ENGLISH
04 ސެޕްޓެމްބަރު 2025
އެފްއޭއެމް އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް
06 އޯގަސްޓު 2025
|
އަލަށް އިންތިހާބުވި އެފްއޭއެމްގެ އެކްސްކޯ މެންބަރުން.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ މެނޭޖްމަންޓުން އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ކޮށްފައިވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެ މައްސަލަތައް ހައްލުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.
އެގޮތުން، އެފްއޭއެމުން އިއްޔެ ބޭއްވި އެކްސްކޯގެ ދެވަނަ ބައްދަލުވުމުގައި ވަނީ، ހުޅުމާލޭގައި ފުޓްބޯޅަ ސްކޫލެއް ޤާއިމުކުރުމަށް އެ އެސޯސިއޭޝަނަށް ކުރިން ދިން ބިމާ ގުޅޭ ޚާއްޞަ އޮޑިޓެއް ކުރަން އޮޑިޓަރ ޖެނެރަލްގެ އެހީތެރިކަން ހޯދުމަށާއި، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާގެ ހުއްދަނެތި އިމާރާތުގެ ކުރެހުމަށް ބަދަލުގެނެސް އެތަނުގައި ގުދަންތަކެއް ހެދި މައްސަލައިގައިވެސް ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ.
އެފްއޭއެމުން ބުނީ، ހުޅުމާލޭގައި ފުޓްބޯޅަ ސްކޫލެއް އިމާރާތްކޮށް، ފުޓްބޯޅަ ޓްރެއިނިންގ ފެސިލިޓީއެއް ޤާއިމުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ އެސޯސިއޭޝަނާ ހަވާލުކުރި ބިން، އެ ބިން ހަވާލުކުރި މަޤްޞަދާ ހިލާފަށް ވަރަށް ގިނަ ކަންކަން ގޮސްފައިވާކަމަށް ފެންނާތީވެ، ފުޓްބޯޅަ ޓްރެއިނިންގ ސްކޫލް އެޅުމަށް ދޫކުރި ބިމާއިބެހޭ ޚާއްޞަ އޮޑިޓެއް ކުރުމަށް ނިންމައި، އަދި އެ އޮޑިޓްކުރުމުގައި ދަޢުލަތުގެ އޮޑިޓަރ ޖެނެރަލްގެ އެހީތެރިކަމަށް އެދިވަޑައިގަންނަވަން ނިންމާފައިވާ ކަމަށެވެ.
އަދި، ހުޅުމާލޭގައި ފުޓްބޯޅަ ޓްރެއިނިންގ ފެސިލިޓީއެއް ޤާއިމުކުރުމަށް ދޫކުރި ބިން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވާކަމަށް ފެންނާތީ އާއި، އެފްއޭއެމްގައި އެ ބިންތައް ކުއްޔަށްދޫކުރިކަމުގެ ހުރިހާ އެއްބަސްވުންތަކެއް ފެންނަންނެތުމާއެކު އެފަދަ އެއްބަސްވުމެއް އޮތް ފަރާތެއްނަމަ އެ ފަރާތެއް (މީގެތެރޭގައި ސަބްލީސްކޮށްފައިވާ ފަރާތެއްވާނަމަ އެފަރާތްވެސް ހިމެނޭގޮތަށް) އެ އެއްބަސްވުމެއްގެ ކޮޕީ އެ އެސޯސިއޭޝަނާ ހިއްސާކޮށްދިނުމަށް އެދި ޢާއްމު އިޢުލާނުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މީގެއިތުރުން، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާގެ ފައިސާގެ އެހީތެރިކަމާއެކު ހަދަމުންދިޔަ އިމާރާތް، ފީފާގެ ހުއްދަނެތި އިމާރާތުގެ ކުރެހުމަށް ބަދަލުގެނެސް، ގުދަންތަކެއް ހަދައި، އެ ގުދަންތައް ކުއްޔަށްދީފައިވާ ކަމަށް ފެންނާތީއާއި، އެފްއޭއެމްގައި އެ ގުދަންތައް ކުއްޔަށް ދޫކުރިކަމުގެ ހުރިހާ އެއްބަސްވުންތަކެއް ފެންނަންވެސް ނެތުމާއެކު އެފަދަ ސައްހަ އެއްބަސްވުމެއް އޮތް ފަރާތެއްވާނަމަ އެ ފަރާތެއް (މީގެތެރޭގައި ސަބްލީސްކޮށްފައިވާ ފަރާތެއްވާނަމަ އެ ފަރާތެއްވެސް ހިމެނޭގޮތަށް) އެ އެއްބަސްވުމެއްގެ ކޮޕީ އެ އެސޯސިއޭޝަނާ ހިއްސާކޮށްދިނުމަށް އެދި ޢާއްމު އިޢުލާނެއް ކުރުމަށް ނިންމާފައިވެއެވެ.
އަދި، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާގެ ފައިސާގެ އެހީތެރިކަމާއެކު ހަދަމުންދިޔަ އިމާރާތަށް އެފްއޭއެމުން ވަކިގޮތެއް އަންގަންދެން އެއްވެސް ބަދަލެއް ނުގެނައުމަށާއި، އެ އިމާރާތް ހިމެނޭ ބިމުގެ ސަރަހައްދުގައި އިތުރު އިމާރާތެއް ވަގުތީގޮތުން ވެސް ނުހެދުމަށް ޢާއްމުކޮށް އިޢުލާނުކޮށް އެންގުމުގެ އިތުރުން އެ ސަރަހައްދުގައި އެކަން އަންގާ ނޯޓިސް ހަރުކުރުމަށް ވެސް އެ އެސޯސިއޭޝަނުގެ އެކްސްކޯއިން ވަނީ ނިންމާފައެވެ.
މި ބިންތައް ކުއްޔަށް ދޫކުރި ދުވަސްވަރު އެފްއޭއެމްގެ ރައީސް ކަމުގައި ހުންނެވީ ބައްސާމް އަދީލް ޖަލީލެވެ. މިދިޔަ އަހަރުގެ ޖޫން މަހު ފީފާގެ މިނިވަން އެތިކްސް ކޮމިޓީން ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި، ނުވަ މަސް ދުވަހަށް ބައްސާމް ސަސްޕެންޑްކޮށްފައެވެ. މީގެއިތުރުން، ބައްސާމްގެ މައްޗަށް ރާއްޖޭ ކޯޓުތަކުގައި ޚިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއްގެ ތުހުމަތުކޮށް، ވަނީ ދައުވާ އުފުލާފައެވެ.