ENGLISH
09 ސެޕްޓެމްބަރު 2025
ވެލާނާ އެއާޕޯޓު ބޭނުންކުރި ފަސިންޖަރުންގެ އަދަދު %4 މައްޗަށް، ދަތުރުތައް %7 އިތުރުވި
10 އޯގަސްޓު 2025
|
މި އަހަރުގެ ފުރަތަމަ ހަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރި ފަސިންޖަރުންގެ އަދަދު ހަތަރު އިންސައްތައިން އިތުރުވިއިރު، އެއާޕޯޓުގެ ވައިގެ ދަތުރުތައް %7 މަތިވެއްޖެއެވެ.
އެއާޕޯޓުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 4،108،845 (ހަތަރު މިލިއަން އެއްލައްކަ އަށްހާސް އަށްސަތޭކަ ސާޅީސް ފަސް) ފަސިންޖަރުން އެއާޕޯޓުން ދަތުރުކޮށްފައިވެއެވެ. އެ ދަތުރުވެރިންގެ ދެ ބައިކުޅަ އެއްބައަށްވުރެ ގިނައީ ބައިނަލްއަގުވާމީ ދަތުރުތައް ކުރި ފަސިންޖަރުންނެވެ.
އެގޮތުން އެތެރޭގެ ދަތުރުތައް ކުރީ 579،079 ފަސިންޖަރުންނާއި ސީ ޕްލޭނުގައި ދަތުރުކުރި 859،797 ފަސިންޖަރުން ކަމަށްވާއިރު، 2،669،969 (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ނުވަ) ފަސިންޖަރުން ވީއައިއޭއިން ބައިނަލްއަގުވާމީ ދަތުރތައް ކޮށްފައިވެއެވެ.
އެއްގަމަށް ޖައްސާ މަތިންދާބޯޓުތަކުން އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރި ދުވަހަކީ މި އަހަރުގެ ޖަނަވަރީ މަހުގެ ހަތރުވަނަ ދުވަހެވެ. އެ ދުވަހު 26،658 ފަސިންޖަރުން އެއްގަމަށް ތިރިކުރާ މަތިންދާބޯޓުތަކުގައި ދަތުރުކުރިއެވެ. އަދި ސީ ޕްލޭނުގައި އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރި ދުވަހަކީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހެވެ. އެ ދުވަހު ސީޕްލޭނުގައި 7،439 ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ.
ވީއައިއޭގައި ޖެއްސި ފުލައިޓުތަކާއި އެ އެއާޕޯޓުން ފުރި ފުލައިޓުތަކާއެކު އެއާޕޯޓުން ކުރި ދަތުރުތަކުގެ ޖުމްލަ އަދަދު 124،665 އަށް އަރައެވެ. އެއިން 17614 ދަތުރަކީ ބައިނަލްއަގުވާމީ ދަތުރުތަކެވެ. އެތެރޭގެ ދަތުރުތަކުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 14،110 ދަތުރެވެ. އެންމެ ގިނައީ ސީޕްލޭން ދަތުރުތަކެވެ. އެ މުއްދަތުގައި 92،941 ސީޕްލޭން ދަތުރުކޮށްފައިވެއެވެ.
އެއާޕޯޓުގެ އައު ރަންވޭއާއެކު ބައިނަލްއަގުވާމީ އުދުހުންތައް އިތުރުވެފައިވާއިރު، 26 ޖުލައި 2025 ވަނަ ދުވަހު އެއާޕޯޓުގެ އައު ފަސިންޖަރު ޓާމިނަލް ހުޅުވުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުވެ، އެއާޕޯޓު ބޭނުންކުރާ ފަސިންޖަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމުގައި ބެލެވެއެވެ.