ENGLISH
10 ސެޕްޓެމްބަރު 2025
ޒަކިއްޔާ މައްސަލައިގަ އިންޓަަގްރިޓީ ކޮމިޝަނުގެ ބޮޑެތި ތުހުމަތުތަކެއް؛ ދައުވާކުރުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިންމަނީ
10 އޯގަސްޓު 2025
|
ނ.ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ
ނ.ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާ ގުޅިގެން ހަތް ފުލުހަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އިން ފޮނުވައިފިއެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުންގެ އިދާރާއިން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ހޮޅުދޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކާއި ޒަކިއްޔާގެ އާއިލާއިން ތުހުމަތުކުރެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހޮޅުދޫއަށް ވަޑައިގެން އެ މައްސަލާގައި އެ ރަށުގެ ރައްޔިތުންގެ ޝަކުވާތަކާއި އުދާސްތައް އަޑުއައްސަވައި ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައިވެއެވެ.
މިއަދު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ތަރުޖަމާން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެންއައިސީން އަމިއްލަަ އިސްނެގުމަށް ޒަކިއްޔާ މައްސަލާގައި ފުލުހުންނަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކުރުމަށްފަހު ހަތް ފުލުހަކަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ޝަފީއު ވިދާޅުވި ގޮތުގައި މި މައްސަލާގައި އެންއައިސީން އެ ހަތް ފުލުހުންނަށް ކުރާ ތުހުމަތުތަކަކީ ބޮޑެތި ތުހުމަތުތަކަށްވާތީ، އެ މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަައިގެން އެކަމުގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހުން މަސައްކަތްކުރަން ފަށާފައިވެއެވެ.
އެންއައިސީން އެ މައްސަލާގައި ކުރާ ތުހުމަތުތަކަކީ، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ތުހުމަތާއި، ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ތުހުމަތާއި، ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ތުހުމަތެވެ.
މި ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކުރައްވައި ޝަފީއު ވިދާޅުވީ މިހާރު ލިބިފައި ހުރި ހެކި ވަޒަންކޮށް އެ ހެކީގެ އަލީގައި ދައުވާކުރުމަށް ނުވަތަ އަލުން މައްސަލަ ތަހުގީގު ފުރިހަމަކުރުމަށްފަހު ފޮނުވަން އެންގުމަށް ނިންމުމުގެ މަސައްކަތް ކުރަމުންދަ ކަމަށެވެ.
ފުލުހުންނާއި އެހެނިހެން ޔުނިފޯމު އެޅި މުއައްސަސާތަަކުން ގަވާއިދާ ގާނޫނާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކޮށް އެ އިދާރާތަކުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށް އުފައްދާފައިވާ އެންއައިސީން މި މައްސަލަ ބަލާފައިވާއިރު، ފާއިތުވި ގިނަ ދުވަސްތަކުގައި އެ އިދާރާއިން މިފަދަ މައްސަލަތައް ނުބަލާކަމުގެ ޝަކުވާއަކީ އާއްމުން ކުރަމުން އައި ޝަކުވާއެކެވެ.
ރައީސް ޑރ.މުއިއްޒު ވެރިކަަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިނިވަންކަމާައެކު ނުފޫޒުން އެއްކިބާވެ ތިބެ މަސައްކަތްކުރާނެ ޖާގަަ މިނިވަން މުއައްސަސަތަކަށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.