ENGLISH
09 ސެޕްޓެމްބަރު 2025
ސަރުކާރުގެ ސިޔާސަތުތަކާއެކު ބޭންކިން ނިޒާމުން ޑޮލަރު ލިބޭ މިންވަރު ދަނީ އިތުރުވަމުން
09 އޯގަސްޓު 2025
|
ރައީސް ޑރ.މުއިއްޒާއި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް މަޑުޖެހި ރާއްޖެއަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ ދަށްވުމުގެ ސަބަބުން، ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރި އެވެ. 2021 ވަނަ އަހަރު އަނެއްކާވެސް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި، ބޭރު ފައިސާގެ އާމްދަނީ އަހަރުން އަހަރަށް އިތުރުވިކަމުގައި ވީނަމަވެސް، ރާއްޖޭގެ ރިޒަރވަށް އޭގެ އެންމެ އެދެވޭ ބަދަލު ނުފެނި، ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އޮތް ޕްރެޝަރ ވެސް ދިޔައީ ބޮޑުވަމުން ނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޑޮލަރު ލިބުން ތާށިވެ، ރާއްޖެއަށް ދަރަނިތައް ނުދެއްކިދާނެކަމުގެ އިންޒާރު މާލީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ދިޔައީ ދެމުންނެވެ. އެެހެންވެ، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަން ފެށީ މިހާރު ވެއްޓިފައި އޮތް އަނދަވަޅުން ނަގައި އަލަށް ކޮޅަށް ޖެހުމުގެ މަސައްކަތެވެ.
ގާނޫނުތަކާއި ގަވާއިދުތަކަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ރައްޔިތުންގެ އާއްމު ބޭނުންތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފޮރިން އެކްސްޗޭންޖް އިންޓަރވެންޝަން ސިޔާސަތުގެ ދަށުން ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށާއި އާންމުންނަށް ވިއްކާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމެވެ.
މި ފިޔަވަޅުގެ ނަތީޖާއަކީ 2025 ވަނަ އަހަރުގެ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް އާންމު އުސޫލުގެ ދަށުން ބޭންކުތަކަށް ވިއްކާފައިވާ ޖުމްލަ އަދަދު މިދިޔަ 2024 ވަނަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 23% އިތުރުވުމެވެ.
ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް އާސަންދައިގެ ދަށުން ދަތުރުކުރާ ބަލި މީހުންނަށް ބޭންކުތައް މެދުވެރިކޮށް 2000 ޑޮލަރު ފޯރުކޮށްދެމުންދާއިރު، އަމިއްލަ ޚަރަދުގައި ބޭހަށް ދަތުރުކުރާ ދިވެހީންނަށްވެސް މި މުއްދަތުން ފެށިގެން 1,000 ޑޮލަރު އަދި އެންސްޕާގެ އެހީގައި ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދަތުރުކުރާ ބަލި މީހުންނަށް މި މަހުން ފެށިގެން ދޭ މާލީ އެހީގެ ތެރެއިން ބޭންކުތައް މެދުވެރިކޮށް 2,000 ޑޮލަރު އާ ހަމައަށް ވިއްކުމަށް މަރުކަޒީ ބޭންކުން ނިންމި ނިންމުމަކީ ވެސް ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔަކަށެވެ.
ބޭންކްތަކަށް ދިމާވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީގެ ދަތިތަކަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ފާއިތުވި އެއް އަހަރުގެ ތެރޭގައި ބޭރު ފައިސާގެ މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރުއާރު) އެމްއެމްއޭއިން ދެ ފަހަރެއްގެ މަތިން ދަށްކޮށްފައިވެ އެވެ. 24 އޮކްޓޯބަރު 2024 ގައި %10 އިން %7.5 އަށް ކުޑަކުރެވުނުއިރު 24 ޖުލައި 2025 ގައި 7.5% އިން 5% އަށް ކުޑަކުރެވުނެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ ބޭރު ފައިސާގެ ލޯނު ދޫކުރުމަށް ބޭންކުތަކަށް ވަގުތުން ގާތްގަނޑަކަށް 45 މިލިއަން އެމެރިކާ ޑޮލަރު އިތުރަށް ލިބިގެންދިޔުމެވެ.
އޭގެ އިތުރަށް ބޭރުގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ބޭންކުތަކުން ދޭ އެހީވެސް އިތުރުކޮށްފައިވެއެވެ. އެގޮތުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުގެ ލިމިޓު މަހަކަށް 700 ޑޮލަރުން 1،200 ޑޮލަރަށް ބޮޑުކޮށްދީފައިވެއެވެ. އަދި ދަރިވަރުންނަށް ކުއްޔާއި ޓިއުޝަން ފީ ޓީޓީ މެދުވެރިކޮށް ޑޮލަރުން ފޯރުކޮށްދޭން ބޭންކުން ފަށައިފިއެވެ. އޭގެ އިތުރަށްވެސް ދަރިވަރުންނަށް ބީއެމްއެލްއިން ދެމުންދާ ޑޮލަރުގެ އެހީ އިތުރުކޮށްދީފައިވެއެވެ.
އޭގެ އިތުރަށް އާއްމުންގެ ދިވެހި ރުފިޔާ އެކައުންޓުތަކުގެ ލިމިޓު 250 ޑޮލަރުން 500 ޑޮލަރަށް ބޮޑުކުރުމަށްވެސް މިހާރު އޮތީ ނިންމާފައެވެ. އެއާއެކު އާއްމުންނަށް މުހިއްމު ގިނަ މުއާމަލާތްތަކެއް ބޭންކު މެދުވެރިކޮށް ކުރެވޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައެވެ. އޭގެ އިތުރަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ބޭންކުން ދޭ ޑޮލަރުގެ އެހީ 30 އިންސައްތަައަށް އިތރުކޮށްފައިވެއެވެ. އަމާޒު ހިފާފައިވަނީ އެ އެހީ 50 އިންސައްތައާ ހަމައަށް އިތުރުކުރުމަށެވެ.
މި ފިޔަވަޅުތަކަށް މަގުފަހިކުރީ ފާއިތުވި އަހަރު ދަރަނި އަދާކުރަން ބޭރު ފައިސާއިން ކުރި ހަރަދަށްވުރެ 60 އިންސައްތަ އިތުރަށް ހަރަދުކުރުމާއެކުއެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭރުގެ ދަރަނި އަދާކުރުމަށް 212.6 މިލިއަން ޑޮލަރު ހޭދަކުރިއެވެ.
ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެފައި އޮއްވައި ބޭރު ފައިސާގެ ގާނޫނެއް އެކުލަވައިލާ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށް، ޑޮލަރުގެ ޑިޕޮސިޓު އިތުރުކުރުމަށްޓަކައި، ބޭރު ފައިސާއިން ލިބޭ އާމްދަނީ ބޭންކުތަކަަށް ޖަމާކުރުން ލާޒިމުކޮށް، ޓެކުސް ދެއްކުމުގެ އުސޫލުތައް ބަދަލުކޮށް ބޭރު ފައިސާައިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި ފަރުދުންގެ ޓެކުސްތައް ބޭރު ފައިސާއިން ދެއްކުން ލާޒިމުކުރީ އެ ދަތިކަމުން އަރައިގަތުމަށެވެ. މިހާރު މި އަންނަ ބަދަލުތަކާއި ބޭންކުތަކުން ޑޮލަރުން ދޭ އެކި ހިދުމަތްތައް އިތުރުވަމުންދާ ދިއުމުގެ ފަހަތުގައި އޮތީ މި ސިޔާސަތުތަކެވެ. ދިވެހި ރުފިޔާގެ އަގު ހިފަހެއްޓުމަށް މަރުކަޒީ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މަޑުމަޑުން މިއަންނަނީ ފެންނަމުންނެވެ.