ENGLISH
04 ސެޕްޓެމްބަރު 2025
ފުޓްބޯޅައިގެ "ޑައިމަންޑް ޖުބިލީ ކޮމިޓީ" ގެ ޗެއާޕާސަނަކަށް ސުޒޭން
06 އޯގަސްޓު 2025
|
ރާއްޖޭގެ ތަޖުރިބާކާރު ކޯޗު، އަލީ ސުޒޭން. މީގެކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: އޭއެފްސީ
ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތަކަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އެފްއޭއެމުން އަލަށް އެކުލަވާލި "ޑައިމަންޑް ޖުބިލީ ކޮމިޓީ" ގެ ޗެއާޕާސަނަކަށް ތަޖުރިބާކާރު ކޯޗު، އަލީ ސުޒޭން ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި 1950 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން، ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 2000 ވަނަ އަހަރު ވަނީ "ގޯލްޑެން ޖުބިލީ" ގެ ނަމުގައި އެ އަހަރު ފޯރިގަދަ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވާފައެވެ.
އެފްއޭއެމުން ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ މަޤާމަށް ގެންދިއުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، މިހާރު ރާއްޖޭގެ ފުޓްބޯޅަ އޮތް ދަށް ހާލަތުން ރަނގަޅުކޮށް، ކުލަބުތަކުގެ ބައިވެރިވުމާއެކު އަންނަނީ މުހިއްމު ގިނަ މަޝްވަރާތަކެއް ކުރިއަށްގެންދަމުންނެވެ.
އޭގެތެރެއިން، ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބިލް ފާހަގަކުރުމުގެ ގޮތުން އަންނަ އަހަރުގެ ޖޫން މަހަށް ތާވަލްކޮށްފައިވާ މުބާރާތުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް އެކުލަވާލި "ޑައިމަންޑް ޖުބިލީ ކޮމިޓީ" ގައި ސުޒޭންގެ އިތުރުން ދެން ހިމެނެނީ؛ ޑެޕިއުޓީ ޗެއާޕަސަންގެ ގޮތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަން އަހުމަދު މުބީން، މެންބަރުންގެ ގޮތުގައި ކްލަބް ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު، ޢަބްދުލް ލަތީފް މުޙައްމަދު އެވެ.
އެފްއޭއެމްގެ އެކްސްކޯއިން ފާސްކުރި ކޮމިޓީތަކަށް ބަލާއިރު، ވިމެންސް ފުޓްބޯލް ކޮމިޓީގައި ހިމެނެނީ؛ ޗެއާޕާސަންގެ ގޮތުގައި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އިބްރާހިމް (ކައްޕި)، ޑެޕިއުޓީ ޗެއާޕާސަނަކަށް އެފްއޭއެމްގެ އެކްސްކޯ މެންބަރު، ހައްވާ ނަސްރާ ސައީދު އާއި މެންބަރެއްގެ ގޮތުގައި އެކްސްކޯގައި އިންނަވާ ހައްވާ ރަޝީދާ އެވެ.
އެމޭޗާ އެންޑް ގްރާސްރޫޓްސް ކޮމިޓީގެ ޗެއާޕާސަންގެ ގޮތުގައި، އެފްއޭއެމްގެ އެކްސްކޯ މެންބަރު މުޙައްމަދު އުމެއިރު ހިމެނޭގޮތަށް ޑެޕިއުޓީ ޗެއާޕާސަނަކަށް އޮޑި ސްޕޯޓްސް ކްލަބުގެ ފަރީދު މުޙައްމަދު އާއި މެންބަރުންގެ ގޮތުގައި ގްރީން ސްޓްރީޓްސްގެ ލޫތު މުޙައްމަދު، ނިއު ރޭޑިއަންޓްގެ ޒަހީނުއްދީން އާއި މާޒިޔާގެ މުޙައްމަދު އަރީފެވެ.
މީގެއިތުރުން، އެޑްހޮކް ކޮމިޓީތަކުގެ ތެރެއިން، ފުޓްސަލް އެންޑް ބީޗްސޮކާ ކޮމިޓީގެ ޗެއާޕާސަންގެ ގޮތުގައި، އެފްއޭއެމްގެ ނައިބު ރައީސް، މުޖުތަބާ ޖަލީލް (މުޖޭ) ހަމަޖައްސާފައިވާއިރު، ވައިސް ޗެއާޕާސަނަކަށް، ހަމަޖެއްސީ އެފްއޭއެމްގެ އެކްސްކޯ މެމްބަރު، އިމްރާން މުހައްމަދު އެވެ. މި ކޮމިޓީގައި ހިމެނޭ އިތުރު މެންބަރުންނަކީ، ޓީސީ ސްޕޯޓްސް ކްލަބުން ހުސެއިން ނިހާދު އާއި އޮޑި ސްޕޯޓްސް ކްލަބުން އަބްދުﷲ ޝައްފާން އެވެ.