ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

މި އަހަރުގެ މިހާތަނަށް މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް 513 މިލިއަން ރުފިޔާ ދޫކޮށްފި

10 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ސަރުކާރުގެ އެކި ޕްރޮގުރާމުތަކުގައި ބައިވެރިވެގެން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަަށް މި އަހަރުގެ މިހާތަނަށް 513 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. 

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓު މިނިސްޓްރީން އާއްމުކޮށްފަައިވާ ހިސާބުތަކަށް ބަލާއިރު މި އަހަރު އެންމެ ގިނަ ފައިސަ ދޫކުރީ ސްޓޫޑެންޓު ލޯނުގެ ދަށުން ކިޔަވާ ދަރިވަރުންނަށެވެ. އެގޮތުން ޖަނަވަރީ އެއްވަަނަ ދުވަހުން ފެށިގެން އޯގަސްޓު ހަތްވަނަ ދުވަހާ ހަމައަށް 311،441،221.95 (ތިންސަތޭކަ އެގާރަ މިލިއަން ހަތަރުލައްކަ ސާޅީސްއެއްހާސް ދުއިސައްތަ އެކާވީސް) ރުފިޔާ ސްޓޫޑެންޓު ލޯނުގެ ގޮތުގައި ދޫކޮށްފައިވެއެވެ. 

މި އަހަަރު 282 ދަރިވަރަކަށް އަލަށް ސްޓޫޑެންޓު ލޯނުގެ ގޮތުގައި ފައިސާ ދޫކުރިއެވެ. ސްޓޫޑެންޓު ލޯނު ނަގައިގެން ކިޔަވަމުންއައި 382 ދަރިވަރަކު މި އަހަރުގެ މިހާތަނަށް ދަސްވެނިވިއެވެ. ރާއްޖެއާއި ބޭރުގެ ގައުމުތައް ހިމެނޭ ގޮތަށް 40 ގައުމެއްގައި 1،676 ދަރިވަރަކު ސްޓޫޑެންޓު ލޯނު ސްކީމުގެ ދަށުން ކިޔަވަމުން އެބަދެއެވެ. 

ނިމުނު އަހަރު 1،159 ދަރިވަރަކު ސްޓޫޑެންޓު ލޯނުގެ ދަށުން ކިޔަވަމުންދިޔައިރު 964 ދަރިވަރަކު އެ ސްކީމުގެ ދަށުން ކިޔަވައި ނިންމައި ދަސްވެނިވިއެވެ. ނިމުނު އަހަރާއި މި އަހަރުގެ ފާއިތުވި މުއްދަތާއެކު ސްޓޫޑެންްޓު ލޯނު ސްކީމުގެ ދަށުން 1،011،811،520 (އެއް ބިލިއަން އެގަރަ މިލިއަން އަށްލައްކަ އެގާރަހާސް ފަސްސަތޭކަ ވިހި) ރުފިޔާ ދޫކޮށްފައިވެއެވެ. 

މި އަހަރު ސްކޮލާޝިޕު ސްކީމުތަކުގެ ދަށުން މިހާތަނަށް 101،778،196.91 (ސަތޭކައެއް މިލިއަން ހަތްލައްކަ ހަތްދިހަ އަަށްހާސް ސަތޭކަ ނުވަދިހަަ ހަ) ރުފިޔާ ދަރިވަރުންނަށް ދޫކޮށްފައިވެއެވެ. މި އަހަރު 45 ދަރިވަރަކު ސްކޮލާޝިޕު ސްކީމުތަކުގެ ދަށުން ކިޔަވަަން ފަށާފަައިވާއިރު، 48 ދަރިވަރުން ދަސްވެނިވިއެވެ. ޖުމްލަ 607 ދަރިވަރުން އަންނަނީ ސްކޮލާޝިޕު ސްކީމުގެ ދަށުން ކިޔަވަމުންނެވެ. 

ނިމުނު އަހަރާއެކު ޖުމްލަ 268 ދަރިވަރަކު ސްކޮލާޝިޕް ސްކީމުތަކުގެ ދަށުން ކިޔަވަން ފަށާފައިވާއިރު، ޖުމްލަ 357 ދަރިވަރުން ކިޔެވުން ނިންމައި ދަސްވެނިވިއެވެ. ނިމުނު އަހަރާއި މި އަހަރުގެ މިހާތަނަށް ޖުމްލަ 350،695،090 (ތިންސަތޭކަ ފަންސާސް މިލިއަަން ހަލައްކަ ނުވަދިހަ ފަސްހާސް ނުވަަދިހަ) ރުފިޔާ ސްކޮލާޝިޕް ސްކީމުތަކުގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދައުލަތުން ދޫކޮށްފައިވެއެވެ. 

ސަރުކާރުން ހިންގާ ހިލޭ ޑިގުރީ ޕްރޮގުރާމުގެ ދަށުން 8،357 ދަރިވަރަކު އަންނަނީ މަތީ ތައުލީމު ހާސިލުކުރަމުންނެވެ. މި އަހަރު އަލަށް 1،391 ދަރިވަރަކު މި ޕްރޮގުރާމުގައި ރަޖިސްޓްރީވެފައިވެއެވެ. އަދި މި އަހަރު 2،226 ދަރިވަރަކު އެ ޕްރޮގުރާމުގެ ދަށުން ޑިގުރީ ފުރިހަމަކޮށް ދަސްވެނިވިއެވެ. 

މި ޕްރޮގުރާމުގެ ދަށުން މި އަހަރުގެ މިހާތަނަށް 100،457،099 (ސަތޭކަ މިލިއަން ހަތަރުލައްކަ ފަންސާސް ހަތްހާސް ނުވަދިހަނުވަަ) ރުފިޔާާ ދޫކޮށްފައިވެއެވެ. ނިމުނު އަހަރު ދޫކުރި ފައިސާއާއެކު މި ޕްރޮގުރާމުގައި ބަައިވެރިވެފައިވާ ދަރިވަރުންނަށް 250،821،965 (ދުއިސައްތަ ފަންސާސް މިލިއަން އަށްލައްކަ އެކާވީސްހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ ދޫކޮށްފައިވެއެވެ. 

އެހެންކަމުން ސްކޮލާޝިޕުތަކާއި ސްޓޫޑެންޓު ލޯނާއި، ހިލޭ ޑިގުރީ ޕްރޮގުރާމުގެ ދަށުން ދަރިވަރުންނަށް މި އަހަރުގެ މިހާތަަނަށް 513.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު