ENGLISH
09 ސެޕްޓެމްބަރު 2025
ތުރުކީއާއެކު ގާއިމުކޮށްފައިވާ ވިޔަފާރީގައި އިސްކަންދިނުމުގެ އެއްބަސްވުމަށް ދެމަހެއްހައި ދުވަސްތެރޭ އަމަލުކުރަން ފަށަނީ
10 އޯގަސްޓު 2025
|
ތުރުކީއާއި ރާއްޖެއާ ދެމެދުގައި ގާއިމުކޮށްފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރިމެންޓު (ވިޔަފާރީގައި އިސްކަންދިނުމުގެ އެއްބަސްވުމަށް) ދެ މަހެއްހައި ދުވަސް ތެރޭ އަމަލުކުރަން ފަށާނެކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި ސައީދު ވިދާޅުވީ ތުރުކީއާއެކު ގާއިމުކޮށްފައިވާ ޕްރިފެރެންޝަލް ޓްރޭޑް އެއްބަސްވުން މިހާރު އޮތީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އެންޑޯޒްކުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި މިހާރު މަސައްކަަތް ދާ ގޮތަށް ބަލާއިރު ދެ މަހެއްހައި ދުވަސްތެރޭ އެކަން ނިމޭނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން އެ އެއްބަސްވުން އެންޑޯޒްކުރުމާއެކު، އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމަށެވެ.
"ތުރުކީގެ އޮފިޝިއަލް ވިޒިޓްއަށްފަހު ޕްރިފަރެންޝަލް ޓްރޭޑް އެރޭންޖްމަންޓެއް އެއޮތީ ހެދިފައި. ތުރުކީ ޕާލަމަންޓްއިން އެންޑޯޒްކުރީމައި މި ޕީޓީއޭ އެކްޓިވް ވެގެން އަންނާނެ. ލަފާކުރެވޭ ގޮތުގައި 1 ނުވަތަ 2 މަސް ތެރޭގައި އެކަން ހަމަޖެހިގެން އަންނާނެ. އޭގެ މާނައަކީ ތުރުކީން ގެންނަ މިފަދަ މުދާވެސް ހަމަ ޒީރޯ ޑިއުޓީގައި ނުވަތަ ޑިއުޓީއަކާއި ނުލައި ގެނެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.
އެ އެއްބަސްވުމުގެ ދަށުން ތުރުކީން ގެންނަ މުދަލުން ޑިއުޓީ ނުނެގުމުގެ އިތުރަށް ދިވެހިރާއްޖެއިން ތުރުކީއަށް ފަސޭހައން މުދާ ބޭރުކުރެވޭނެއެވެ. ހާއްސަކޮށް މަހާއި މަހުގެ އުފެއްދުންތައް ތުރުކީ ބާޒާރަށް ބޭރުކުރަން މަގު ހުޅުވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް ތުރުކީގެ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓުކުރަން ފަސޭހަވާނެ ގޮތަށް އެއްބަސްވުމުގެ ތެރެއިން ކަންކަން ފަހިކުރެވި، އެގައުމުން ރާއްޖެއަށް އަންނަ އިންވެސްޓުމެންޓުތައް އިތުރުވެގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތުރުކީއާއެކު ވިޔަފާރީގައި އިސްކަންދިނުމުގެ އެއްބަސްވުމެއް ގާއިމުކުރެވި އެއަށް އަމަލުކުރަން ފެށުމާ ގާތަށް އައިސްފައިވާއިރު ޗައިނާއާއެކު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ. އަދި އިންޑިޔާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް މިހާރު އޮތީ ފެށިފައެވެ.