ENGLISH
09 ސެޕްޓެމްބަރު 2025
ޑޮލަރުގެ މައްސަލަ؛ ފައިސާ ޗާޕުކުރުމުން ވީ ގޮތާއި މިހާރު ހައްލުކުރަން އަޅާ ފިޔަވަޅުތައް
09 އޯގަސްޓު 2025
|
ރައީސް ޑރ.މުއިއްޒާއި ގަވަނަރު މުނައްވަރު، ފޮޓޯ: ރައީސް އޮފީސް
ޝައުގުވެރިކަމާއެކު ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ބަލަމުން އަންނަ ކޮންމެ މީހަކަށް އެންމެ ފާހަގަވާނެ އެއްކަމަކީ ރާއްޖެއަށް ކުރިމަތިވެފައި އޮތް ބޭރު ފައިސާގެ މައްސަލައެވެ. ދިވެހި ރުފިޔާގެ އަގު ދަށްވުމެވެ. ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް އަރައިގެން ދިއުމެވެ. މި މައްސަލައިގެ މޫތައް އޮތީ ފާއިތުވި ފަސް އަހަރުގެ ދައުރުގައެވެ. ހައްލުކުރަން ބަލާއިރު މައްސަލައިގެ ބޮޑުކަމުން މައްސަލަ ހައްލުކުރަން އަދި ވަގުތު ނަގާނެއެވެ.
ކޮންމެ މައްސަލައެއްވެސް ހައްލުކުރެވޭނީ މައްސަލައިގެ އަސްލާއި، މައްސަލަ އޮތް ގޮތް ރަނގަޅަށް ދެނެގަނެވިގެންނެވެ. ބަލި ރަނގަޅަށް ނޭނގި ބައްޔަށް ފަރުވާކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ބޭރު ފައިސާގެ އަގު އުފުލި ދިވެހި ރުފިޔާގެ އަގު ދަށްވުން ގުޅެނީ ފާއިތުވި ފަސް އަހަރު ހިންގާފައިވާ މަނިޓަަރީ ސިޔާސަތާއެވެ. މައިގަނޑު ގޮތެއްގައި ޕަބްލިކް އެކައުންޓު އޮވަރ ޑްރާފްޓުކޮށް ރާއްޖޭގެ އިގުތިސާދަށް ގިނަ އަދަދެއްގެ ފައިސާ ނެރުމާއެވެ.
ކޮވިޑް-19އާއެކު ދުނިޔޭގެ ދަތުރުފަތުރު ހުއްޓުނެވެ. އިގުތިސާދުތައް ތަޅުއެޅުވުނެވެ. އެހެނިހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެވެސް ބަންދުކުރަންޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ބޭރުން އާމްދަނީ ލިބޭނެ ހުރިހާ ދޮރެއްހެން ބަންދުވިއެވެ. އެ ވަގުތު ދައުލަތުގެ މުވައްޒަފުންނަށް މުސާރަދީ، އިގުތިސާދީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އޮތް ހަމައެކަނި މަގަކީ ބޭރުން ދަރަންޏަށް ފައިސާ ނެގުމާއި މަރުކަޒީ ބޭންކުން ފައިސާ ނެގުމެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ދަރަންޏަށް ފައިސާ ނެގޭނެ މިންގަނޑުތައް ބަޔާންކުރާ މާއްދާއާއި، މަރުކަޒީ ބޭންކުން ފައިސާ ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ މާއްދާއަށް އަމަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލީ މިދެންނެވި ސަބަބާހުރެއެވެ. ނަމަވެސް 2021 ވަނަ އަހަރު ކޮވިޑުން އަރައިގަންނަަން ފެށުނު ނަމަވެސް 2022 އާއި 2023 ގައިވެސް އެ މާއްދާތައް ސަސްޕެންޑުކުރިއެވެ.
ޕަބްލިކް އެކައުންޓު އޯވަރޑްރޯކޮށްގެން ނުވަތަ ޗާޕުކޮށްގެން އިގުތިސާދަށް އަށް ބިލިއަނެއްހައި ރުފިޔާ 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނޮވެންބަަރު 17 ވަނަ ދުވަހާ ދެމެދު ނެރެފައިވެއެވެ. އެގޮތަށް ނެރުނު ފައިސާގެ ތެރެއިން ބޮޑު އަދަދެއް ދިގު މުއްދަތުގެ ބޮންޑަށް ބަދަލުކުރިއެވެ.
އެގޮތުން ފުރަތަމަ އަަހަރު 4.4 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ޗާޕުކުރުމަށްފަހު އެ ފައިސާ އަނބުރާ ދެއްކުން ލަސްކުރުމުގެ ގޮތުން އެ ފައިސާއަކީ ބޮންޑަކަށް ބަދަލުކުރިއެވެ. އެއަށްފަހު އިތުރު 2.5 ބިލިއަން ރުފިޔާ ޗާޕުކުރަން ސަރުކާރުން ނިންމިއެވެ. ފުރަތަމަ ޗާޕުކުރި ފައިސާ ބޮންޑަކަަށް ބަދަލުކޮށް އެ ފައިސާ ދެއްކުން 50 އަހަރަށް ދިގު ދަންމައިލިއެވެ. ފަހުން ޗާޕުކުރި ފައިސާވެސް ދިގު މުއްދަތަށް ބޮންޑަށް ބަދަލުކުރިއެވެ.
މި ފިޔަވަޅުގެ ނަތީޖާއަކީ ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާގެ ލިކުއިޑިޓީ ނުވަތަ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަން ކަނޑައަޅާފައިވާ ރުފިޔާ އެމްއާރުއާރުގެ އިތުރުން ޖަމާކޮށްފައިވާ ބެލެންސް ނުވަތަ އެކްސެސްކޮށް ހުންނަ ރުފިޔާ ރިޒަރވްސް އާއި އެމްއެމްއޭގެ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީގައި އިންވެސްޓްކޮށްފައިވާ އަދަދު ވަރަށް ބޮޑަށް އިތުރުވުމެވެ. އެގޮތުން 2020 ވަނަ އަހަަރާ އަޅާބަލާއިރު ދިވެހި ރުފިޔާގެ ލިކުއިޑިޓީ 178 އިންސައްތަ އިތުރުވިއެވެ.
ބޭންކިން ނިޒާމުގައި ދައުރުވާ ދިވެހި ރުފިޔާ އިތުރުވުމުން ނިކުންނަ ނަތީޖާއަކީ އެ ރުފިޔާއިން ޑޮލަރަށް ކުރާ ޑިމާންޑު އިތުރުވުމެވެ. އެއީ އިމްޕޯޓަށް ބަރޯސާވާ ގަައުމަކަށްވާތީ ރާއްޖެއަށް ކުރިމަތިވާނެ ގޮންޖެހުމެވެ.
މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކިން ނިޒާމުގައި ރުފިޔާ ލިކުއިޑިޓީގެ ގޮތުގައި އެވެރެޖުކޮށް ހަތް ބިލިއަން ރުފިޔަ ހުރިކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.
ފައިސާ ޗާޕުކުރުމުން ދެން ކުރިމަތިވި އަނެއް މައްސަލައަކީ ބޭންކުތަކުގައި ޑިޕޮސިޓުކޮށްފައި ހުރި ދިވެހި ރުފިޔާއާއި ޑޮލަރުގެ ފަރަގު ބޮޑުވުމެވެ. ރުފިޔާ ޑިޕޮސިޓުކުރާ މިންވަރު އިތުރުވަމުންދާއިރު ޑޮލަރު ނުވަތަ ބޭރު ފައިސާ ޑިޕޮސިޓުކުރާ މިންވަރު އިތުރުނުވުމެވެ. މިވެސް ބޭރު ފައިސާއަށް އޮންނަ ޑިމާންޑު އިތުރުވާ ސަބަބެކެވެ.
މިދެންނެވި ހުރިހާ މައްސަލައެއް އެއްފަހަރާ ފެންމަތިނުވި ނަމަވެސް އިގުތިސާދުގެ އަސާސްތައް ބަލިކަށިވެފައި އޮތުމުން މަޑުމަޑުން އެ މައްސަލަތައް ދިޔައީ ފެންމަތިވަމުންނެވެ. މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތުގެ ނަތީޖާވެސް އަންނަނީ ފެންނަމުންނެވެ.
ފައިސާ ޗާޕުކުރުމުން ކުރިމަތިވި މައްސަލަތައް ހައްލުކުރަން ފެށުމަށްޓަކައި އަޅަންޖެހުނު ފުރަތަމަ ފިޔަވަޅަކީ ފައިސާ ޗާޕުކުރުން ހުއްޓައިލުމެވެ. 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ރިޕޯޓުތަކުގައި ފައިސާ ޗާޕުކުރުން ހުއްޓައިލުމަށް އިލްތިމާސްކުރިއެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވުމުގެ އިތުރަށް ފަސް އަހަރު ތެރޭ ރާއްޖޭގެ ބޭރުގެ ދަރަނި އިންތިހާއަށް އިތުރުވުމާއެކު، ފައިސާ ޗާޕުކުރުމުގެ ސަބަބުން ރުފިޔާގެ އަގު ވެއްޓޭނެކަމާއި، ތަކެތީގެ އަގު އުފުލޭނެކަން އެ އިދާރާއިން ފާހަގަކުރިއެވެ. ނަމަވެސް އެ ވާހަކަތަކަށް ސަމާލުކަމެއް އެއިރު ދެވިފައި ނެތެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު 17 ނޮވެންބަރު 2023 ވަނަ ދުވަހު ރައީސްކަމުގެ ހުވައިކުރެއްވުމާއެކު ފައިސާ ޗާޕުކުރުން ހުއްޓުވިއެވެ. އަދި ޗާޕުކުރެވޭ ގޮތަށް ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ސަސްޕެންޑުކުރަމުން އައި އައުން ނިމުމަކަށް ގެންނެވިއެވެ.
ފައިސާ ޗާޕުކުރުމުން ބޭންކިން ނިޒާމުގައި ދިވެހި ފައިސާ އިތުރުވެ، ބޭރު ފައިސާގެ ޑިޕޮސިޓާއި ދިވެހި ފައިސާގެ ޑިޕޮސިޓުގެ ފަރަގު ބޮޑުވި މައިގަނޑު އެއް ސަބަބަކީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ބޭންކުތަކަށް ޖަމާނުކުރުމެވެ. 2023 ވަނަ އަހަރު ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބުނު އާމްްދަނީ އިތުރުވި ނަމަވެސް ބޭންކުތަކަށް ވައްދާފައިވަނީ އާމްދަނީގެ 52 އިންސައްތަައެވެ. 2019 ވަނަ އަހަރު ޓޫރިޒަމް ވިޔަފާރިތަކަށް ލިބުނު އާމްދަނީގެ 74 އިންސައްތަ ބޭންކުތަކަށް ވެއްދިއެވެ.
2019 ވަނަ އަހަރު ޓޫރިޒަމް ވިޔަފާރިތަކަށް ލިބުނު އާމްދަނީގެ %6 ބޭންކުތަކަށް ވިއްކި ނަމަވެސް 2023 ވަނަ އަހަރު ބޭންކުތަކަށް ޓޫރިސްޓު ވިޔަފާރިތަކުން ވިއްކީ އެ ވިޔަފާރިތަކުގެ އާމްދަނީގެ އެންމެ 3 އިންސައްތައެވެ. އެއީ އެންމެ 68 މިލިއަން ޑޮލަރެވެ.
މިއީ ޒަމާންވީ މައްސަލައެކެވެ. މި މައްސަލަ ހައްލުކުރުމަށް ފަތުރުވެރިކަމުގެ ވިޔަފާރިތަކުގެ އާމްދަނީގެ ވަކި މިންވަރެއް ބޭންކުތަކަަށް މާރުކުރުން ލާޒިމުކޮށް ގަވާއިދެއް ނިމުނު އަހަރުގެ އޮކްޓޯބަރު މަހު އެކުލަވައިލިއެވެ. މި އަހަރުގެ ޖަނަވަރީގައި އެ އުސޫލުތައް ހިމެނޭ ގާނޫނެއް އެކުލަވައިލާ އެއަށް އަމަލުކުރަން ފެށިއެވެ.
ނަތީޖާއަކީ ބޭރުފައިސާއިން އާަމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރު އިތުރުވުމެވެ. އަދި މަރުކަޒީ ބޭންކަށް ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ޑޮލަރު ލިބޭނެ މަގެއް ފަހިވުމެވެ. އަދި ބޭންކުތަކުން މަރުކަޒީ ބޭންކަށް ވިއްކާ ޑޮލަރުގެ ބޮޑު ބައެއް އަނބުރާ އިގުތިސާދަށް ނެރެން ފެށުމެވެ.
އޭގެ އިތުރަށް ބޭންކުތަކުން ބޭރު ފައިސާއިން ދޫކުރާ ލޯނުތައް އިތުރުކުރަން އެހީތެރިވުމަށް ބޭންކުތަކުން އެމްއެމްއޭގައި ބޭރު ފައިސާއިން ބަހައްޓަންޖެހޭ ރިޒާވްގެ އެންމެ ކުޑަ މިންވަރު %5 އަށް ކުޑަކޮށްފައިވެއެވެ. ނަތީޖާއަކީ ވަގުތުން ވަގުތަށް ލޯނުގެ ގޮތުގައި ދޫކުރާނެ 45 މިލިއަން ޑޮލަރު ބޭންކުތަކަށް ލިބުމެވެ.
މި ސިޔާސަތުތަކުގެ ނަތީޖާ އަންނަނީ ފެންނަމުންނެވެ. ބޭންކުތަކުން ވިޔަފާރިތަކާއި އާއްމު ފަރުދުންނަށް ޑޮލަރުން ދޭ ހިދުމަތްތައް މިހާރު އިތުރުކޮށް ފުޅާކޮށްފިއެވެ. ދަރިވަރުންނަށް ދޭ އެހީ އިތުރުކޮށްފިއެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ބޭންކުން ވިއްކާ ޑޮލަރު އިތުރުވެއްޖެއެވެ. ދަރިވަރުންގެ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކާއި އާއްމުންގެ ދިވެހި ރުފިޔާ ޑެބިޓު ކާޑުތަކުން ކުރެވޭ ޑޮލަރު މުއާމަލާތްތަކުގެ ލިމިޓު ވަރަށް ބޮޑަށް އިތުރުކޮށްފިއެވެ. އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބީއެމްއެލްއިން ދޭ ޑޮލަރުގެ އެހީވެސް އިތުރުކޮށްފިއެވެ.
މި ހުރިހާ ކަމެއް ހާސިލުކުރެވުނުއިރު ދައުލަތުގެ ދަރަނި އަދާކުރުމަށް ހޭދަކުރި ބޭރު ފައިސާަގެ އަދަދު 60 އިންސައްތަ އިތުރުވެއްޖެއެވެ. ރިޒާވްގައި ހުރި ފައިސާގެ އަދަދު ނިމުނު އަހަރަށްވުރެ ބޮޑު ތަނުން އިތުރުކުރެވި، ބޭނުންކުރެވޭ ރިޒަރވްގައި 200 މިލިއަނަށްވުރެ ގިނަ ޑޮލަރު އެބަހުއްޓެވެ.
އެހެންކަމުން ސަރުކާރުގެ ސިޔާސަތުތަކާއެކު ރައީސް ޑރ.މުޢިއްޒު ކަނޑައެޅުއްވި މާލީ އަމާޒަށް ވާސިލުވެވި، ޑޮލަރުގެ ތާށިކަމުން އަރައިގަނެވުމާ ގާތަށް މިއަދު މިވަނީ ދަތުރުކުރެވިފައެވެ. ހަތަރު އަހަރު މެދުކެނޑުމެއްނެތި، ބަލައިލުމެއް، ވިސްނުންތެރިކަމެއް ނުބަހައްޓައި ފައިސާ ޗާޕުކޮށް، އުފެއްދުންތެރިކަމަކަށް ހަރަދުނުވާ ގޮތަށް ބިލިއަނުން ދަރަނި ނަގައިގެން އުފަންކުރި މާލީ މައްސަލަތައް ހައްލުކުރަން ވަގުތު ނަގާނެއެވެ. ނަމަވެސް މައްސަލަތައް ހައްލުވަމުންދާކަން މިއޮތީ ހާމައަށް ފެންނާށެވެ.