ENGLISH
04 ސެޕްޓެމްބަރު 2025
އެމްޕީ ޝަރީ ކަޕް 2025: ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ގޫޕްސް ސްޕޯޓްސް ކްލަބު ހޯދައިފި
06 އޯގަސްޓު 2025
|
މުބާރާތުގެ ޗެމްޕިއަން ޓީމަށް ކުޅިވަރު ވަޒީރު ރާފިޢު ޓްރޮފީ ހަވާލުކޮށްދެއްވަނީ.
ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ޢަބްދުﷲ ޝަރީފްގެ ފަރާތުން އެ ދާއިރާގައި ހިމެނޭ ރަށްތަކަށް ޚާއްޞަކޮށް ބާއްވާ، "އެމްޕީ ޝަރީ ކަޕް 2025" ގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހއ. ފިއްލަދޫގެ ގޫޕްސް ސްޕޯޓްސް ކްލަބު ހޯދައިފިއެވެ.
ފިއްލަދޫ ގްރައުންޑްގައި ރޭ ކުޅުނު ފައިނަލް މެޗުގައި ގޫޕްސް ސްޕޯޓްސް ކްލަބުން ވަނީ 2-1 އިން ވަށަފަރު އާރްބީއެލް ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ.
މި މެޗުގައި ގޫޕްސް ޓީމުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އާދަމް ޢަބްދުއްރަހީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ. މި މެޗުގައި އާރްބީއެލް ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޝިފާހް އެވެ.
މެޗުގެ ކުރީން ދެ ޓީމުގެ ކުޅުންތެރިންނާ ވަޒީރު ރާފިޢު ސަލާމްކުރައްވަނީ.
މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި ޗެމްޕިއަން ޓީމަށް ހަނދާނީ ލިޔުމާއި، މެޑެއްޔާއި ޓްރޮފީ ދީފައިވާއިރު، އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
މި މަގާމުތަކަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނި ލިޔުން އަދި މެޑެލް ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު ރާފިޢުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރު ޢަބްދުﷲ ނާޞިރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އިބްރާހިމް (ކައްޕި) އެވެ.
ގޫޕްސްއާ އާރްބީއެލް ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން.
މި މުބާރާތަކީ، ކެލާ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ، ކެލާ އާއި ވަށަފަރު އަދި ފިއްލަދޫ އަށް ނިސްބަތްވާ ފިރިހެން ބޭފުޅުންނަށް ޚާއްޞަކޮށް ކުރިއަށްގެންދާ ފުޓްސަލް މުބާރާތެކެވެ. މުޅި މުބާރާތުގައި މި ތިން ރަށުން ޖުމްލަ އަށް ޓީމެއް ވާދަކުރިއެވެ.
ރޭގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެމްޕިއަން ޓީމު ކަމަށްވާ، ގޫޕްސް ސްޕޯޓްސް ކްލަބަށް 50،000ރ. ގެ އަގުހުރި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައިވާއިރު، ރަނަރަޕް މަގާމަށް ހޮވުނު އާރްބީއެލް ސްޕޯޓްސް ކްލަބަށް 20،000ރ. ގެ ފައިސާ އިނާމު ވެސް ވަނީ ހަވާލުކޮށްދެއްވާފައެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތައް:
އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ: ޢަބްދުﷲ ވިސާމް (ގޫޕްސް ސްޕޯޓްސް ކްލަބް)
އެންމެ އުއްމީދީ ކުޅުންތެރިޔާ: މުޙައްމަދު ފައިޒާން ފަޒީން (ޓީއޯ ސްޕޯޓްސް ކްލަބް)
އެންމެ މޮޅު ކޯޗު: އަނަސް މޫސާ (ގޫޕްސް ސްޕޯޓްސް ކްލަބް)
ފެއާޕްލޭ ޓީމު: ޓީއޯ ސްޕޯޓްސް ކްލަބް (ކެލާ)
ކިންގ އޮފް ދަ ޓޯނަމަންޓް: ޢަބްދުﷲ ވިސާމް (ގޫޕްސް ސްޕޯޓްސް ކްލަބް)
އެންމެ މޮޅު ފަސް ކުޅުންތެރިން: ޢަބްދުﷲ ވިސާމް (ގޫޕްސް ސްޕޯޓްސް ކްލަބް)، ހުސައިން ޝިފާހު (އާރްބީއެލް ސްޕޯޓްސް ކްލަބް)، އާދަމް ޢަބްދުއްރަހީމް (ގޫޕްސް ސްޕޯޓްސް ކްލަބް)، ޢަބްދުﷲ ނާސިފު (ގޫޕްސް ސްޕޯޓްސް ކްލަބް)، އާދަމް އަޒްމީ (އަންގަބޫލަބަލް ޖޫނިއާ).