ENGLISH
09 ސެޕްޓެމްބަރު 2025
މަސްވެރިންގެ ގާތަށް ގޮސް ހިޔާލު ހޯދާނަން، މަސައްކަތް ކުރާނީ މަސްވެރިންނާއި ގުޅިގެން ކަންކަން ހައްލުކުރަން: އެމްޕީއެލް
08 އޯގަސްޓު 2025
|
އެމްޕީއެލްއިން މަސްވެރިންނާއި އެކީ ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ވަގުތު
މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން ދާކަމަށާއި މަސްވެރިންގެ ގާތަށް ގޮސް ޚިޔާލު ހޯދާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.
ނޯތު ހާބަރު ސަރަހައްދުގައި ހުންނަ މަސްވެރިން ބޭނުންކުރާ ސަރަހައްދަށް ބަދަލުތައް ގެނައުމާއި ގުޅޭގޮތުން މަސްވެރިންނާ ބައްދަލުކޮށް ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރިޝްވާން ވިދާޅުވީ މާލެ ނޯތު ހާބަރަށް ގެންނަ ކޮންމެ ބަދަލެއް ގެންނާނީ އެތަން ބޭނުންކުރާ މަސްވެރިންގެ ލަފަޔާއި އިރުޝާދާއެކުގައި ކަމަށެވެ.
"މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަން ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުން. އެގޮތުން މަސްވެރިންގެ ގާތައް އަޅުގަނޑުމެންނަށް ގޮސް ހިޔާލު ހޯދާނެ. މަސްވެރިންނާއި ގުޅިގެން ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާނަން،" - އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން
މާލޭ ނޯތު ހާބަރުން ފެށިގެން މަސްމާރުކެޓާ ހަމައަށް އުތުރު ބަނދަރު ބޮޑުކޮށް އެ ސަރަހައްދު ހިންގައި ބެލެހެއްޓުމަށް އެމްޕީއެލާ ހަވާލުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގައެވެ.
މިކަމާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ މަސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރިޝްވާން ވިދާޅުވީ ނޯތު ހާބަރު ސަރަހައްދުގައި މަސްވެރިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މަސްވެރިންނާއެކު މަސައްކަތް ކޮށް، މަސްވެރިންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ފެނާއި، ކަރަންޓު، އައިސް އަދި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ 2027 ގެ ނިޔަލަށް ނޯތު ހާބަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން މުޅިން ހައްލުވާނެ ކަމަށެވެ. ނަމަވެސް އޭގެ ކުރިން އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތައް ގާއިމްކޮށް، ޖާގައިގެ ދަތިކަމަށް ލުޔެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރިޝްވާން ވިދާޅުވިއެވެ.
ނޯތު ހާބަރުގެ ބާކީ ސަރަހައްދާ އެމްޕީއެލް އިން ހަވާލުވުމަށް ފަހު އެ ކުންފުނިން ވަނީ އިތުރު ކުރެވުނު ބައި ތަރުތީބުކޮށް، އިންތިޒާމް ކުރުމުގެ މަސައްކަތް ފަށައިފައެވެ.