ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ސީނުކަރައިގެ ފިނިފެންމަލުގެ ގުލްޒާރުގައި، ކުޑައިރު ދުށް ހުވަފެނުގައި އުދުހިލަން ލިބުނު ވަގުތުކޮޅު

10 އޯގަސްޓު 2025

|

ޝާމަ ޝުޢައިބު

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ފިނިފެންމާ ފެކްޓްރީ - ފޮޓޯ: ޝާމާ ޝުއައިބް

މާލޭގެ ހަލަބޮލި، ހާސްކަންބޮޑު، ބަންދު މި މާހައުލުގައި ދިރިއުޅެމުންދާއިރު ދިރިއުޅުމުގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ނުތަނަވަސް ވަމުންނެވެ. މަސައްކަތުގެ މާހައުލާ އަމިއްލަ ދިރިއުޅުމުގައި ވެސް ކުރަންޖެހޭ މަސައްކަތްތަކާ އަދާކުރަންޖެހޭ ޒިންމާތައް ދަނީ ފުނިޖެހެމުންނެވެ. އަތުގައި އޮންނަ ސްމާޓްފޯނާއި އިންޓަނެޓް މެދުވެރިކޮށް މެދުނުކެނޑި އަންނަ ނޮޓިފިކޭޝަންތަކާއި އީމެއިލްތަކާއި ކޯލްތަކުން މުޅި ދުވަސް ނިމިގެން ދަނީ ހިންދެމިލާނެ އެންމެ ސިކުންތެއް ވެސް ނުލިބިއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

އެކަމަކު.... މިހުރިހާ ކަމަކުން ދުރުވެ، އަމިއްލަ ދުނިޔެއަކަށް ދަތުރު ކުރެވިއްޖެ ކަމުގެ އިހުސާސް ދާދި މިދާކަށް ދުވަހަކު ކުރެވިއްޖެ އެވެ. އަދާކުރަމުންދާ ވަޒީފާގެ ގޮތުން ކުރަން ޖެހުނު މި ދަތުރު ވެގެން ދިޔައީ އެންމެ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެންތަކުގެ ތެރެއިން ޚާއްސަ ހުވަފެނެއްގައި، ކުލަ ޖައްސާލުުގެ ހިތްހަމަޖެހުން ތަޖުރިބާ ކޮށްލަން މަދު ވަގުތުކޮޅަކަށް ނަމަވެސް ލިބުނު ދަތުރަކަށެވެ.

ޗައިނާގެ ޔުނާން ޕްރޮވިންސަށް ކުރި މި ދަތުރަކީ ވަރަށް ހިތްގައިމު އެހާމެ ތަފާތު ތަޖުރިބާތަކެއް ކުރެެވުނު ދަތުރެކެވެ. ދަތުރުގެ އެންމެ ފަހު ދުވަސް ލައިގެންއިރު، ހިތުގައި ވަނީ ނުތަނަވަސްކަން ނަމަވެސް، ދަތުރުގެ ފަހު އިވެންޓުން އެކަން މުޅިން ފިލައިފި އެވެ. ބަދަލުވެއްޖެ އެވެ. ހިނދުކޮޅަކަށް ނަމަވެސް މުޅި ހިތް އުފަލުން ފުރުވައިފި އެވެ. އެއީ ސީނުކަރައިގެ ފިނިފެންމާ ފެކްޓްރީއަކަށް ކުރި ޒިޔާރަތެވެ.

މިއީ މުޅި ދަތުރުގައި އެންމެ އިންތިޒާރު ކުރެެވުނު ވަގުތުކޮޅެވެ.

އަޅުގަނޑުގެ ވަރަށް ކުރީގެ ހަނދާނެކެވެ. ކުޑައިރު އެންމެ ވާން ބޭނުންވަނީ ކޮން މަސައްކަތެއް ކުރާ މީހަކަށްތޯ އެހުމުން އެހުމުން "މާ ވިއްކާ މީހަކަށް ވާން ބޭނުންވާ" ކަމަށް ބުނަމެވެ. އެ އުންމީދު ކުރި މީހެއްގެ ހައިސިއްޔަތުން އެ ހުވަފެނުގައި ކުލަ ނުޖެހުނުކަމުގެ ގިލަންވެރިކަން އަދިވެސް ހިތުގައި އޮވެ އެވެ. އެެހެންވީމަ ފިނިފެންމަލުގެ އެ ފެކްޓްރީއަށް ދާކަން އެނގުނީއްސުރެ އިންތިޒާރު ކުރެވުނީ އެ ވަގުތުކޮޅަށެވެ. ކުޑައިރު ދުށް ހުވަފެނުގައި މަދު ވަގުތުކޮޅަކަށް ނަމަވެސް ކޮންމެވެސް ސިފައެއްގައި ކުލަ ޖެހޭނެތީ އެވެ. އެ އިހުސާސް ކުރެވުމުން ހިތަށް ލިބޭނެ ތަސައްލީ އިހްސާސް ކުރުމުގެ ބޭނުމުގަ އެވެ.

އަޅުގަނޑުމެން ތިބި ހޮޓެލުން ދަބަސްތައް ހިފައިގެން ނިކުމެ ބަހަށް އަރާ ހަމަޖެހިލީ ދަތުރުގެ ވަރުބަލިކަން ވަގުތުކޮޅަކަށް ވެސް ހަނދާނުން ފޮހެލަމުންނެވެ. ގަޑިއިރެއްހާއިރުގެ ދަތުރަކަށް ފަހު ބަހުން ފައިބައިފީމެވެ. އެންމެ ފުރަތަމަ ވެސް ނޭފަތުގައި ބީއްސާލީ ފިނިފެންމަލުގެ މަސްތީ ވަހުން ދެ ލޯމަރާލުމަށް ފަހު ދުވަހަކު ނުލާހާ ފުން ނޭވާއެއް ލީމެވެ. ލޯ ހުޅުވާލި ވަގުތު ފެނުނު ހިތްގައިމު މަންޒަރަކީ ދަތުރުގެ ފަހު ހަނދާނަށް ވާނެކަން އެނގުމާއެކު ކުޑަކޮށް އަތް ވެސް ޖަހާލެވުނެވެ. 

ފިނިފެންމާ ފެކްޓްރީއާ ހަމައަށް ދެވުނުއިރު، ވަށައިގެންނާއި ލޮލުކޮޅަށް ފެންނަހާ ދުރުން ފެންނަން ހުރީ ހުދާއި ރަތް، ރީނދުލާއި ފިޔާތޮށި މި ނޫންވެސް ތަފާތު ކުލަކުލައިގެ ރީތި ފިނިފެންމާތަކެވެ. ކޮންމެ މަލެއް ވެސް ހީވަނީ ފަރުވާތެރިކަމާއެކު ދިރުންދީފައިވާ އީޖާދީ ފަންނުވެރިކަމެއްހެންނެވެ. ފެކްޓްރީގެ ގޯތިތެރެއަށް ވަންނައިރު، ހިތަށް އުފާވެރިކަން ގެނެސްދޭ މީރު ވަހެއް ވަނީ މުޅި ހިސާބުގައި ފެތުރިފަ އެވެ. އެވަސް ދުވުމުން ހިތަށް ލިބުނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. މީރު ވަސް ނޭފަތުގައި ޖެހުމާއެކު ހިތަށް ލިބުނީ އުފާވެރި ހިމޭންކަމެކެވެ. މުޅި ހިތް ތާޒާވެގެން ދިޔަ ފަދަ އެވެ. ގައިމުވެސް މިއީ ކޮންމެ މީހަކު ވެސް ތަޖުރިބާކޮށް ލަން ބޭނުންވާނެ ފަދަ ހިތްގައިމު ވަހެކެވެ.

ފެކްޓްރީގެ ތެރެއަށް ވަންނަމުން ދިޔަވަރަކަށް، މިއީ ހުވަފެނެއްތޯ ކިތަަންމެ ފަހަރަކު ހިތަށް އެރި އެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ތަރުތީބުކޮށް އަތުރާލެވިފައިވާ އެތައް ސަތޭކަ ރީތި ފިނިފެންމާގެ ބޮނޑިތަކެވެ. ކައިރިކައިރީގައި ފިނިފެންމާ ބަރިބަރިއަށް ހުރިއިރު، އެތަނުގައި މަސައްކަތްކުރާ މީހުން އެހާމެ ހީވާގިކަމާ އެކު މާތައް ބިނުމާއި މާތައް ގިންތިކުރުމާއި، ބޮނޑިބަނދެ، ޕެކްކުރުމުގެ މަސައްކަތުގައި އަވަދި ނެތި ދިޔައީ ހަރަކާތްތެރިވަމުންނެވެ.

އެމީހުންގެ މަސައްކަތުގައި ފެންނަނީ ކެތްތެރިކަމާއި ފަރުވާތެރިކަމެވެ. ކޮންމެ މަލެއްގައި ވެސް އެ މީހުން އަތް ބީސަލާނީ ބޮޑު ސަމާލުކަމެއް ދީގެންނެވެ. އެތައް ހާސް ފިނިފެންމާތަކެއްގެ ތެރޭގައި އެމީހުން މަސައްކަތް ކުރަނީ ވަރަށް ބޮޑު ސަމާލުކަމެއް ދީގެންނެވެ. އެކި ކުލަތަކުގެ މާ އެކި ބޮނޑިބޮނޑިއަށް ވަކިކޮށް، ވަކިވަކިކޮށް ބަހައްޓާފައި ހުރި މަންޒަރު ހިތަށް ވަރަށް ހިތްގައިމެވެ. މި މަންޒަރުތަކަކީ ހިތް ފުރެންދެން ބަލާލަން ބޭނުންވާނެ މަންޒަރުތަކެވެ. އިންތިހާ އުފާވެރިކަން ގެނެސް ދިން މަންޒަރުތަކެކެވެ.

ފިނިފެންމާ ބޮނޑިތައް ފެނުމުން ހިތްހަމަޖެހުމާއެކު ހިތަށް އެ ލިބުނު އަރާމެކެވެ. މިފަދަ ހިތްގައިމު މަންޒަރެއް ފެނުމުން ލިބުނީ ބުނެދޭން ނޭންގޭ ފަދަ އުފާވެރި ކަމެކެވެ. އެބޮނޑިތަކުން ދުވި މީރުވަހަކީ ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރު ކޮށްދިން ކަމެކެވެ. މުޅި ފެކްޓްރީގައި އެއްވަސްކޮށްފައިވާ މި މީރުވަހަކީ ދުވަހަކު ވެސް ހަނދާން ނައްތާލެވޭނެ ވަހެއް ނޫނެވެ. އަބަދުމެ އެ ވަހާއެކު އުޅެވޭނެ ނަމައޭ ހިތަށް އެރި އެވެ. ނޭފަތުގެ ކުރީން އެ ވަސް ފިލާ ނުދާނެ ނަމޭ ހިތަށް އެރި އެވެ.

މިފަދަ ކޮންމެ މީރު ވަހެއްގައި ވެސް، އެތައް ރީތި ހަނދާންތަކެއް އެކުލެވޭ ފަދައިން، މި ވަސް ދުވުމުން ހިތަށް އުފާވެރިކަން ލިބި، ދަތުރުގެ ހަނދާންތައް ދިރުވައިދިނެވެ. ޗައިނާގެ ޔުނާން ޕްރޮވިންސަށް ކުރި ދަތުރުގެ ނިމުން ފިނިފެންމާ ފެކްޓްރީއަކަށް ކުރި މި ޒިޔާރަތާއެކު ފޮނިވެގެން ދިޔައީ މިވަގުތުކޮޅުންނެވެ. މި ދަތުރުގެ ހަނދާންތަކަކީ ހިތުގެ ފުންމިނުން ފޮހެނުލެވޭނެ ހަނދާންތަކެއް ކަން ކަށަވަރެވެ. 

ކުޑަވަގުތުކޮޅަކަށް ނަމަވެސް ކުޑައިރު ދުށް ހުވަފެނުގެތެރޭގައި އުދުހިލަން މި ލިބުނު ފުރުސަތަކީ ހަގީގަތުގައި ވެސް ހުވަފެނީ ވަގުތުކޮޅެކެވެ. އެ ބަގީޗާއެއްފަދަ ތަނުގައި އުދުހިލަން ލިބުނު ކޮކާލެއް ފަދަން މުޅި އެވަގުތުކޮޅު ހިތުގެ އެންމެ ފުންމިނުގައި ކުރަހާލީމެވެ. އަނެއްކާވެސް މާލޭގެ މި ހާސްކަންބޮޑު މަންޒިލަށް ދަތުރުފެށީ އެ އުފާވެރިކަމާ އެ ހަނދާންތައް ހިތުގައި ރައްކާކޮށްލަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު