ENGLISH
09 ސެޕްޓެމްބަރު 2025
ތެލެސީމިއާ ސެންޓަރުގައި މިހާރު ކަރަންޓު އެބަހުރި، ލޭ އެޅުން މެދުކަނޑައިނުލާ
09 އޯގަސްޓު 2025
|
ތެލެސީމިއާ ސެންޓަރުގައި ބަލިމީހުންތަކެއް
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ނަމަވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަލަށް ގާއިމުކުރި ތެލެސީމިއާ ސެންޓަރަށް ސްޓެލްކޯގެ ކަރަންޓު އިއާދަކޮށްފައިވާއިރު، ކަރަންޓު ކެނޑުނު ވަގުތުން ފެށިގެން ބެކްއަޕް ކަރަންޓު ބޭނުންކޮށްގެން ހިދުމަތް މެދުނުކަނޑައި ކުރިއަށް ގެންދިޔަކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމު ވިދާޅުވެއްޖެއެވެ.
ހަލީމު މިފަދައިން ވިދާޅުވީ ކަރަންޓު ބެކްއަޕު ނެތުމުން ތެލެސީމިއާ ޕޭޝެންޓުންނަށް ލޭ އެޅުން ހުއްޓިފައިވާކަމަށާއި، ކަރަންޓޫ ނައިސް ގިނައިރުވެއްޖެނަމަ ބްލަޑް ބޭންކުގައި ރައްކާކޮށްފައި ހުރި ލޭ ހަލާކުވެ ބޭނުންނުކޮށް އެއްލައިލަން ޖެހިދާނެ ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ފަތުރަމުން އައި ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހަލީމު ވިދާޅުވީ މިހާރު ތެލިސީމިއާ ސެންޓަރުގައި ސްޓެލްކޯގެ ކަރަންޓު އެބަހުރި ކަމަށެވެ. އަދި ކަރަންޓު މެދުކެނޑުމާއެކު ބެކްއަޕް ކަރަންޓު ފޯރުކޮށްދީ ހިދުމަތް މެދުކެނޑުނަނުދީ ކުރިއަށް ގެންދިޔަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިިތުރަށް ހަލީމު ވިދާޅުވީ ކަރަންޓު ކެނޑުނު ނަމަވެސް އެއްވެސް އިރެއްގައި ލޭ އެޅުން ހުއްޓާލާފައިނުވާނެ ކަމަށެވެ. އެހެންނަމަވެސް ކަރަންޓު ކެނޑުނު ވަގުތު ފަސް ވަރަކަށް މިނިޓަށް ކްރޮސް މެޗު ހެދުން މަޑުޖައްސައިލަންޖެހުނު ކަމަށެވެ.
އަދި އެތަނުގައި ރައްކާކޮށްފައި ހުރި ލޭ ކޮމްޕްރޮމައިޒްވެފައިނުވާކަން ހަލީމު ޔަގީންކޮށްދެއްވިއެވެ. އަދި މިފަދަަ ހައްސާސް ވަގުތުތަކުގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ތެދު ނޫން މައުލޫމާތު ނުފެތުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
މާލޭގައި ދުވަސްވީ އިމާރާތެއްގައި ތެލެސީމިއާ ސެންޓަރު ހިންގަމުންދަނިކޮށް ހުޅުމާލޭގެ އޮރެންޖް ބިލްޑިންގައި ޒަމާނީ ފެންވަރަށް ތެލެސީމިއާ ސެންޓަރެއް ގާއިމުކޮށް އެތަނުން ހިދުމަތް ދޭން ފެށީ ތެލެސީމިއާ ބަލިމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަަތްޕުޅުގެ ދަށުންނެވެ.
ގައުމީ ދިފާއީ ބާރުން ކުރު މުއްދަތެއްގެ ތެރޭގައި ތައްޔާރުކޮށް ނިންމި އިމާރާތް ހުޅުވުމާއެކު މާލެއިން އެތަނަށް ދާ ތެލިސީމިއާ ބަލިމީހުންނާއި ކުދިންނަށް ހިލޭ ދަތުރުފަތުރުކުރެވޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސާފައެވެ.
މި ސަރުކާރުން އަންނަނީ ހުޅުމާލޭގައި ތެލެސީމިއާ ފަރުވާއަށް ހާއްސަ ވަކި ހޮސްޕިޓަލެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންނެވެ. އެތަން ގާއިމުކުރެވުމުން ތެލެސީމިއާ ބަލީގެ ހުރިހާ ފަރުވާއެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ.
މި ސަރުކާރުން އަންނަނީ ތެލެސީމިއާ ބަލިމީހުންނަށް ބޯން މެރޯ ހަދައިދިނުމުގެ ޕްރޮމު އަލުން ފަށައި ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ކުދިން އެ އޮޕަރޭޝަން ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވަމުންނެވެ.