ENGLISH
09 ސެޕްޓެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
09 އޯގަސްޓު 2025
|
ރައީސް މުޢިއްޒު، ސިންގަޕޫރުގެ ރައީސްއާ ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިންގަޕޫރުގެ 60 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ލޯވްރެންސް ވޮންގްއަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ސިންގަޕޫރުގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވެވުމުގެ އިތުރަށް، ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހު އެޤައުމުން ވިދާޅުވި ތަހުނިޔާއަށް ޝުކުރުއަދާކުރައްވާފައިވެއެވެ.
ވޭތުވެެދިޔަ 60 އަހަރުގެ ތެރޭގައި ސިންގަޕޫރުން ހޯދާފައިވާ ކާމިޔާބީތަކަކީ ދުރުވިސްނޭ ވެރިންނާއި، އެއްބައިވަންތަކަމާއި، ރައްޔިތުންގެ ވިލުންތެރިކަމުގެ މައްޗަށް ބިނާވެފައިވާ ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވި ދަތުރުފުޅެއްކަމަށާއި، ދިވެހިރާއްޖެއިން ދެޤައުމުގެ ލާބައަށް މިގުޅުން އިތުރަށް ބަދަހިކުރާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވާފައިވަނީ ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެޤައުމަށާއި ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައިވެސް، ދެޤައުމުގެ މެދުގައި ބަދަހިވަމުންދާ ގުޅުމާއި، ދެޤައުމުގެ ލާބައަށް ކުރެވެމުންދާ ކަންކަން ފާހަގަކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.