ENGLISH
09 ސެޕްޓެމްބަރު 2025
ފައިސާގެ މުއާމަލާތްތަކަށް އިތުރު ލުޔެއް؛ އެމްއެމްއޭއިން ގައުމީ ކިއުއާރް ކޯޑެއް ތައާރަފުކުރަނީ
10 އޯގަސްޓު 2025
|
އެމްއެމްއޭގެ ގަވަނަރު އަހްމަދު މުނައްވަރު
ފައިސާގެ މުއާމަލާތްތައް ހިންގުން ފަސޭހަކުރުމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ނޭޝަަނަލް ކިއުއާރް ކޯޑެއް ތައާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެމްޓީވީއަށް މައުލޫމާތު ދެއްވަމުން އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވީ ނޭޝަނަލް ކިއުއާރް ކޯޑު ތައާރަފުކުރެވުމުން ފައިސާ ދެއްކުމުގެ މުއާމަލާތްތައް ހިންގަން ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށެވެ. އެ ކިއުއާރް ކޯޑަކީ އިންޑިޔާގައި އެ ގައުމުގެ ނޭޝަނަލް ޕޭމެންޓްސް ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ ކިއުއާރް ކޯޑާ އެއްގޮތް ހިދުމަތެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މިހާރު ކިއުއާރް ކޯޑުގެ ހިދުމަތް ތައާރަފުކުރުމަށް ވާންޖެހޭ ތައްޔާރީތަކާއި ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ފުރިހަމަކުރުމުގެ މަސައްކަތްވަނީ ފެށިފައެވެ. އަދި މަރުކަޒީ ބޭންކުގެ އަމާޒަކީ އަންނަ އަހަރު އެ ހިދުމަތް ތައާރަފުކުރުމެވެ.
އަދި އެ ހިދުމަތް ދޭނީ އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކޮށްފައިވާ ފަވަރައިގެ ތެރެއިންކަން ފާހަގަކުރައްވައި އެމްއެމްއޭގެ އޮފިޝަލު ވިދާޅުވީ އިންޑިޔާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސްއާއި ފަވަރަ ގުޅުވައިލުމަށް ފަށާފައިވާ މަސައްކަަތް ނިމުމުން ކިއުއާރްކޯޑު މެދުވެރިކޮށް އިންޑިޔާއަށްވެސް ފައިސާ ފޮނުވޭނެ ކަމަށެވެ.
އަންނަ އަހަރު އެ ހިދުމަތް ފެށުމުން ރާއްޖޭގައި އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ދެއްކުމުގެ ކަންކަން ކިއުއާރް ކޯޑު މެދުވެރިކޮށް ފަސޭހައިން ކުރިއަށްގެންދެވޭނެ ކަމުގައި މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. އަދި ހުރިހާ ވެންޑަރުންނަަށް ކާޑުގެ ބަދަލުގައި ކިއުއާރް ކޯޑު ބޭނުންކުރެވޭނެކަމަށާއި، އެއާއެކު މިހާރު ކާޑުތަކުން ކުރާ މުއާމަލާތްތަކަށް ބޭންކުން ނަގާ 2.5 އިންސައްތައިގެ ފީ ނުނަގާނެއެވެ.
މި ހިދުމަތްތަައް އިތުރަށް ފުޅާކުރުމަށް ރާއްޖޭގެ ހުރިހާ ބޭންކެއް ޝާމިލުވާ ގޮތަށް ޕޭމެންޓްސް ކުންފުންޏެއް އުފެއްދުމަށް މަގުފަހިވާނެހެން ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު އޮތީ ހުށަހަޅާފައެވެ.