ENGLISH
09 ސެޕްޓެމްބަރު 2025
އައްޑޫން މަސް ބޭރުކުރަން ފަށަން ތައްޔާރުވެ، މިފްކޯއަށް އެންސިސް ފެކްޓަރީ ގަންނަނީ
10 އޯގަސްޓު 2025
|
ހުޅުމާލޭގައި ހުންނަ އެންސިސްގެ މަސް ކާރުހާނާ
މިފްކޯގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ސީދާ އައްޑޫން މަސް ބޭރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއެކު، ހުޅުމާލޭގައި ހުންނަ އެންސިސް ކުންފުނީގެ މަސް ފެކްޓަރީ މިފްކޯއަށް ނެގުމަށް އެ ކުންފުނިން ނިންމާފައިވާކަން ހާމަކޮށްފިއެވެ.
އިއްޔެ މިފްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުންޏަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މިފްކޯއަށް މަސް ކިރުވަން ބޭނުންކުރާ އުޅަނދުފަހަަރާއި، މަސް ޕްރޮސެސްކުރުމާއި ރައްކާކުރުމަށް ބޭނުންވާ އިންފްރަސްޓްރަކްޗާއާއި މެޝިނަރީއާއި އިކުއިޕްމެންޓުގެ ކޮންމެހެން ކުރަންޖެހޭ މަރާމާތުތައް ނުނިންމައި ގިނަ ދުވަސްވެފައި އޮތުން ކަމަށެވެ.
އެހެންކަމުން ކޮންމެ ކުރަންޖެހޭ އަސާސީ މަރާމާތުތަކާއި، ބަދަލުކުރަންޖެހޭ ތަކެތި ބަދަލުކޮށް އައުކުރުމުގެ މަސައްކަތް އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ.
ކުންފުނީގެ މެޝިނަރީއާއި އިކުއިޕްމެންޓާއި އެހެނިހެން ވަސީލަތްތައް މަރާމާތުކުރުމުގެ މަސައްކަތްކުރަމުންދާއިރު ކުންފުނީގެ ކެޕޭސިޓީ ނުވަތަ ގާބިލުކަން އިތުރުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ ކުންފުނިން ހާމަކުރިއެވެ.
އެގޮތުން ސަރުކާރު މެދުވެރިވެގެން ގިނަ ދައުލަތްތަކުން ހޯދާފަައިވާ މާލީ އެހީގެ ތެރެއިން މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޮޑެތި އިންވެސްޓުމެންޓުތަކެއް މިހާރު ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުންޏެވެ. އެ އިންވެސްޓުމެންޓުތަކުގެ ތެރެއިން މަސް ގަނެ ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްކުރާއިރު، މަހަށް އަގު އިތުރުކުރެވޭނެ ގޮތްތައް ފަހިކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މިފްކޯއިން އައްޑޫގައި ގަންނަ މަސް ބޭރުކުރުމަށް ހުވަދޫއަށް ގެންދިއުމުގެ ބަދަލުގައި ސީދާ އައްޑޫން މަސް ބޭރުކުރެވޭނެ އިންތިޒާމު ހަމަޖައްސައި، އެ މަސައްކަަތް މި މަހު ފެށުމަށް ނިންމާފައިވާކަމަށް މިފްކޯއިން ބުންޏެވެ. އަދި އައްޑޫގައި މަސް ބަންދުކޮށް މަހަށް އަގު އިތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނެފައިވަނީ އެންމެ ފަހުގެ މެޝިނަރީއާއި އާލަަތްތަކާާއެކު ތަރައްގީކޮށްފައި ހުރި އެންސިސްގެ މަސް ފެކްޓަރީގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދޮޅު އަހަރުވެފައިވާއިރު، އެ ފެކްޓަރީގެ މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން މިފްކޯގެ ކެޕޭސިޓީއަށް އިތުރުކުރުމަށް ކުރަންޖެހޭ ދިރާސަތައް ނިންމާފައިވާ ކަމަށެވެ. އަދި އެ ފެކްޓްރީ ހޯދުމަށް އެންސިސްއާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.
އެންސިސްއިން ހުޅުމާލޭގައި ގާއިމުކޮށްފައިވާ ކޭނަރީ ނުވަތަ މަސް ދަޅުގައި ބަންދުކުރާ ކާރުހާނާއަކީ 50،000 އަކަަފޫޓޫގެ ބޮޑު ބިމެއްގައި 25 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްގީކޮށްފައިވާ ތަނެކެވެ. އެތަނުގައި މަސް ރައްކާކުރުމަށް 1،200 ޓަނުގެ ކޯލްޑް ސްޓޮރޭޖު ފެސިލިޓީއެއް ހުރެއެވެ. ދުވާލަކު 25 ޓަނުގެ މަސް އެތަނުގައި ޕްރޮސެސް ކުރެވެއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް މިފްކޯއިން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑުކުރުމާއެކު އެ އަގުގައި މަސް ގަނެވެން ނެތުމުން އެންސިސް މަސް ފެކްޓަރީ ބަންދުކުރަންޖެހުނެވެ.
އެންސިސް މަސް ފެކްޓަރީ މިފްކޯއަށް ނެގުމުން މިފްކޯގެ މަސް ޕްރޮސެސްކޮށް އަގު އިތުރުކުރުމުގެ ގާބިލުކަން ކުރިއަރައި، މަސްވެރިން ބާނާ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ދިނުމަށް މިފްކޯއާއި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބޭނެއެވެ.
އޭގެ އިތުރަށް މިހާރު ގދ.ތިނަދޫގައި ތަރައްގީކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރު ފަހުކޮޅު ހުޅުވަން ތައްޔާރުވަމުންދާޚަން ހާމަކުރުމާއެކު މިފްކޯއިން ބުނެފައިވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަަތް ފެށުމުގެ ތައްޔާރީތައް މި އަހަރު ތެރޭ ފެށުމަށް ރާވާފައިވާ ކަމަށެވެ.
އަދި ކޫއްޑޫއަށް މަސް ގަތުމުގެ ގާބިލުކަން އިތުރުކުރުމަށް އެ ރަށުުގެ ބަނދަރުމަތީ މަގުތައް މަރާމާތުކުރުމާއި، ކޫއްޑުގެ ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަދާހަމކޮށް، ފެލިވަރ ކޭނަރީގެ މާރާމާތުގެ މަސައްކަތް މި އޯގަސްޓު މަހު ފެށުމަށް އަމާޒު ހިފާފައިވާކަމށް މިފްކޯއިން ބުންޏެވެ.