ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް؛ ސަބްސިޑީގެ ހަރަދުތައް %28 ދަށްވެއްޖެ

10 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ފިނޭންސް މިނިސްޓްރީގެ ނަން ބޯޑު

ސަރުކާރުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސަބްސިޑީއަށް ކުރި ހޭދަ ގާތްގަނޑަކަށް 28 އިންސައްތަ ދަށްކޮށްފިއެވެ. 

ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާއްމުކުރާ ދައުލަތުގެ މާލީ ހިސާބުތަކުގައި ބަޔާންކޮށްފަައިވާ ގޮތުން ނިމުނު އަހަރުގެ ޖަނަވަރީ އެކަކުން ޖުލައި މަހުގެ ނިޔަލަށް ސަބްސިޑީއަށް 2.4 ބިލިއަން ރުފިޔާ ހަރަދުވިއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ސަބްސިޑީއަށް ހަރަދުވީ 1.8 ބިލިއަން ރުފިޔާއެވެ. އެއީ ނިމުނު އަހަރު ހަރަދުވި މިންވަރަށްވުރެ 27.7 އިންސައްތަ ދަށް އަދަދެކެެވެ. 

ސަބްސިޑީ ހަރަދުތައް ބޮޑުތަނުން ކުޑަކުރެވުނުއިރު ޖުމްލަ ގޮތެއްގައި ދައުލަތުގެ ހިންގުމުގެ ހަރަދުތައްވެސް ފާއިތުވި އަހަރާ އަޅާބަލާއިރު ކުޑަކުރެވިފައިވެއެވެ. އެގޮތުން ނިމުނު އަހަރުގެ ފުރަތަމަ ހަ މަހު ދައުލަތުގެ ހިންގުމުގެ ހަރަދުތަކަށް 11.6 ބިލިއަން ރުފިޔާ ހަރަދުވިއެވެ. މި އަހަރުގެ ޖަނަވަަރީން ޖުލައިގެ ނިޔަލަށް ދައުލަތުގެ ހިންގުމުގެ ހަރަދުތަކަށް ހޭދަވީ 10.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަަރު ހިންގުމުގެ ހަރަދުތައް 7.2 އިންސައްތަ ދަށްކުރެވިފައިވެއެވެ. 

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ދައުލަތުގެ ޖުމްލަ ހަރަދުވެސް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 26.4 ބިލިއަން ރުފިޔާ ހަރަދުވިއިރު މި އަހަރު ހަރަދުވެފައިވަނީ 21.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ދައުލަތުގެ ޖުމްލަ ހަރަދު 17.4 އިންސައްތަ ދަށްވެފައިވެއެވެ. 

ދައުލަތުގެ ހަރަދުތަކުގެ ތެރެއިން ފައިނޭންސްކުރުމާއި އިންޓަރެސްޓު ދެއްކުމުގެ ހަރަދުތަކަަށް 2.5 ބިލިއަން ރުފިޔާ ހަރަދުވިއިރު ލޯނުތައް ދެއްކުމަށް 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެހެންކަމުން ދަރަނީގެ ހަރަދުގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ މި އަހަރު ހަރަދުވިއެވެ. އެއީ ނިމުނު އަހަރު ދަރަނީގެ ހަރަދަށް ހޭދަވި 4.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 42.7 އިންސައްތަ އިތުރު އަދަދެކެވެ. 

ދަރަނި އަދާކުރުމުގެ ހަރަދު އިތުރުވި ނަމަވެސް މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު ބަޖެޓު ދަރަނިވެރިވެ ޑެފިސިޓުވެފައި ނުވެއެވެ. އަހަރު ދެބައިވިއިރު 314.3 މިލިއަން ރުފިޔާގެ ޖުމްލަ އަަރަންޏެއްވިއިރު ލޯނު އަދާކުރުމަށް ކުރި ހޭދަ ހަރަދުތަކުން އުނިކުރުމުން 2.9 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެރިވާނެއެވެ. 

ސަރުކާރުން އަންނަނީ ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ދަތިކަމުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްވުމަށް މެދުވެރިވާ އެއް ސަބަބަކީ ބަޖެޓު ތަންފީޒުކުރުމުގައި ލިބޭ އާމްދަނީއަށްވުރެ އިތުރަށް ހަރަދުކުރުމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓު ބޮޑުވުމެވެ. އެހެންކަމުން ބަޖެޓު ޑެފިސިޓުނުވެ އަރަނީގައި ތަންފީޒުވުމަކީ ރާއްޖޭގެ މާލީ ހާލަަތާމެދު އިތުބާރު އިތުރުވާނެ ކަމެކެވެ. 

ކިޔުންތެރިންގެ ހިޔާލު