް އަށް އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތި ހަދިޔާކުރުން --
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި އަވަސް ފަރުވާ ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އިނގިރޭސި ސަރުކާރުން އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތި އެމްއޭސީއެލް އަށް ހަދިޔާކޮށްފި އެވެ.
އެމްއޭސީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގެ ފަރާތުން އެ ތަކެތި ހަދިޔާކުރިކަމުގެ ރަމްޒީ ފިލާ ހަވާލުކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު މުހައްމަދު ތައުފީގް ވައްހާބް އެވެ. އެމްއޭސީއެލްގެ ފަރާތުން އެ ފިލައާ ހަވާލުވެވަޑައިގަތީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އެވެ.
އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެކްޓިން ސަފީރު މުހައްމަދު ތައުފީގް ވައްހާބް ވިދާޅުވި ގޮތުގައި ބޭރު ގައުމުތަކުގައި އުޅޭ އިނގިރޭސި ވިލާތުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ގައުމުން އެންމެ އިސްކަންދޭ ކަންތަކެވެ. އެގޮތުން އެމްއޭސީއެލް އަށް މިއަދު ހަދިޔާކުރި ތަކެތީގެ ސަބަބުން ރާއްޖެއަށް ކޮންމެ އަހަރަކު އަންނަ އެތައް ސަތޭކަ އިނގިރޭސި ވިލާތުގެ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މިއަދު ފޯރުކޮށްދިން އަވަސް ފަރުވާގެ ތަމްރީން ދޭނެ ތަކެތީގެ ސަބަބުން އެމްއޭސީއެލްގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންވާ ވަސީލަތްތަކާއެކު، އެކަމަށް ތައްޔާރަށް ތިބި މުވައްޒަފުންކަން ކަށަވަރު ވެގެންދާނެ، މިއީ އެމްއޭސީއެލް އާއެކު އޮންނަ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއް" އެކްޓިން ހައި ކޮމިޝަނަރު ވައްހާބް ވިދާޅުވި އެވެ.
އެކްޓިން ހައި ކޮމިޝަނަރު ވައްހާބް ވަނީ އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވަރުގަދަ ކުރުމަށް އެމްއޭސީއެލް އިން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތް ވެސް ފާހަގަކުރައްވައިފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީ.އީ.އޯ ޝަރީފު ވަނީ އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލްއަށް ހަދިޔާކުރި ތަކެއްޗަށާއި އެ ކުންފުންޏާ ދޭތެރޭގައި ހައިކޮމިޝަނުން ބަހައްޓަވާ ގާތްކަމާއި ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ސީއީއޯ ޝަރީފު ވިދާޅުވީ، އެމްއޭސީއެލްއަކީ ރާއްޖޭގެ އިގުތިސާދުގެ މައި ދޮރޯށި ބަލަހައްޓާ ކުންފުނި ކަމަށްވާއިރު، ރާއްޖެއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ވަރުގަދަ އުސޫލުތަކާއި ގަވާއިދުތައް އެ ކުންފުނީގައި ކަނޑައަޅައި ތަންފީޒު ކުރަމުން އަންނަ ކަމަށެވެ. ހާއްސަކޮށް ދިމާވެދާނެ ކުއްލި ހާލަތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މުވައްޒަފުން ތަމްރީނުކޮށް، ގާބިލު ބަޔަކަށް ހެދުމަކީ ކުންފުނިން ނުހަނު އިސްކަންދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.
އިނގިރޭސި ހައިކޮމިޝަނުން އެމްއޭސީއެލް އަށް ހަދިޔާކުރި މި ތަކެއްޗަކީ ރާއްޖޭގެ ރައްޔިތުން ކުއްލި ހާލަތްތަކަށް ތައްޔާރުކޮށް، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ގާބިލުކަން އިތުރުކުރުމުގެ މަގުސަދުގައި އިނގިރޭސި ވިލާތުގެ ސަރުކާރުން ހިންގަމުން އަންނަ ޕްރޮޓެކްޓިވް ސެކިއުރިޓީ އެންޑް އެޓޭކް ރެސްޕޮންސް ޕްރޮގްރާމް (ޕީއެސްއޭއާރުޕީ) ގެ ދަށުން ހަދިޔާކުރި ތަކެއްޗެވެ.
މިއީ ރާއްޖޭގައި ގާއިކުރެވިފައިވާ އިނގިރޭސި ހައިކޮމިޝަނާއިއެކު މިއަހަރުގެ މެއި މަހުގައި ބޭއްވުނު ބައްދަލުވުންތަކުން ނިންމާފައިވާ ގޮތަށް ސަރަހައްދީ ގައުމުތަކުގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދެވުނު ހަރަކާތެކެވެ.